ބޭރު ގައުމުތަކުގައި ވޯޓުފޮށި ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ސަރުކާރަށް ނުލިބޭނެތީ: އެމްޑީޕީ

ކައުންސިލު އިންތިޚާބުގެ އެ ޕާޓީގެ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު: ވިދާޅުވީ ބޭރު ގައުމުތަކުގައި ވޯޓުފޮށި ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ނުލިބޭނެތީ ކަމަށް ---

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށިތައް ބޭރުގެ އެއްވެސް ގައުމެއްގައި ނުބަހައްޓަނީ، މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދިވެހި ދަރިވަރުންގެ ވޯޓު ވެރިކަންކުރާ ޕީއެންސީއަށް ނުލިބޭނެކަން ޔަގީންވާތީ ކަމަށް، އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓާއި، ކައުންސިލް އިންތިޚާބަށް ބޭރު ގައުމުތަކުގައި ވެސް އެއްވެސް ފޮށްޓެއް ނުބަހައްޓާނެ ކަމަށް ބުނެފައެވެ. އެ ދެ ވޯޓު ވެސް އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.

އީސީން ބުނީ ބޭރު ގައުމުތަކުގައި ފޮށި ނުބަހައްޓަނީ، އެއްވެސް ގައުމެއްގައި ފޮއްޓެއް ބަހައްޓަން ރީރެޖިސްޓާ ވާން ޖެހޭ މިންވަރަށް މީހުން ރީރެޖިސްޓާ ވެފައި ނުވާތީ ކަމަށެވެ.

https://sun.mv/218321

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލު އިންތިޚާބުގެ އެ ޕާޓީގެ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު ވިދާޅުވީ، އީސީން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ސްރީލަންކާ އާއި މެލޭޝިއާގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންކުރީ މާ މަތީ ތްރެޝްހޯލްޑެއް ކަމަށެވެ.

ވަޙީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތްރެޝްހޯލްޑު ކަމަށްވާ 2،000 މީހުންގެ އާބާދީ ހަމަނުވާ ކަމަށް ކަނޑައަޅައި، ސްރީލަންކާއާއި މެލޭޝިއާގައި ފޮށި ނުބަހައްޓަން ނިންމިއިރު، 400 މީހުންގެ އާބާދީވެސް ހަމަނުވާ ރަށްރަށުގައި ފޮށިތައް ބަހައްޓާ ކަމަށެވެ.

ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު: ބޭރު ގައުމުތަކުގައި ވޯޓުފޮށި ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ސަރުކާރަށް ނުލިބޭނެތީ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި -- ފޮޓޯ/ ޕީއެންސީ

އޭނާ ވިދާޅުވިގޮތުގައި އެއީ ގިނަ މީހުންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް އީސީން، ސަރުކާރު އަޑީގައި އޮވެ ނިންމި ނިންމުމެކެވެ.

"މިއަދުވެސް ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ އެލަވަންސެއް ނުދެވޭ، އެހެންވީމާ އެ ފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް، އެ ތަންތަނުގަ ވޯޓުފޮށި ބެހެއްޓުން އެއީ ނެތް ކަމެއްގެ ގޮތުގައި ހެދީ،" ވަޙީދު ވިދާޅުވިއެވެ.

ނަމަވެސް ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސަރުކާރުން ޚަރަދުކޮށްގެން ގެނެސް، އެ މުވައްޒަފުންގެ ވޯޓު ހޯދުމަށް މަސައްކަތްކުރާ ކަމަށް ވަޙީދު ތުހުމަތުކުރެއްވިއެވެ.

ކައުންސިލު އިންތިޚާބާއެކު މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ޚިޔާލު ހޯދާ ވޯޓު ގެންދާކަން ފާހަގަކުރައްވައި ވަޙީދު ވިދާޅުވީ، ގިނަ ރައްޔިތުންނަށް ވޯޓުލެވޭ ގޮތަށް އިންތިޚާބު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އެއާއެކު، އޭނާ ގޮވާލެއްވީ ރާއްޖޭން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ތްރެޝްހޯލްޑް ދަށްކުރުމަށެވެ.

އަވަށްޓެރި އިންޑިއާއާއި ސްރީލަންކާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ދިވެހީންގެ ބޮޑު އާބާދީއެއް އޮންނައިރު އެ ގައުމުތަކުގައި އާންމު ގޮތެއްގައި ކޮންމެ އިންތިޚާބަކަށް ވެސް ވޯޓު ފޮށިތައް ބަހައްޓައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބޭރު ގައުމުތަކުން ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯނާއި ސްކޮލާޝިޕް ފައިސާ ނުލިބި ލަސްވުމަކީ ފާއިތުވި ދެ އަހަރު ތެރޭ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

https://sun.mv/216887

އީސީން ވަނީ، ރީރެޖިސްޓާވާން ހުޅުވާލި މުއްދަތުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 26،454 މީހުން ރީރެޖިސްޓާ ވެފައިވާ ކަަމަށް ބުނެފައެވެ. އަދި 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް، އެ ރިސޯޓުތަކުން މީހުން ރީރެޖިސްޓާ ވެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.

އީސީން މީގެ ކުރިން ވަނީ، މި އަހަރުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު، 294،937 މީހުންނަށް ލިބިފައިވާ ކަމަށް ބުނެފައެވެ. އެއީ، 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ.

https://sun.mv/218011

ކައުންސިލް އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން އެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން ހޮވާނެއެވެ.

އެ އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، ޕީއެންސީން ވަނީ ކައުންސިލާއި ޑަބްލިއުޑީސީން އެ ޕާޓީއަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް