ޕެރިސް (24 ފެބްރުއަރީ 2026): ފަރަންސޭސިވިލާތުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑިޕްލޮމެޓިކް އުސޫލުތަކަށް ބޯނުލަނބައި ނުކިޔަމަންތެރިކަން ދެއްކުމުން ފަރަންސޭސި ސަރުކާރުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ.
މިކަން ހާމަކުރައްވަމުން ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން ނޮއެލް ޕެރޯ ވިދާޅުވީ ޕެރިހުގައި ހުންނަވާ އެމެރިކާގެ ސަފީރު ޗާލްސް ކުޝްނާއަށް ފަރަންސޭސި އެއްވެސް މަސްއޫލުވެރިއަކާ ދެން ބައްދަލުނުކުރެވޭނެ ކަމަށެވެ. އަދި މުއާމަލާތްވެސް ނުކުރެވޭނެ ކަމަށެވެ.
"އެމެރިކާގެ ސަފީރާ އެއްވެސް މުއާމަލާތެއް ނުކުރުމަށް ފަރަންސޭސި ޚާރިޖީ ވުޒާރާއިން އެ ގައުމުގެ ވަޒީރުންނާއި އެނޫންވެސް އިސް މަސްއޫލުވެރިންނަށް ވާނީ އަންގާފައި،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާގެ ސަފީރު ޗާލްސް ކުޝްނާ އާ ދެކޮޅަށް މި ފިޔަވަޅު އެޅީ ފަރަންސޭސި ޚާރިޖީ ވުޒާރާގެ އަމުރުތަކަށާއި ޑިޕްލޮމެޓިކް ޕްރޮޓެކޯލްތަކަށް އޭނާ ކިޔަމަންވެވަޑައިނުގެން ފަރަންސޭސި ސަރުކާރަށް ޖެއްސުން ކުރަމުން ގެންދާތީ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
މިގޮތުން ޑިޕްލޮމެޓިކް ގޮތުން އަންގަންޖެހޭ އެންގުންތަކެއް އެންގުމަށް ފަރަންސޭސި ޚާރިޖީ ވުޒާރާއަށް ހާޒިރުވުމަށް އެމެރިކާގެ ސަފީރަށް ތަކުރާރުކޮށް އެންގުމުންވެސް އޭނާ ވަނީ އެކަމަށް ގޮންޖައްސަވައި ފަރަންސޭސި ޚާރިޖީ ވުޒާރާއަށް ހާޒިރުވުމަށް ދެކޮޅު ހައްދަވާފައި ކަމަށް ވެއެވެ.
މިކަމުގެ އަދަބެއްގެ ގޮތުން އެމެރިކާގެ ސަފީރަށް ދެން ފަރަންސޭސި މަސްއޫލުވެރިއަކާ ބައްދަލު ނުކުރެއްވޭނެކަން އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލާގައި ޕެރިހުގައި ހުންނަ އެމެރިކާގެ އެންބަސީން ވަކި އެއްޗެއް ނުބުނެއެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާގެ ގުޅުންތައް މިފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއީ ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައިއާއި ޔޫރަޕްގެ ސަރަހައްދެއްގެ ގޮތުގައި އޮތް ގްރީންލޭންޑަށް ގަދަބާރުން ވެރިވެގަތުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާތީއެވެ.
މީގެއިތުރުން ނޭޓޯއަށް ކުރަންޖެހޭ ޚަރަދުގެ މައްސަލައިގައާއި އެމެރިކާއަށް އެތެރެކުރާ ޔޫރަޕްގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީވެސް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކާއި އެމެރިކާގެ ގުޅުންތައް ގޯސްވުމުގެ މައިގަނޑު ސަބަބެކެވެ.
ފަރަންސޭސި މީޑިއާ ބުނާގޮތުން ފަރަންސޭސި މަސްއޫލުވެރިންނާ ބައްދަލުކުރުމާއި އެ ބޭފުޅުންނާ މުއާމަލާތް ކުރުން އެމެރިކާގެ ސަފީރަށް މަނާކުރުމަކީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމެކެވެ. މިފަދަ ހާލަތެއްގައި ސަފީރުގެ މާބޮޑު ބޭނުމެއްވެސް ނޯންނާނެއެވެ.
މިމައްސަލަ ހައްލުކުރެވޭނީ އެމެރިކާގެ ސަފީރު ގޮތް ދޫކުރައްވައިގެން ކަމަށް ބެލެވިފައިވާއިރު އެމެރިކާގެ ސަފީރު ފަރަންސޭސިވިލާތުން ބޭރުކުރަންޖެހޭ ހިސާބަށްވެސް މައްސަލަ ހޫނުވެދާނެކަމުގެ ބިރުވެސް ހީވެފައިވާކަމަށް ޑިޕްލޮމެޓިކް ސޯސްތައް ބުނެއެވެ.
ޑިޕްލޮމެޓިކް ޕްރޮޓެކޯލްތައް އޮންނަ ގޮތުން ބޭރު ގައުމުތަކުގެ ސަފީރުންނަކީ އެބޭފުޅުން ކަނޑަ އަޅުއްވާފައިވާ ގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވާންޖެހޭ ބައެކެވެ. އަދި ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކާ ޚިލާފުވާނަމަ އެ ސަފީރަކު ބޭރުކޮށްލުމަކީވެސް ޑިޕްލޮމެޓިކް ކަންތައްތަކާބެހޭ ވިއެނާ ކޮންވެންޝަންގެ ދަށުން އެ ގައުމަކަށް ލިބިފައިވާ ބާރެކެވެ.