ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް ޝައުގުވެރިވެ، ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށެވެ.
މިގޮތުން، އެ ޔުނިޓުތައް އިމާރާތް ކުރުމާއި ޑިޒައިން ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ، އަންނަ މަހު 23ގެ 13:00އަށެވެ.
މިނިސްޓްރީން ބުނީ، ހައުސިން ޔުނިޓު އެޅުމަށް ބިން ދޫކުރާނީ، އެއްވެސް އަގެއް ނުނަގާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ކުޑަވެގެން 950 އަކަފޫޓުގެ ތިން ކޮޓަރިއާއި އެންމެ ކުޑަވެގެން 700 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތައް އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ކަމާ ގުޅޭ ގޮތުން އަންނަ މަހުގެ ނިޔަލަށް މައުލޫމާތު ސާފުކުރެވޭނެއެވެ.
އަގުހެޔޮ ފުލެޓުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ، ބޮޑު ޚަރަދެއް ކޮށްގެން ކުއްޔަށެވެ.