ރަމަޟާން މަހަކީ އަމިއްލަ ނަފްސު އިސްލާހުކޮށް، އަޅުކަމާއި ރޫހާނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މަހެކެވެ.
ރޯދައަށް ހުރުމުގެ ސަބަބުން ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް އައި ނަމަވެސް، އޭގެ މާނައަކީ ހަރަކާތްތެރިވެ އުޅުން ހުއްޓާލުމެއް ނޫނެވެ.
ހަގީގަތުގައި، ރަނގަޅު ގޮތެއްގައި ކަސްރަތު ކުރުމަކީ ރަމަޟާން މަހު ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. މިކަމުގައި އެންމެ މުހިންމީ ކަސްރަތު ކުރާ ވަގުތާއި، އޭގެ ބާވަތާއި، އަދި ކުރާ މިންވަރަށް ބަދަލު ގެނައުމެވެ.
އާއްމު ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ދުޅަހެޔޮ ރައްކާތެރި ދިރިއުޅުމަކަށް މަގުފަހިކުރުވުމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވާ ޑރ. އެމް އާލަމް ވަނީ މި މައުޟޫއާ ގުޅޭ ގޮތުން އަމިއްލަ ބްލޮގްގައި ވަރަށް ތަފުސީލުކޮށް މައުލޫމާތު ހިއްސާކުރައްވާފައެވެ.
ޑރ.އެމް އާލަމްއަކީ އީސްޓް ލަންޑަންގެ ވަރަށް ގިނަ ބަޔަކަށް ސިއްހީ މައުލޫމާތު ފޯރުކޮށްދެއްވުމުގައި ދެމިހުންނެވި ސިއްހީ ތަޖުރިބާކާރެކެވެ.

ރަމަޟާން މަހު މާ ވަރުގަދަ ކަސްރަތުތަކެއް ނުކުރު ނަމަވެސް ހަރަކާތްތެރިވެ އުޅުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ -- ފޮޓޯ/ޕިންޓްރެސްޓް
ޑރ.އާލަމްގެ ބްލޮގްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރަމަޟާން މަހު ކަސްރަތުކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. ނުވަތަ ރޯދަ ވީއްލައިގެން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބުމަށްފަހު، ގަޑިއެއް ނުވަތަ ދެގަޑިއިރު ފަހުން ކަސްރަތު ކުރެވިދާނެއެވެ.
މި މަހު ކަސްރަތު ކުރަންވާނީ ކުރު ވަގުތުކޮޅަކަށް، މާ ބޮޑަށް ވަރުބަލި ނުވާނެ ފަދަ ގޮތަކަށްކަން މި ބްލޮގްގައި ބަޔާންކޮށްފައިވެއެވެ.
ރޯދައަށް ހުންނައިރު ކަސްރަތު ކުރުމަކީ ވަރުބަލިވާނެ ކަމެއް ކަމަށް ހީވި ނަމަވެސް، އާދައިގެ މިންވަރަކަށް ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ވަރުބަލިކަން ކުޑަކޮށްދޭ ކަމެކެވެ.

ރަމަޟާން މަހު ކެއުމަށް ދޭ ސަމާލުކަމާ އެއްވަރަށް ހަރަކާތްތެރިވެ އުޅުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭންވާނެ-- ފޮޓޯ/ޕިންޓްރެސްޓް
ޖިސްމާނީ ހަރަކާތްތަކުގެ ސަބަބުން ލޭދައުރުވުން ރަނގަޅުވެ، މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން ލިބުން އިތުރުވުމުގެ ސަބަބުން، ޚާއްސަކޮށް ހަވީރުގެ ވަގުތުތަކުގައި އިހުސާސްވާ ވަރުބަލިކަން ކުޑަވެ، ހަށިގަނޑު ތާޒާކޮށްދޭ ކަމަށް ޑރ. އާލަމްގެ ބްލޮގްގައި ބަޔާންކޮށްފައިވެއެވެ.
ރޯދަ މަހަކީ ކާބޯތަކެތި ކޮންޓްރޯލް ކުރެވޭ މަހަކަށް ވާތީ، ރަނގަޅު ގޮތުގައި ކަސްރަތުކޮށް، ރޯދަ ވިއްލާ ގަޑީގައި އެކަށީގެންވާ މިންވަރަށް ޕްރޮޓީން ހިމެނޭ ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް މުހިންމު ކަމެކެވެ.
އެހެންވެ ލުއި ކަސްރަތުތަކުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމުން، ކާނާގެ ސަބަބުން ލޭގައި ހަކުރު މަތިވުން ކުޑަކޮށްދީ، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ރަމަޟާން މަހަކީ ވަރަށް ގިނަ ބައެއްގެ ރޭގަނޑުގެ ނިދުމަށް ބުރޫއަރާ މަހެކެވެ. ނަމަވެސް، ގަވާއިދުން ކަސްރަތު ކުރުމަކީ ނިދި ރަނގަޅުކޮށްދީ، ހާސްކަން ކުޑަކޮށްދޭ ކަމެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ކުރާ ކުރު ކަސްރަތެއްގެ ސަބަބުން ހަށިގަނޑު ހަމައަކަށް އެޅި، އަރާމު ނިދި ލިބުމަށް މަގުފަހިވެއެވެ.
ރަމަޟާން މަހުގެ ރޫހާނީ މަގުސަދުތައް ހާސިލުކުރުމުގައި، ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޑރ.އާލަމްގެ ބްލޮގްގައި ބަޔާންކުރައްވާފައިވާ ގޮތުގައި ރަމަޟާން މަހު ކަސްރަތު ކުރުމަކީ މާ ބޮޑު ކާމިޔާބީތަކެއް ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ރޯދައަށް ހުންނައިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ ދެމެހެއްޓުމަށް ކުރާ ކަމެކެވެ. ރަނގަޅު ކާނާއާއި، އަރާމާއި، އަދި ހަރަކާތްތެރިކަން އެކުލެވޭ ގޮތަށް އުޅުމުން، ރަމަޟާން މަހުގެ އަޅުކަންތައްތައް ފުރިހަމައަށް އަދާކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.