މި ހަފުތާގެ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ދަ ކެރެލާ ސްޓޯރީ 2"އާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަންތަކާ މެދު ގޮތެއް ނިންމާނީ އެ ފިލްމު ބެލުމަށްފަހު ކަމަށް ކެރެލާގެ ހައި ކޯޓުން ނިންމައިފިއެވެ.
މި ފިލްމާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަންތަކާ ގުޅޭ މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރު ބެޗޫ ކޫރިއަން ތޯމަސް ފާހަގަކުރެއްވި ގޮތުގައި، ކެރެލާ ފަދަ އެކި ދީންތަކުގެ މީހުން އެކުވެރިކަމާ އެކު ދިރިއުޅޭ ސްޓޭޓެއްގެ ތަސައްވުރު، ވަކި ދީނީ ފިކުރެއް ކުރިއަރުވާ ގޮތަށް ފިލްމެއްގައި ދައްކާއިރު، ސެންސަރު ބޯޑު (ސީބީއެފްސީ)ގެ މަސްއޫލިއްޔަތު ވަރަށް ބޮޑެވެ.
"ކެރެލާއަކީ އެކި ދީންތަކުގެ މީހުން ވަރަށް ސުލްހަވެރިކަމާ އެކު ދިރިއުޅޭ ތަނެއް. ނަމަވެސް މުޅި ސްޓޭޓުގައި ކަންތައްތަކެއް ހިނގަމުންދާ ކަމަށް ދައްކާއިރު، މިކަމާ މެދު ވިސްނާލިން ހެއްޔެވެ؟ މީގެ ސަބަބުން ނުބައި މެސެޖެއް ފެތުރި، މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ. ސެންސަރު ބޯޑުގެ ދައުރު މުހިންމުވަނީ މިފަދަ ހާލަތްތަކުގައި،" ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ފިލްމު "ދަ ކެރެލާ ސްޓޯރީ 2"ގެ ޕްރޮޑިއުސަރު ވިޕުލް އަމްރުތްލާލް ޝާހު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނާތީ، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ކަންބޮޑުވުންތަކުގައި ބުރަދަނެއް ހުރިކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ފަނޑިޔާރު ތޯމަސް ވިދާޅުވީ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ކަމަށް ބުނުމުން، އެކަމުގައި އާންމުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަކީ ބަލައިގަނެވޭ ކަންބޮޑުވުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން، ފިލްމުގެ ނަމުގައި 'ކެރެލާ' ހިމެނުމަކީ ވެސް އާންމުންގެ ކަންބޮޑުވުން އިތުރުވާ ކަމެއްކަމަށް ފަނޑިޔާރު ބެޗޫ ކޫރިއަން ތޯމަސް ވަނީ ފާހަގަކުރައްވާފައެވެ.
"ކެރެލާގެ ނަން ބޭނުންކޮށްފައިވާތީ، އެ ތަނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފުރަގަސްދެވޭކަށް ނެތް. މިއީ ހަގީގީ ހާދިސާތަކެއް ކަމަށް ބުނެ 'ކެރެލާ' ގެ ނަން ބޭނުންކުރުމުން، ދީނީ ގޮތުން ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އެބައޮތް،" ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ފިލްމު އުފެއްދި ފަރާތުގެ ވަކީލު، ސީނިއާ އެޑްވޮކޭޓް އެސް. ސްރީކުމާރު ވަނީ ކޯޓުން ވަކި ގޮތެއް ނިންމަންދެން ފިލްމުގެ ޓީޒާތައް ނެގުމަށް އެއްބަސްވެފައެވެ. އަދި ފަނޑިޔާރަށް ފިލްމު ބައްލަވާލެއްވުމަށް ޚާއްސަ ފުރުސަތެއް ދިނުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ. މައްސަލައިގެ ކުރިއަށް ހުރި މަރުހަލާތަކަށް ދިއުމުގެ ކުރިން ކޯޓުން ފިލްމު ބަލާނެ ކަމަށް ބެލެވެއެވެ.
މި ފިލްމަކީ، ކެރެލާގެ އަންހެނުންތަކެއް އައިއެސްއައިއެސްއާ ގުޅުނު ކަމަށް ދައްކުވައިދޭ، 2023ގެ ފިލްމު "ދަ ކެރެލާ ސްޓޯރީ" ގެ ދެވަނަ ބައެވެ.
މުޖްތަމައުތެރޭ ހަމަނުޖެހުންތައް އުފެދުމަށް ފުރުސަތުދީ މިކަހަލަ ފިލްމެއް އުފައްދާފައިވާތީ ފިލްމުގެ ވާހަކަ ލިޔެ ޕްރޮޑިއުސްކޮށްފައިވާ ވިޕުލް އަމްރުތްލާލް ޝާހަށް އާއްމުންގެ ނުރުހުމާއި ފާޑުކިޔުންތައް އަންނަނީ ރައްދުވަމުންނެވެ.