1،200 މީހުން ދިރިއުޅޭ ނޮޅިވަރަންފަރުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ހައްލުވާނެ އިރެއް އަދި ނޭނގޭ

ހދ. ނޮޅިވަރަންފަރު: ނޮޅިވަރަންފަރުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ހައްލުވާނެ އިރެއް އަދި ނޭނގޭ -- ފޮޓޯ/ ތިލަދުން

ހދ. ނޮޅިވަރަންފަރަށް ކަރަންޓު ދޭން ހުރި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން، މުޅި އެ ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

'ސަން' އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަބްދުއްރަހްމާން ވިދާޅުވީ މިއަދުގެ އެކި ވަގުތުތަކުގައި އެ ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެންމެ ފުރަތަމަ މިއަދުގެ ފަތިހުގެ ވަގުތުގައި ކަރަންޓު ކެނޑުނީ ކަމަށާއި އޭގެ ފަހުން އިރުއިރުކޮޅާ ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުގެ ފެނަކައާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި ރަށަށް ކަރަންޓު ފޯރުކޮށްދޭން ހުރި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެކަން ހައްލުކުރުމަށް މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް ފެނަކައާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ވެސް އެ ރަށުގައި ކަރަންޓެއް ނެތެވެ.

'ސަން' އަށް މައުލޫމާތުދެމުން އެ ރަށުގެ ފެނަކައިން ބުނީ މިވަގުތު އެ ރަށުގައި ތިން ޖެންސެޓް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ޖެންސެޓަށް ދިމާވި މައްސަލަކާ ގުޅިގެން ރަށުން ކަރަންޓު ކެނޑެނީ ކަމަށާއި އެއީ އެ ޖެންސެޓުގެ ޑައިނަމޯއަށް ދިމާވި މައްސަލައެއް ކަމަށެވެ.

ޖެންސެޓެއްގައި އިންނަ ޑައިނަމޯއަކީ މެކޭނިކަލް އެނާޖީ (ރޮޓޭޝަނަލް މޯޝަން)، ސީދާ ކަރަންޓަށް ބަދަލުކުރާ އިލެކްޓްރިކަލް ޑިވައިސްއެކެވެ.

މައްސަލަ ހައްލުކޮށް ކަރަންޓު ފޯރުކޮށްދެވޭނެ ސީދާ ވަގުތެއް އަދި ނޭނގޭ ކަމަށް ފެނަކައިން ބުންޏެވެ.

އާބާދީގައި 1،200އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަންފަރަށް ކަރަންޓު ފޯރުކޮށްދޭން މިހާރު ހުރީ ދެ ޖަނަރޭޓަރެވެ. އެއީ 800 ކިލޯވޯޓާއި 400 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ.

comment ކޮމެންޓް