އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގައި ނެގި ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ސިޓީ އާއި ހުޅުދުއާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސާސަށް ބަދަލުގެންނަވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގީ މިދިޔަ އޮކްޓޫބަރު މަހުގެ 25ގައެވެ.
އެ ވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 47 ޕަސެންޓު މީހުންނެވެ. އަދި ހުޅުދުއާއި މީދޫން ވަކި ދެ ކައުންސިލް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ފޭދޫން ނިންމީ ސިޓީ ކައުންސިލުގައި ދެމިއޮތުމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން، އައްޑޫ ސިޓީ އާއި، ހުޅުދޫ އާއި، މީދޫގެ އިދާރީ ދާއިރާގެ އިހުތިސާސަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ތިން ގަރާރެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ދާއިރާތަކުގެ އިހުތިސާސް ދައްކުވައިދޭ ޗާޓުތައް ވެސް ގަރާރުތަކުގައި ވަނީ ހިމަނައިފައެވެ.

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސް --
ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން މީގެ ކުރިން ރައީސް ވަނީ، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ކަނޑައަޅުއްވައިފައެވެ.
އެ އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރާ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ވެރިންކުރާ ޕާޓީއާއި އިދިކޮޅުން ވެސް މިހާރު އަންނަނީ، އަންނަ އޭޕްްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންނެވެ.
އެ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން އެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން ހޮވާނެއެވެ.