ރަމަޟާން މަހުގެ ފަހު ދިހައިގައި އަޅުކަމުގެ ގޮތުން ކުރެވޭނެ ކަންތައްތައް

ލައިލަތުލްޤަދްރި ވިލޭރޭގެ ހެޔޮކަން 83 އަހަށްވުރެ އިތުރުވެގެންވޭ -- ސަން ފޮޓޯ

ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައި ކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައި ވެއެވެ. ނަމަވެސް ވަރަށް ބޮޑު ޙިކުމަތަކަށް ޓަކައި އެއީ ސީދާ ކޮން ރެއެއްކަމެއް ބަޔާންކުރައްވާފައެއް ނުވެއެވެ.

ވުމާއެކު، މި މާތް ރޭގެ ބަރަކާތް ލިބިގަތުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ހުރިހާ ރެއެއްގައި ވެސް ހީވާގިކަމާއެކު އަޅުކަމުގައި ދެމިހުރުމެވެ. އެގޮތުން، މި ރޭތަކުގައި ޢަމަލީ ގޮތުން އަހުރެމެން ކުރާންވީ ކަންތައްތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ފަހު ދިހައެއްގައި ރަސޫލުﷲ ﷺ ގެ ޢަމަލުފުޅު

މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ، إذَا دَخَلَ العَشْرُ، أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ وَشَدَّ المِئْزَرَ))(ޞަޙީޙުލް ބުޚާރީ، 2024) "(ރަމަޟާން މަހުގެ) ފަހު ދިހައެއް ފެށުމުން، ރަސޫލާ ﷺ (ނަމާދާއި އަޅުކަމަށްޓަކައި) ރޭގަނޑު ހޭލާ ހުންނަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން އަޅުކަން ކުރެއްވުމަށް ޓަކައި އަވަހާރަފުޅުން ނަންގަވައެވެ. އަދި އެކަލޭގެފާނު (އަޅުކަމުގައި) ގަދައަޅުއްވައި ކަމަރުކޮޅު ބާރުކުރައްވައެވެ".

މި ޙަދީޘްފުޅުގައި ރަސޫލާ ﷺ ގެ "ކަމަރުކޮޅު ބާރުކުރައްވާ" ކަމަށް އޮތް ބަސްފުޅުގެ އަސްލު މުރާދަކީ، ފަހު ދިހައެއް ފެށުމާއެކު، އެކަލޭގެފާނު ދުނިޔެވީ ކަންކަމާ ދުރުހެލިވެވަޑައިގެން އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރުކުރައްވައި، ރޭގަނޑުގެ ބޮޑުބައި ނަމާދާއި ދުޢާއާއި ޛިކުރުކުރެއްވުމުގައި ހޭދަކުރައްވާ ކަމެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިންވެސް އަޅުކަމުގައި ބައިވެރިކުރައްވައި، އަޅުކަމުގެ މާޙައުލެއް ގޭތެރޭގައި ޤާއިމު ކުރައްވައެވެ.

1. ރޭއަޅުކަން ކުރުން (ޤިޔާމުއްލައިލި)

މިއީ ފަހު ދިހައިގެ އެންމެ މުހިންމު އެއް ޢަމަލެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ((مَن قامَ لَيْلَةَ القَدْرِ إيمانًا واحْتِسابًا غُفِرَ له ما تَقَدَّمَ مِن ذَنْبِهِ))(ޞަޙީޙުލް ބުޚާރީ، 2014، ޞަޙީޙު މުސްލިމް، 760). "އީމާންކަމާއެކު، ދަރުމައަށް އެދިގެން ލައިލަތުލްޤަދުރިވިލޭރޭ ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެތެވެ."

ރޭއަޅުކަން ނުވަތަ ޤިޔާމުއްލައިލިގެ ޚާއްސަ އަޅުކަމުގެ ތެރޭގައި، ތަރާވީޙް ނަމާދާއި ދަމުނަމާދާއި ވިތުރި ފަދަ ސުންނަތް ނަމާދުތައް ހިމެނެއެވެ. މި ވަގުތުގެ އަޅުކަމުގައި އިޚްލާޞްތެރިކަމާއި މަޑުމޮޅިކަމާއެކު ﷲ އަށް ކުއްތަންވުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

2. ޤުރުއާން ކިޔެވުން އިތުރުކުރުން

ރަމަޟާން މަހަކީ ޤުރުއާނުގެ މަހެވެ. އަދި ލައިލަތުލްޤަދުރިވިލޭރެއަކީ ޤުރުއާން ބާވައިލެއްވި ރެއެވެ. އެހެންކަމުން، ސަލަފުއްޞާލިޙުން ފަހު ދިހައެއްގައި ޤުރުއާން ކިޔެވުމާއި އޭގެ މާނައާމެދު ފިކުރުކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ. ވުމާއެކު، އަހުރެމެން ވެސް މި ރޭތަކުގައި ޤުރުއާން ކިޔެވުން ގިނަކޮށް، އޭގެ މާނައާމެދު ވިސްނައި ފިކުރުކުރަން ވާނެއެވެ. މިފަދައިން ކިޔެވުމުން ޤުރުއާނުން ގެނެސްދޭ ރޫޙާނީ ދިރުން މާ ފުރިހަމަކޮށް ލިބޭނެއެވެ. ޢަރަބި ބަސް ނޭނގޭނަމަ ތަރުޖަމާއާއެކު ހުންނަ މުޞްޙަފަކުން ކިޔެވިދާނެއެވެ.

3. ގިނަގިނައިން ދުޢާކުރުން

ލައިލަތުލްޤަދުރިވިލޭރެއަކީ ފާފަ ފުއްސެވުމާއި ދުޢާ އިޖާބަކުރެއްވުމުގެ ރެއެވެ. ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ރަސޫލާ ﷺ އަރިހުގައި، އެ ރޭ ދިމާވެއްޖެނަމަ ކިޔާނީ ކޮން ދުޢާއެއްތޯ ސުވާލު ދެންނެވުމުން، ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي))(ސުނަނުއް ތިރުމިޛީ، 3513). މިފަދައިން ކިޔުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. މި ދުޢާގެ މާނައަކީ "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަ ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. އަދި ފާފަފުއްސެވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ، މިއަޅާ އަށް ފާފަފުއްސަވައިދެއްވާނދޭވެ".

މ ޚާއްޞަ ދުޢާގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި ގިނަގިނައިން ދުޢާ ކުރާންވާނެއެވެ. މައިންބަފައިންނާއި އަނބިދަރިންނާއި އަދި މުޅި އިސްލާމީ އުންމަތަށް ހެޔޮ ދުޢާކުރުމުގައި ވަގުތު ހޭދަކުރާންވާނެއެވެ. ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކޮށް ﷲ ގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވާން ވާނެއެވެ. އެމީހަކު ބޭނުން ބަހަކުން ﷲ އަށް ދުޢާ ކުރެވޭނެއެވެ.

4. ޒިކުރުކުރުން

ފަހު ދިހައިގެ ރޭތައް އިޙްޔާކުރުމުގައި ހިމެނޭ މުހިންމު އަނެއް ކަމަކީ ރޭގަނޑުގެ ވަގުތުތަކުގައި ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް ޒިކުރުކުރުމެވެ. އެގޮތުން، ﷲ ގެ ހުސްޠާހިރުވަންތަކަން ބަޔާންކުރުމުގެ ގޮތުން ތަސްބީޙަ (سُبْحَانَ اللهِ) ކިޔުމާއި، އެކަލާނގެއަށް ޙަމްދުކުރުމުގެ ގޮތުން ތަޙްމީދު (الْحَمْدُ لِلَّهِ) ކިޔުމާއި، އެކަލާނގެ ކުޅަދުންވަންތަކަން ބޮޑުވެގެންވާކަން ހާމަކުރުމަށް ތަކްބީރު (اللهُ أَكْبَرُ) ކިޔުމުގެ އިތުރުން، ތަހްލީލު (لَا إِلَهَ إِلَّا اللهُ) ކިޔުމާއި އަދި ފާފަ ފުއްސެވުމަށް އެދި އިސްތިޣްފާރު ކުރުން (أَسْتَغْفِرُ اللهَ ކިޔުން) ގިނަ ކުރަންވާނެއެވެ. މީގެއިތުރުން سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ ފަދަ މަތިވެރި ޛިކުރުތައް ކިޔުމާއި، ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މި ބަރަކާތްތެރި ރޭތަކުގެ ހެޔޮކަން އިތުރުވެގެންދާނެ ކަންކަމެވެ.

5. އިޢުތިކާފަށް އިނުން

ފަހު ދިހައިގެ ދުވަސްތަކުގައި މިސްކިތުގައި މަޑުކޮށް، ދުނިޔަވީ ކަންކަމާ އެކަހެރިވެ އަޅުކަމަށް ހުސްވުމަކީ ރަސޫލާ ﷺ ގެ ސުންނަތެކެވެ. މިއީ މުޅި ދިހަ ދުވަހު ނުވަތަ ރޭގަނޑު ވަގުތުކޮޅަކަށް ނަމަވެސް ކުރެވިދާނެ މަތިވެރި އަޅުކަމެކެވެ. އިޢުތިކާފަށް ތިބޭއިރު މިސްކިތުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތައް ނުރުކުމަށް ސަމާލުކަން ދޭންވާނެއެވެ. އެގޮތުން މިސްކިތް ހަޑިކުރުމާއި މިސްކިތުގެތެރެއަށް ކާބޯތަކެތި އެޅުމާއި އަދި މިސްކިތް ބޭނުން ކުރާ އެހެން ފަރާތްތަކަށް އުނދަގޫ ވާނެ ފަދަ ކަންތައްތައް ކުރުމާ ދުރުހެލިވާންވާނެއެވެ.

6. އަޅުކަމުގައި ބައިވެރިވުމަށް ޢާއިލާއަށް ހިތްވަރު ދިނުން

ފަހު ދިހައިގެ ރޭތައް އިޙްޔާކުރުމުގައި އަނބިދަރީންނާއި ގޭގެ އަހުލުވެރީން ބައިވެރި ކުރުމަކީ ވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ދިރުވާންޖެހޭ ސުންނަތެކެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ އަހުލުވެރިން ނަމާދަށް ހޭލެއްވި ފަދައިން، އަހުރެމެންވެސް ގޭތެރޭގައި އަޅުކަމުގެ މާޙައުލެއް އުފައްދައި އެކަކު އަނެކަކަށް ހިތްވަރުދީ މި މަތިވެރި ބަރަކާތުގައި އެންމެން ބައިވެރި ކުރެވޭތޯ މަސައްކަތް ކުރާންވާނެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރިކަން ޙާޞިލުކުރުމަށް އޮތް އެންމެ ފަސޭހަ މަގަކީ، އެއީ ކޮން ރެއެއްތޯއާ މެދުގައި ބަޙުޘްކުރާން ތިބުމުގެ ބަދަލުގައި، ފަހު ދިހައިގެ ހުރިހާ ރެއެއް އަޅުކަމުގައި ހޭދަކުރުމެވެ. ރަސޫލާ ﷺ ދެއްކެވި ނަމޫނާ އަކީ އަޅުކަމުގައި ހީވާގިވެ އެކަމުގައި އަހުލުވެރީން ވެސް ބައިވެރިކުރުމެވެ. އެހެންކަމުން، މި ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ތައުބާވުމާއި އަދި ދުޢާ އާއި ޒިކުރު ކުރުމުގައި ދެމިތިބުމަށް ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ. ފަހަރެއްގައި މިއީ އަހުރެމެންގެ ދިރިއުޅުމުގައި ލިބޭނެ އެންމެ ފަހު ފުރުޞަތު ކަމުގައި ވެސް ވެދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް