ލުނބޯ ކިލޯއެއްގެ އަގު 70 ރުފިޔާއަށް އުފުލިއްޖެ

ބާޒާރުގައި ލުނބޯ ވިއްކަން ބަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 70 ރުފިޔާއަށް އުފުލިއްޖެއެވެ.

އާންމުކޮށް 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކާ ލުނބޯގެ އަގު މިހާ ބޮޑަށް އުފުލިފައިވަނީ ރޯދަ މަހާ ދިމާކޮށެވެ.

މި ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ލުނބޯ ކިލޯއެއް ވިއްކަމުން ދިޔައީ 60 ރުފިޔާއަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ލުނބޯ ކިލޯއެއް ހުރީ 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ރޯދަ މަހަކީ އާންމުކޮށް ލުނބޯގެ ޑިމާންޑު ބޮޑުވެ، އަގު އުފުލޭ މަހެކެވެ.

ބާޒާރުން މީހަކު މިރުސް ގަންނަނީ: ރޯދަމަހާ ދިމާކޮށް ކަނޑޫދޫ މިރުހުގެ އަގު ވަނީ އުފުލިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ބާޒާރުގައި ލިބެން ހުރި އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާއިރު، ދިވެހިންގެ ތެރޭގައި މަގުބޫލު ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު އުޅެނީ 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ފަޅޯ ކިލޯއެއް 50 ރުފިޔާއަށް ހުރިއިރު، ޕެޝަން ފުރުޓު ކިލޯއެއް ވިއްކަނީ 120 ރުފިޔާއަށެވެ. އަދި ދޮންކެޔޮ ކިލޯއެއް އުޅެނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ.

ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ރަތް ކަރާ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރިއިރު، އަލަނާސި ކަރާ ކިލޯއެއްގެ އަގަކީ 35 ރުފިޔާއެވެ. ހަމައެހެންމެ މެލަން ކިލޯއެއް 55 ރުފިޔާއަށް ހުރިއިރު، އަލަނާސިއެއް ވިއްކަނީ 60 ރުފިޔާއަށެވެ.

ބާޒާރުގެ އަގުތަކަށް އަންނަ މިފަދަ ބަދަލުތަކަކީ އާންމު ރައްޔިތުންގެ ދުވަހުގެ ޚަރަދުތަކަށް އޭގެ އަސަރު ކުރާނެ ކަމެކެވެ.

comment ކޮމެންޓް