ބަންގްލަދޭޝްގެ ދަރިވަރުންގެ ލީޑަރު ހާދީ މަރާލި މައްސަލައިގައި ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ދަރިވަރުންގެ މަގުބޫލު ލީޑަރެއް ކަމަށްވާ ޝަރީފް އުސްމާން ހާދީ މަރާލި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވި ފަހުންނެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ހާދީއަކީ 2024 ވަނަ އަހަރު ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

https://www.sun.mv/215529

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ޑާކާގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި ޒަހަމްވި ހާދީ މަރުވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.

މި ހާދިސާއަށްފަހު، ގާތިލުން އިންޑިއާއަށް ފިލާފައިވާ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ތުހުމަތުކުރި ނަމަވެސް، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އޭރު ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް، ބަންގްލަދޭޝްއާ އިންވެގެން އޮންނަ އިންޑިއާގެ ހުޅަނގު ބެންގާލް ސްޓޭޓުގެ ފުލުހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރުކޮށްފައިވާ ދެ މީހުންނާ ކުރެވުނު ފުރަތަމަ ތަހުގީގުތަކުން އެ މީހުން ހާދީގެ މަރުގައި ބައިވެރިވެފައިވާކަން އެނގޭ ކަމަށެވެ. އަދި އެ ދެ މީހުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވީ ބޯޑަރު ސަރަހައްދުގައި ފިލައިގެން އުޅުމަށްފަހު އަނބުރާ ބަންގްލަދޭޝްއަށް ދިއުމުގެ ނިޔަތުގައި ކަމަށް “ސިއްރު އަދި އިތުބާރުހުރި” މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހާދީގެ މަރާ ގުޅިގެން ބަންގްލަދޭޝްގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދިޔައެވެ. މި މުޒާހަރާތަކުގައި އިންޑިއާއަށް ތާއީދުކުރާ ކަމަށް ބެލެވޭ ބޮޑު ދެ ނޫހެއްގެ އިމާރާތަށާއި، ސަގާފީ މަރުކަޒަކަށް ވަނީ ގެއްލުންދީފައެވެ.

ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން އޭނާ އިންޑިއާގެ ހިމާޔަތް ހޯއްދެވި ހިސާބުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ހާދީގެ މަރާއެކު މި ގުޅުން އިތުރަށް ގޯސްވެފައިވާއިރު، އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ހާދީ މަރާލުމުގައި އިންޑިއާގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ފަތުރަމުންދާ “ދޮގު ވާހަކަތައް” ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް