އެސް26 ސީރީޒްގެ ބެޓެރި ކެޕޭސިޓީއާއި ބައެއް މައުލޫމާތުތައް ހާމަވެއްޖެ

ގެލެކްސީ އެސް 25 އެޖް ބެޓެރީ ޖެރީ ރިގް އެވްރިތިންގްގެ ޓިއަރޑައުން ވީޑިއޯ އަކުން ---

ސެމްސަންގްގެ އައު ފްލެގްޝިޕް ފޯނުތައް ކަމަށްވާ "ގެލެކްސީ އެސް26" ސީރީޒް މި ހަފްތާގައި ބާއްވާ 'ގެލެކްސީ އަންޕެކްޑް 2026' އިވެންޓުގައި ރަސްމީކޮށް ތައާރަފްކުރަން ތައްޔާރުވަމުން އަންނައިރު، މި ފޯނުތަކުގެ ބެޓެރި ކެޕޭސިޓީއާއި ބައެއް މުހިންމު ސިފަތައް ޔޫރަޕްގެ ސާޓިފިކޭޝަން ޑޭޓާބޭސްއަކުން ހާމަވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ "ޔޫރަޕިއަން ޕްރޮޑަކްޓް ރެޖިސްޓްރީ ފޯ އެނާޖީ ލޭބަލިންގް" (އީޕީއާރުއީއެލް) ޑޭޓާބޭސްގައި ހިމެނޭ މައުލޫމާތުތަކަށް ބަލާއިރު، މި ސީރީޒްގެ އެންމެ ވަރުގަދަ މޮޑެލް ކަމަށްވާ ގެލެކްސީ އެސް26 އަލްޓްރާގައި ހުންނާނީ 4,855 މިލީއެމްޕަޔާގެ ރޭޓެޑް ބެޓެރިއެކެވެ. ނަމަވެސް ބާޒާރަށް ނެރޭއިރު މިބެޓެރި 5,000 މިލީއެމްޕަޔާގެ ބެޓެރިއެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ގެލެކްސީ އެސް26 ޕްލަސް މޮޑެލްގައި 4,755 މިލީއެމްޕަޔާ (މާކެޓް ކުރާއިރު 4,800 މިލީއެމްޕަޔާ) ބެޓެރިއެއް ހިމެނޭއިރު، މި ފޯނުން 55 ގަޑިއިރުގެ ބެޓެރި ލައިފް ލިބޭނެ ކަމަށް ލިސްޓްގައިވެއެވެ. އަދި އާދައިގެ ގެލެކްސީ އެސް26 މޮޑެލްގައި ހުންނާނީ 4,175 މިލީއެމްޕަޔާ (މާކެޓް ކުރާއިރު 4,200) ބެޓެރިއެކެވެ. މި މޮޑެލްއިން 51 ގަޑިއިރުގެ ބެޓެރި ލައިފް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި ތިން ފޯނަކީވެސް ބެޓެރީގެ ދިގުދެމިގެންދާ މިންވަރު ވަރުގަދަ ފޯނުތަކެކެވެ. އެގޮތުން 1,200 ފަހަރު ޗާޖުކުރުމަށްފަހުވެސް ބެޓެރީގެ އަސްލު ކެޕޭސިޓީގެ 80 އިންސައްތަ ހިފަހައްޓާނެއެވެ.

އެސް26ގެ ތަފާތު ކުލަތަކަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުން ---

މީގެ އިތުރުން މި ފޯނުތަކަކީ ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ "އައިޕީ68" ރޭޓިންގް ލިބިފައިވާ ފޯނުތަކެކެވެ. ނަމަވެސް ރިޕެއާ ކުރުމުގެ ފަސޭހަކަމަށް ބަލައިދޭ އޭ-އީ ސްކޭލްގައި މި ފޯނުތަކަށް ލިބިފައިވަނީ "ސީ" ރޭޓިންއެކެވެ.

ސެމްސަންގް ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތައް ދައްކާލުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހު އެމެރިކާގެ ސަން ފްރެންސިސްކޯގައި ބާއްވާ ހާއްސަ ހަފްލާއެއްގައެވެ.

މި ހަފްލާގައި ފޯނުތަކުގެ އިތުރުން ގެލެކްސީ "ބަޑްސް 4" އަދި "ބަޑްސް 4 ޕްރޯ" ވެސް ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ.

ސެމްސަންގް ގެލެކްސީ 'އެސް' ސީރީޒަކީ ކޮންމެ އަހަރަކުވެސް ޓެކްނޮލޮޖީ ދުނިޔޭގައި އެންމެ ބޮޑު އިންތިޒާރެއް ކުރެވޭ އެއް ފްލެގްޝިޕް ފޯނު ސީރީޒެވެ. މިދިޔަ އަހަރު ނެރުނު ގެލެކްސީ އެސް25 ސީރީޒާއެކު 'ގެލެކްސީ އޭއައި' ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ގިނަ ފީޗާތަކެއް ތައާރަފްކޮށް، ފޯނު ބޭނުންކުރުމުގައި އިންގިލާބީ ބަދަލުތަކެއް ސެމްސަންގުން ވަނީ ގެނެސްފައެވެ.

މިފަހަރުގެ އެސް26 ސީރީޒަކީ އެ ފަންނިއްޔާތު އިތުރަށް ހަރުދަނާކޮށް، ފޯނުގެ ޕްރޮސެސިންގް ސްޕީޑާއި ބެޓެރީގެ އެފިޝަންސީ ވަރުގަދަކޮށް ނެރޭނެ ސީރީޒެއް ކަމަށް ބެލެވެއެވެ.

ރަސްމީކޮށް ފޯނު ދައްކާލުމުގެ ކުރިން ބައެއް ޓެކްނޮލޮޖީ މާހިރުންނަށް ފޯނު ލިބި، އޭގެ ވީޑިއޯތައް އާންމުވުމަކީވެސް މި ފަހަރުގެ ލޯންޗިންގްއަށް އޮތް ޝައުގުވެރިކަން އިތުރުވެގެންދިޔަ ކަމެކެވެ.

އާންމުކޮށް ކޮންމެ އަހަރެއްގެވެސް ކުރީކޮޅު ބާއްވާ 'ގެލެކްސީ އަންޕެކްޑް' އިވެންޓަކީ މުޅި އަހަރަށް ސެމްސަންގުން ކަނޑައަޅާ މޯބައިލް ޓެކްނޮލޮޖީގެ މިސްރާބު ހާމަކޮށްދޭ މުހިންމު ހަފްލާއެކެވެ.

comment ކޮމެންޓް