ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާއި، ކައުންސިލް އިންތިޚާބަށް ބޭރު ގައުމުތަކުގައި ވެސް އެއްވެސް ފޮށްޓެއް ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.
އެ ދެ އިންތިޚާބަށް ރީރެޖިސްޓްރީ ވާން ހުޅުވާލީ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.
އީސީން ދައުލަތުގެ މީޑިއާއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ މުއްދަތުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 26،454 މީހުން ވަނީ ރީރެޖިސްޓާ ވެފައެވެ. އަދި 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް، އެ ރިސޯޓުތަކުން މީހުން ރީރެޖިސްޓާ ވެފައިވެއެވެ.
އެހެންނަމަވެސް، ބޭރުގެ އެއްވެސް ގައުމެއްގައި ފޮއްޓެއް ބަހައްޓަން ރީރެޖިސްޓާ ވާން ޖެހޭ މިންވަރަށް މީހުން ރީރެޖިސްޓާ ވެފައި ނުވާތީ، ބޭރުގެ އެއްވެސް ގައުމެއްގައި މި ފަހަރު ފޮށި ނުބަހައްޓަން ނިންމައިފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް: ކުރިއަށް އޮތް އިންތިޚާބަށް، ބޭރު ގައުމުތަކުގައި ފޮށިތައް ނުބަހައްޓަން ވަނީ ނިންމައިފައި --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން
އަވަށްޓެރި އިންޑިއާއާއި ސްރީލަންކާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ދިވެހީންގެ ބޮޑު އާބާދީއެއް އޮންނައިރު އެ ގައުމުތަކުގައި އާންމު ގޮތެއްގައި ކޮންމެ އިންތިޚާބަކަށް ވެސް ވޯޓު ފޮށިތައް ބަހައްޓައެވެ.
އީސީން މީގެ ކުރިން ވަނީ، މި އަހަރުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު، 294،937 މީހުންނަށް ލިބިފައިވާ ކަމަށް ބުނެފައެވެ. އެއީ، 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ.
ފާއިތުވި އިންތިޚާބުތަކުގައި، ވޯޓު ލާ މީހުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ފަހުން 2023ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ، ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން ވޯޓު ލީ ފަހަރެވެ.
އެ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބޭނުމަކީ ޚަރަދު ކުޑަ ކުރުން ކަމަށް ވިދާޅުވެފައެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، އިދިކޮޅުން އަންނަނީ އެކަމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް އެކަށީގެންވާ ވަަރަށް ހޭލުންތެރިނުކުރެވޭ ކަމަށް ބުނެ، ވޯޓު ބާއްވާތީ ފާޑުކިޔަމުންނެވެ.