އިސްރާއީލުން ހިފާފައި އޮންނަ އިރުމަތީ ގުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް އެއްބިނާ ކަމަށްވާ އަލްމަސްޖިދުލް އަގްސާއަށް ގަވާއިދާ ހިލާފަށް 65،000 އަށް ވުރެ ގިނަ މީހުން މިދިޔަ އަހަރު ވަދެފައިވާ ކަމަށް އިންޓަނޭޝަނަލް ޖޭރުސަލާމް ފައުންޑޭޝަންގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފިއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 22 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ތެރޭގައި 65،364 މީހުން އެ މިސްކިތަށް ވަދެފައިވާއިރު، އިސްރާއީލުގެ ސިޔާސީ ފަރާތްތަކުންވެސް މިސްކިތަށް ވަންނަ މިންވަރު ވަނީ އިތުރުވެފައެވެ.
އެ ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު މިސްކިތް ތެރެއަށް ވަދެގަތް ސިޔާސީ ބޭފުޅުންގެ ތެރޭގައި އިސްރާއީލުގެ ހަރުކަށި ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރް ހިމެނެއެވެ.
މިސްކިތަށް ވަނުމަށް އާ ފިޔަވަޅުތަކެއްވެސް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ތައާރަފްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ޒިޔާރަތްކުރާ ގަޑި އިތުރުކުރުމާއި ގްރޫޕް ސައިޒު 120 އިން 200 އަށް އިތުރުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ގުދުސްގައި ފަލަސްތީނުގެ މީހުން ދިރިއުޅޭ ތަނާއި އައިޑެންޓިޓީއާއި ބެހޭ ލިޔެކިޔުންތައް ބާތިލު ކުރުމުގެ މަސައްކަތް ވެސް އިސްރާއީލުން ކުރަމުން ގެންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން 1967 އާއި 2024 އާ ދެމެދު ފަލަސްތީނުގެ 14،929 މީހުންގެ އައިޑެންޓިޓީ ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ހިފާފައިވާ އިރުމަތީ ގުދުސްގައި ގާތްގަނޑަކަށް 1،500 ކްލާސްރޫމްގެ ދަތިކަން ކުރިމަތިވެފައިވާއިރު، ހަ އަހަރާއި 17 އަހަރާ ދެމެދުގެ ފަލަސްތީނުގެ ދަރިވަރުންގެ ގާތްގަނޑަކަށް 27 ޕަސެންޓް އިސްރާއީލުގެ މަންހަޖުގައި ކިޔަވަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ސަރަހައްދުގެ ގާތްގަނޑަކަށް 77 ޕަސެންޓް އާއިލާ ދިރިއުޅެނީ ފަގީރުކަމުގެ ރޭޓުން ދަށުގައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.