އެކަނި ނިކުމެ ރަސްދޫ ދޮންބެގެ މުޙައްމަދު، 152 ކިލޯގެ މަސްހިބަރެއް ބާނައި "ރެކޯޑެއް" ހަދައިފި

ގިނިކަންޏާ ނިކުމެ ދޮންބެގެ މުޙައްމަދު، 152 ކިލޯގެ މަސް މަސްހިބަރެއް ބާނައި ރެކޯޑެއް ހަދައިފި -- ފޮޓޯ: ނާޒިމް ހުސައިން-ފޭސްބުކް

އެކަނިމައިއެކަނި ކުރުމަހަށް ނިކުމެ އއ. ރަސްދޫއަށް ނިސްބަތްވާ، މުޙައްމަދު އަބްދުލްޣަފޫރު ނުވަތަ އާންމު ނަމުންނަމަ ދޮންބެގެ މުޙައްމަދު، 152 ކިލޯގެ މަސްހިބަރެއް ބާނައި ރެކޯޑު ހަދައިފިއެވެ.

އުމުރުން 55 އަހަރުގެ މުޙައްމަދު "ސަން"އަށް ބުނީ އެ ރަށުން ކަންނެއްޔަށް ނިކުންނަ ދޯނިފަހަރުތަކުން އެވަރުގެ ބޮޑެތި ހިބަރު ބާނާކަމަށާއި ނަމަވެސް އެކަނި ޑިންގީއެއްގައި ނިކުމެ އެވަރުގެ ބޮޑު މަހެއް އެ ރަށުން އަދި ބޭނީ އޭނާ ކަމަށެވެ.

މި ހިބަރު ބޭނި ގޮތާ ގުޅޭގޮތުން މަޢުލޫމާތު ދެމުން މުޙައްމަދު ބުނީ، މަސް ގަތް ވަގުތު އެ ބޭނޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތް ކަމަށެވެ. ސަބަބަކީ އެ ސަރަހައްދުގައި އުޅޭ އެ ހިބަރު މީގެ ކުރިންވެސް އެތައް ފަހަރަކު އޭނާގެ ނަނުގައި ގަނެ، ނަނު ބުރިކޮށްލުމަށްފަހު ސަލާމަތްވެފައި ވާތީ ކަމަށް ބުންޏެވެ.

"އޭތި ގަތީމައި ނެތް މާބޮޑު އުންމީދެއް ބޭނޭނެކަމުގެއެއް. އެއީ އެ ހިބަރަކީ އެއީ އެ ސަރަހައްދުގައި އުޅޭ އެއްޗެއް. މީގެ ކުރީންވެސް ދެތިން ފަހަރެއްގެ މަތީން ގަނެފިއޭ އެ. އެކަމު ހަމަ ކަނޑާލާފައި ދަނީ،" މުޙައްމަދު ބުންޏެވެ.

މުޙައްމަދު ފާހަގަކުރި ގޮތުގައި އެ މަހުގެ ބޮޑުމިން އޭނާ ދަތުރުކުރި ޑިންގީއާ ގާތްގަނޑަކަށް އެއްވަރެވެ. މަސް ބޭނުމަށްފަހު ޑިންގީއަށް އެރުވުނީ، ވަދު ޖަހަމުން ރަށާ ދިމާލަށް ދަނިކޮށް ދިމާވި ބައެއްގެ އެހީތެރިކަމާ އެކުގައެވެ.

ކުރުމަހުގެ މަސްވެރިކަމަކީ އޭނާ ކޮށްއުޅޭ މަސައްކަތް ކަން ފާހަގަކޮށް މުޙައްމަދު ބުނީ، ކުރުމަހުގެ މަސްވެރިކަންކޮށް ރެކޯޑު ހަދާ މީހަކަށް އެ އަތޮޅުގައި އުޅޭ މީހަކަށް އޭނާވާނެ ކަމަށެވެ. އެގޮތުން މީގެ ކުރީންވެސް 25 ކިލޯގެ ކުރުމަހެއް އޭނާ ބާނައި ރެކޯޑު ހަދާފައިވާނެކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް