ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓެއްގައި އަނެއްކާވެސް ހާދިސާއެއް ހިނގައި މުވައްޒަފަކަށް އަނިޔާވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި އޭނާ ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރު ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް އެމީހާ ވަނީ ވެއްޓިފައެވެ. އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން މަރުވެފައި އޮއްވައި އުމުރުން 24 އަހަރުގެ ބިދޭސީއެއް ވަނީ ފެނިފައެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި މީހާ ކަމަށްވާ، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަދުރަންގަ ޑިސަނަޔަކަ މެނިކަ ހައްޔަރުކޮށް، ވަނީ ބަންދުކޮށްފައެވެ.
އެފަހުން އެކްސްކެވޭޓަރު ޑްރައިވަރު މަސައްކަތްކުރަނީ ގަވައިދާ ޚިލާފަށް ކަމަށް، ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.