އަމިއްލަ ގޮތުން މެއި/ ޖޫން އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން ދޫކުރަން ފަށައިފި

ދަރިވަރެއް ޓެސްޓު ހަދަނީ: އަމިއްލަ ގޮތުން މެއި/ ޖޫން އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން ދޫކުރަން ފަށާފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އަމިއްލަ ގޮތުން، މި އަހަރުގެ މެއި/ ޖޫންގައި އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓުމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިއަދު ބުނީ، މިއަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް އެޕްލިކޭޝަން ދޫކޮށް، ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ދާނީ، އަންނަ މަހު 12 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެ އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ބަލައިގަންނަނީ، ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ދަރިވަރުންތަކެއް ޓެސްޓު ހަދަނީ --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފާހަގަކުރެވޭ ގޮތުގައި، ދެހާސް ނަވާރައަށް ފަހުގައި، މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ވަނީ ނިންމާލާފައެވެ. އެގޮތުން، ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގައެވެ.

އޭގެފަހުން މިދިޔަ އަހަރަށް ރާއްޖޭގައި، މެއި، ޖޫންގައި އޭލެވެލް ނުހަދާތާ ފަސް އަހަރު ވަނީ ފުރިފައެވެ.

މި އަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ބައިވެރިވެވޭކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރީ، މިމަހުގެ ދެވަނަ ދުވަހެވެ. އެއީ، އަހަަރު އެންމެ ފަހަރަކު އޭލެވެލް އިމްތިހާނު ބޭއްވުމަކީ، ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް ބުނެ، ބައެއް ދަރިވަރުން ޕެޓިޝަނެއް ސޮއިކުރަމުން ދަނިކޮށެވެ.

އޭރު މިނިސްޓްރީން ބުނީ، ރާއްޖޭގައި މެއި/ ޖޫންގައި އޭލެވެލް ހަދަން ފަށަން ނިންމީ، އޭލެވެލް ހެދުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި އެވަރެޖުކޮށް 30،000އަށް ވުރެ ރުފިޔާ ޚަރަދުވާތީ އެކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.

https://sun.mv/217480

އެ އިމްތިހާނާ ގުޅޭ މައުލޫމާތު މި މަހު ހަތަރަކުން ފެށިގެން ޑިޕާޓުމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމުކުރަމުން ދާނެ ކަމަށް އޭރު މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން، އަމިއްލަ ގޮތުން މެއި/ޖޫންގައި އޭލެވެލް ހަދަން ފެށި ނަމަވެސް، ސުކޫލު ދަރިވަރުންނަށް އޭލެވެލް އިމްތިހާނު އޮންނާނީ އޮކްޓޫބަރު، ނޮވެންބަރުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް