ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރުމަށް 3 ގޮތަކަށް ހުއްދަ ދީފި

ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ފުރޮޅުލީ ގޮނޑީގައި: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރުމަށް 3 ގޮތަކަށް ހުއްދަ ދީފި -- ފޮޓޯ/ ބީއެމްއެލް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރުމަށް ތިން ގޮތަކަށް ހުއްދަ ދީ، ސިވިލް ސާވިސްގެ ގަވައިދު އިސްލާހުކޮށްފިއެވެ.

އެ އިސްލާހުގައިވާ ގޮތުން ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ އޮފީސް މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ އެ އިދާރާއަކުން ދޭންވާނެއެވެ.

އެ ހުއްދަ ދޭންވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އިސްލާހުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ދަރަޖަކުރެވޭނެ ގޮތްތަކަކީ:

  • ދަރަޖަ 1: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން.
  • ދަރަޖަ 2: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދު މިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން.
  • ދަރަޖަ 3: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުން ނުވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން.

އިސްލާހުގައިވާ ގޮތުން ދަރަޖަ އެކެއްގައިވާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ، މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެއެވެ.

ހަމައެއާއެކު ދަރަޖަ ދޭއް، އަދި ތިނެއް ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާތުގައި ކޮންމެހެން ވެސް ހުންނަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެ ހާލަތުގައި ރަސްމީ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވަގުތު ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ހުންނަން ޖެހިއްޖެނަމަ، މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭން އިސްލާހުގައި ވެއެވެ.

އޮފީހަށް ހާޒިރުނުވެ، މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި ބަލާނެ ކަންތައްތަކަކީ:

  • މުވައްޒަފާ ހަވާލުކުރެވިފައިވާ މަސައްކަތަކީ އޮފީހަށް ހާޒިރުނުވެ، އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކެއް ކަމުގައި ވުން.
  • މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ނުވަތަ ޓާސްކުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތްކުރުމަށް އެކަށޭނެ މާހައުލެއް އޮތްކަން ކަށަވަރުކުރުން.
  • އިދާރާއިން ދޭ އެއްވެސް ޚިދުމަތަކަށް ހުރަސްނޭޅޭކަން ކަށަވަރުކުރުމާއެކު، މުވައްޒަފު އޮފީހަށް ހާޒިރުނުވެ ކުރާ މަސައްކަތްތައް މުވައްޒަފަށް ހަވާލުކުރެވި، އެ މަސައްކަތްތައް ނިންމާ މިންވަރު މޮނިޓާކުރުން.
  • އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފު މަސައްކަތްކުރާ އިދާރާއިން އަންގައިފިނަމަ އޮފީހަށް ހާޒިރުވުން.
  • ގޭގައި ހުރެގެން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭނަމަ، މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުން.

އިސްލާހުގައިވާ ގޮތުން އޮފީހަށް ހާޒިރުނުވެ، މަސައްކަތްކުރުމަށް އެދެވޭނީ އެކަމަށްޓަކައި ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ. މި އެއްބަސްވުމުގައި މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފެހެެއްޓުމަށް ވެސް އިގުރާރުވާންޖެހޭނެއެވެ.

ހަމައެއާއެކު ގަވައިދުގައިވާ ގޮތުން، ޓީޗަރުންނާއި ނަރުހުންނާއި ހިންގުމުގެ އިސް ފަންތީގެ މުވައްޒަފުން ފަަދަ، ތަނަކަށް ހާޒިރުވެގެން މަސައްކަތް ކުރަން ޖެހޭ މީހުން މި ގެނައި ބަދަލުން އިސްތިސްނާ ވާނެއެވެ. ނަމަވެސް އެ މުވައްޒަފުންގެ މަސައްކަތުގެ ދަންފަޅި ކަނޑައެޅުމުގައާއި މަސައްކަތް ކުރާ ވަގުތު ކުރުނުވާ ގޮތަށް ހަމަޖެއްސުމާއި، ބާކީ ވަގުތު ގޭގައި ހުރެގެން ކުރެވޭ ގޮތަށް އިންތިޒާމުތައް ކުރެވިދާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް