ވަންޕްލަސް ކުންފުނިން ޗައިނާގެ ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ވަންޕްލަސް 15ޓީ ގެ ފުރަތަމަ ރަސްމީ ފޮޓޯތަކާއި ބައެއް މުހިންމު މަޢުލޫމާތުތައް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިއީ މިއަހަރުގެ އޭޕްރީލް މަހު ބާޒާރަށް ނެރުނު ވަންޕްލަސް 13ޓީ ފޯނުގެ ފަހުން ނެރޭ، އެ ފޯނުގެ އައު މޮޑެލްއެވެ.
އެ ކުންފުނިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފޯނަކީ ކުޑަ ސްކްރީނެއް އެކުލެވޭ "ސްމޯލް ސްކްރީން ފްލެގްޝިޕް" ފޯނެކެވެ.
ފޯނުގެ ފަހަތުގައި އިންނަނީ އަކަބުރެއްގެ ބައްޓަމަށް ހުންނަ ކެމެރާ މޮޑިއުލްއެކެވެ. މިއީ ދާދި ފަހުން ނެރުނު ވަންޕްލަސްގެ އެހެން މޮޑެލްތަކާ ވެސް އެއްގޮތް ފަރުމާއެކެވެ.
މި ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ މުށި ކުލައާއި ފެހި ކުލައިގައެވެ. މީގެ ތެރެއިން ފެހި ކުލައިގެ ފޯނުގައި ހުންނާނީ މެޓް ފިނިޝްއެކެވެ. ފޯނުގެ ފަހަތް ފްލެޓްކޮށް ހުރުމުގެ އިތުރުން، އޭގެ ކަންތައް ވަށްކޮށްލާފައި ހުރުމުގެ ސަބަބުން ފޯނު އަތަށް ހިފަހައްޓާލަން ފަސޭހަވާނެ ކަމަށް ވަންޕްލަސްއިން ބުނެއެވެ.
ވަންޕްލަސް 15ޓީ ގައި ހިމެނެނީ 6.32 އިންޗީގެ ފްލެޓް ޑިސްޕްލޭއެކެވެ. މި ސްކްރީނުގެ ހަތަރު ފަރާތުގެ ބެޒެލްސް ނުވަތަ އަރިމަތިތައް ވަރަށް ތުނިކޮށް ހުރުމުގެ ސަބަބުން ފޯނުގެ ކުރިމަތީގެ ފަރުމާ ވަރަށް ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފޯނުގެ ކެމެރާއަށް ބަލާއިރު، މީގައި ހިމެނެނީ އަޕްގްރޭޑް ކުރެވިފައިވާ "ލޫމޯ" ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެކެވެ. މީގެ އިތުރުން މިއީ ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އައިޕީ66، އައިޕީ68، އައިޕީ69 އަދި އައިޕީ69ކޭ ރޭޓިން ލިބިފައިވާ ވަރުގަދަ ފޯނެކެވެ.
މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގައި ހިމެނޭ 7,500 މިލީއެމްޕަޔާގެ ބިޔަ "ގްލޭޝިއާ ބެޓެރީ" އެވެ. މިއީ ބޮޑެތި ސްކްރީން ހުންނަ ބައެއް ފްލެގްޝިޕް ފޯނުތަކަށްވުރެ ވެސް ވަރުގަދަ ބެޓެރީއެއް ކަމަށް ވަންޕްލަސްއިން ބުނެއެވެ. އަދި މި ފޯނު 100 ވޮޓްގެ ބާރުމިނުގައި ޗާޖުކުރެވޭއިރު، ބައިޕާސް ޗާޖިންގެ ފަސޭހަ ވެސް މީގައި ހިމެނެއެވެ.
ވަންޕްލަސްއިން މިހާރު މަސައްކަތް ކުރަމުންދަނީ ކުޑަ ސްކްރީން ހުންނަ ނަމަވެސް ބޮޑެތި ފޯނުތަކާ އެއްވަރުގެ ބާރުގަދަ ފޯނުތަކެއް ބާޒާރަށް ނެރުމަށެވެ. އެގޮތުން، ވަންޕްލަސްއާއި ސީއޭޓީއެލް ގުޅިގެން އުފައްދާފައިވާ "ގްލޭޝިއާ ބެޓެރީ" ޓެކްނޮލޮޖީއަކީ ފޯނުގެ ސައިޒު ބޮޑުނުކޮށް ބެޓެރީގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން ބޭނުންކުރާ އެންމެ އާ ފަންނިއްޔާތެވެ.
މިއަހަރުގެ އޭޕްރީލް މަހު ނެރުނު ވަންޕްލަސް 13ޓީ އަކީ ވެސް ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފޯނަކަށް ވާއިރު، އައު 15ޓީ އަކީ އެ ކާމިޔާބީ އިތުރަށް ފުޅާކޮށް، ކުޑަ ސްކްރީންގެ ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަށް އެންމެ ޒަމާނީ ސިފަތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.