ސުޕްރީމް ކޯޓުގެ ބެންޗު ރޫޅާލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތް މައްސަލަ ހުއްޓިފައި އޮންނަތާ މިއަދަށް ބަރާބަރު އެއް އަހަރު ވިއިރު، ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ނިންމާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ފަހުން މިއަދަށް އަހަރެއްވީއިރު، އެ ދުވަހު ޖޭއެސްސީން ބުނީ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމުގައި އޭސީސީން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގައި އޮތް މައްސަލަ ހުއްޓިފައި އޮންނަތާ މިއަދަށް އަހަރެއްވީއިރު ވެސް، ތިން ފަނޑިޔާރުންނާ ގުޅޭ ތަހުގީގު އޭސީސީން އަދިވެސް ނުނިންމައެވެ.
ހަގީގަތަކީ، ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާއެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ. ނަމަވެސް އެ މައްސަލަ ބާތިލްކުރަން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ މިއަދާ ހަމައަށް އައިއިރު ވެސް އޮތީ ސުޕްރީމް ކޯޓުގައި ހުއްޓިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ޖޭއެސްސީން ވަނީ ކުއްލި ގޮތަކަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، އަޒްމިރަލްދާއާއި، މަހާޒު ސަސްޕެންޑުކުރަން ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް
މި މައްސަލައިގެ އިތުރު އެއްވެސް އަޕްޑޭޓެއް ސުޕްރީމް ކޯޓުން ނުލިބޭއިރު، ކޯޓުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމަން އުއްތަމަފަނޑިޔާރުގެ އިސްނެންގެވުމަކަށް ޓާސްކް ފޯހެއްވަނީ މިހާރު އެކުލަވާލައިފައެވެ. އެ ޓާސްކްފޯހުން އެޓެންޑުކުރަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ގޮނޑި ގެއްލޭ މައްސަލަ ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މަހުގެ 14ގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔަރު މުއުތަސިމް އަދުނާން -- ފޮޓޯ/ ޖޭއެސްސީ
ތިން ފަނޑިޔާރުން މަގާމުން ވަކިކުރިފަހުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިވެވަޑައިގެން، ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވީ މިދިޔަ ޖުލައި މަހުގެ 21ގައެވެ. އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަ އަހަރާއި ހަތް މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައި އެމަނިކުފާނު ރިޓަޔާކުރެއްވިއިރު، ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން އެމަނިކުފާނު 'ހަނު ހުންނެވުމުގެ' ސަބަބުން ވަނީ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައެވެ.
ކަން އެހެން އޮއްވައި އޭސީސީން ބަލަމުންދާ ކަމަށް ބުނި ފަނޑިޔާރުންގެ މައްސަލަ، އެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ދުވަސް ފަހުން، އެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވިއެވެ. އޭސީސީން އެ ބަޔާންތައް ހޯދުމަށް ޖޭއެސްސީގައި އެދުނީ ވެސް ހަމަސް ފަހުންނެވެ.
އެ އެދުމާ ގުޅިގެން ޖޭއެސްސީގެ ބައެއް މެންބަރުންގެ މެދުގައި އެކަމާ މެދު ޚިޔާލު ތަފާތުވީނަމަވެސް، އެ ބަޔާންތައް އޭސީސީއަށް ފޮނުވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޖޭއެސްސީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވީ، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރުން ވަކިކުރުމަށް ފަހު އޭސީސީން ޖޭއެސްސީގެ ބަޔާންތައް ހޯދަން އެދުމުންނެވެ.
ޖޭއެސްސީން އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ، އޭސީސީގެ އެންގުމަކަށް ކަމަށްވާއިރު، މާ ފަހުން އޭސީސީއަށް ޖޭއެސްސީގެ ބަޔާންތައް ފޮނުވަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ޖޭއެސްސީގެ ބައެއް މެންބަރުން ވިދާޅުވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.