މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަނީ، 3.9 މިލިއަން ރުފިޔާއަށް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ސިޓީ ކައުންސިލުން އެހެން ބުނެފައި ވަނީ، މާލެ ސިޓީ ކައުންސިލުން ފާސްނުކޮށް މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަށް 25 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝާ ހަވާލާދީ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.
އެ ކަމާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ، މެއި، 2021 ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 3.14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމުގެ މަސައްކަތުގައި މާލޭގެ މޭޔަރު --- ފޮޓޯ/ މުހައްމަދު އަބްދުﷲ ޝާން
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި ގެޒެޓުގައި އިއުލާނުކޮށްގެން އެ މަސައްކަތަށް ހަތް މީހަކު ކުރިމަތިލި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިގޮތުން، އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ، ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހާ ހުށަހެޅި 3.9 މިލިއަން ރުފިޔާއަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ކައުންސިލުން ބުނި ގޮތުގައި، 25 މިލިއަން ރުފިޔާއަކީ މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަށް ހަތް މީހުން ހުށަހަޅާފައިވާ ޖުމުލަ އަގެވެ. އަދި، އެ މަސައްކަތް ހިންގަނީ، ހަތް މީހުން ނުވަތަ ފަރާތާ ހަވާލުކޮށްގެން ނޫންކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރަށް، ޚަބަރުތައް ލިޔާއިރު، ސައްހަ މައުލޫމާތު އިތުބާރުހުރި މަސްދަރުތަކުން ސާފުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރަން ފަށާފައި ވަނީ، މިދިޔަ ހަފުތާގެ ތެރޭގައެވެ. އެ މަސައްކަތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.