އެމްޑީޕީގެ ޠަބީޢަތަކީ ޖަދަލުކުރުން ކަމަށާއި، ސަރުކާރުން ކިތަންމެ ރަނގަޅު ކަމެއް ހުށަހެޅިޔަސް ސުވާލު އުފައްދާނެ ކަމަށް ވިދާޅުވެ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޢަބްދުއްސައްތާރު ވިދާޅުވީ، ސަރުކާރުން ކިތަންމެ ރަނގަޅު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް ނުވަތަ ސިޔާސަތެއް ހާމަކުރިޔަސް، އެ ބިލެއް ނުވަތަ ސިޔާސަތުތަކާ މެދު ސުވާލު އުފެއްދުމަކީ އިދިކޮޅު އެމްޑީޕީގެ ޠަބީޢަތެއް ކަމަށެވެ.
ކީރިތި ޤުރްއާނުގަ އޮންނާނެ މޫސާގެފާނުގެ ގައުމުގެ ވާހަކަ. މޫސާގެފާނުގެ ގައުމުގެ މީހުންނަކީ ވަރަށް ޖަދަލުކުރާ ބައެއް. ވަރަށް ގިނަ ސުވާލު އުފައްދާ ބައެއް. މި ޒަމާނުގައި ނުވަތަ މިހާރު އަޅުގަނޑުމެންނަށް އެ މަންޒަރު މި ފެންނަނީ އަޅުގަނޑުމެންގެ ވާދަވެރި އެމްޑީޕީގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން 2008ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވީ އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތި ކަމަށާއި، ތިން އަހަރަށްފަހު އެ ވެރިކަން ވެއްޓުނީ އެހެންވެ ކަމަށް ވިދާޅުވެ، ޢަބްދުއްސައްތާރު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ވެރިކަމަށް ވަޑައިގަތީ މާލޭގެ މޭޔަރުކަމުގައި ހުންނެވުމަށްފަހު، މާލެއަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވުމަށްފަހުއެވެ. އަދި މާލޭ ރައްޔިތުންނަށް ދިމާވި ހުރިހާ ދަތިތަކެއް ރައީސް ތަޖުރިބާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވަނީ މާލެއަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރާނެ މޭޔަރަކާއި ކައުންސިލަރުންތަކެއް ކަމަށް، ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްޠަފާ ޙުސައިން، އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ރޭ މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ: ޕީއެންސީ
"އެހެންވީމާ އަޅުގަނޑުމެން މޫނަކަށް ކަނދުރާއަކަށް ހެދުމަކަށް ބަލާނެ ކަމެއް ނެތް. ދޫންޏަށް ވޯޓުލާންވީ! ސަބަބަކީ އަޅުގަނޑުމެންނަކީ އެއްބައެއް. އަޅުގަނޑުމެން މިތިބީ އެއް ޓީމެއްގެ ގޮތުގައި. އަޅުގަނޑުމެން މިތިބީ އެކުވެރިކަމާއި ބަދަހިކަމާއެކު ނިކުމެ،" ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ޒިންމާއަކީ ރައްޔިތުންނަށް ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި، ޢަބްދުއްސައްތާރު ވިދާޅުވީ ޕީއެންސީއަށް ކައުންސިލްތަކުގެ ގޮނޑިތައް ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
މީގެ ކުރިން ކައުންސިލް އިންތިޚާބަށް އެއްވެސް ސަރުކާރަކުން މިހާ ވަރަކަށް މަސައްކަތްނުކުރާ ކަމަށާއި، އެ ރަށެއްގެ ބަޔަކު އަމިއްލައަށް ކަންކުރަން ވޭތުވެދިޔަ ސަރުކާރުތަކުން އޮތީ ދޫކޮށްލާފައި ކަމަށް، ޢަބްދުއްސައްތާރު ވިދާޅުވިއެވެ.