މާލެއަށް ދިމާވެފައި އޮތީ ވަރަށް ބޮޑު، ވަރަށް ގިނަ ދުވަހުން އެއްވަމުން އެއްވަމުން ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ކަމަށާއި އެ ކަންކަމަކީ ހަމައެކަނި ސިޓީ ކައުންސިލަށް ހައްލު ހޯދައިދެވޭނެ ކަންކަން ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ވަނީ އާޓިފިޝަލް ބީޗުގައި، އެ ޕާޓީގެ މާލެ މެނިފެސްޓޯ އިފުތިތާހުކުރަން ޖަލްސާއެއް ބާއްވާފައެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ، މާލެއަށް ދިމާވެފައި ހުރީ ހައްލުކުރަން އުނދަގޫ މައްސަލަތަކެއް ކަމަށާއި އެއީ އެއް ދުވަހަކުން ދެ ދުވަހަކުން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެއީ، 1980ގެ މެދުތެރެއިން ފެށިގެން ދިމާވާން ފަށާފައިވާ ދަތިތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަގީގަތުގައި މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މާލެއަށް މީހުން ގިނަވުން،" މާލޭގައި ދިރިއުޅޭތާ 50 އަހަރުވެއްޖެކަން ފާހަގަކުރައްވަމުން ޞާލިޙް ވިދާޅުވިއެވެ.
"މާލެއަށް އެންމެން އަންނަން މަޖުބޫރުވަމުންދިޔައީ. އިގުތިސާދު އޮތީ މާލެ ވަށައިގެން. ތައުލީމު ހާސިލުކުރަންވިއްޔާ މާލެއަށް. ސިއްހީ ޚިދުމަތެއް ހޯދަން ވެސް މާލެއަށް...... ދާއިމީ ހައްލަކީ، އަޅުގަނޑުމެން އެމްޑީޕީން މި ގެންގުޅޭ ލާމަރުކަޒީ ނިޒާމު،"

ކުރީގެ ރައީސް ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ، މާލެއަށް ހައްލެއް ހޯދަން ވެރިކަން ވެސް ބޭނުންވާ ކަމަށް -- ފޮޓޯ/ އެމްޑީޕީ
އެ މަނިކުފާނު ވިދާޅުވީ، މާލޭގެ ތޮއްޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ސަރަހައްދުތައް ތަރައްގީކުރުން ކަމަށެވެ. ރަށްރަށުން ޚިދުމަތްތައް ލިބޭނެ މަގުތައް ފަހިކުރުން ކަމަށެވެ.
އެކަމަކު، އެއީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޞާލިޙް ވިދާޅުވިއެވެ.
"މިއީ އަކީ ހަމައެކަނި ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން. މި ކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް މި ތަނަށް ގެނެސްގެން ނޫނީ މި މާލެއަކަށް ހައްލެއް ނުހޯދޭނެ. އަޅުގަނޑުމެން ޖެހޭނެ ކުރިއަށް މި އޮތް 2028 ވަނަ އަހަރުގައި އެ ބަދަލު ވެސް ގެންނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެން ނޫނީއަކާ މި މާލެއަކަށް މި ބޭނުންވާ ބަދަލެއް ނުގެނެވޭނެ،"
މީގެ އިތުރުން، އެ މަނިކުފާނު ވަނީ މި ވަގުތު މާލެއަށް ބޭނުންވާ ހައްލުތައް ގެނެވެން އޮތީ މިހާރު ވެސް މޭޔަރުކަމުގައި ހުންނެވި އެމްޑީޕީގެ އާދަމް އާޒިމް ހޮވައިގެން ކަމަށް ވިދާޅުވެފައެވެ. އާޒިމަކީ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ބޭފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙާއި އާޒިމް: ޞާލިޙް ވިދާޅުވީ އާޒިމަށް އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށް -- ފޮޓޯ/ އެމްޑީޕީ
"އަޅުގަނޑަށް ފުރިހަމަ އިތުބާރު އޮތް، ޔަގީންކަން އޮތް މީހެއް އާދަމް އާޒިމަކީ. ޝައްކެއް ނެތް، އާދަމްގެ މެނިފެސްޓޯގައި މިރޭ އެ ހާމަކުރައްވާ ކަންކަން ޑެލިވާކުރައްވާނެ،" ޞާލިޙް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމަކީ ލާމަރުކަޒީ ނިޒާމަށް އެތައް ގެއްލުމެއް ދީފައިވާ ބައެއް ކަމަށެވެ. އެ ގޮތުން، އެ މަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެންނާއި މާލޭ މޭޔަރުކަމުގައި ހުންނަވައިގެން ވެސް ކަންކުރެއްވި ގޮތް ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހެވެ.