މިދިޔަ ޖަނަވަރީ މަހާ އަޅައިބަލާއިރު، މިދިޔަ މަހު އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރި މިންވަރު މަދުވެއްޖެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކި ބާވަތުގެ 948 މައްސަލަ އެ އިދާރާއަށް މިދިޔަ މަހު ހުށަހަޅާފައިވެއެވެ.
މިދިޔަ ޖަނަވަރީ މަހާ އަޅައިބަލާއިރު، މިދިޔަ މަހު އެކްސިޑެންޓުތައް ހިނގާފައިވާ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން، ނިމުނު ފެބްރުއަރީގައި ފުލުހުންނަށް ވަނީ، 250 އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކޮށްފައެވެ. އެއީ، ޖަނަވަރީއަށް ވުރެ، 54 އެކްސިޑެންޓު ދަށް އަދަދެކެވެ.

މަގުމަތީގައި ފުލުހަކު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މޫސާ ނަަދީމް
ހިސާބުތަކަަށް ބަލާއިރު، މިދިޔަ ޖަނަވަރީގައި އެންމެ ގިނައިން ރިޕޯޓުކުރީ، ވައްކަމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 310 މައްސަލަ އެ މަހު އެކަނި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، މިދިޔަ މަހު އެ އަދަދު ވަނީ، 247އަށް މަދުވެފައެވެ.
އެހެނިހެން ބާވަތްތަކުގެ މައްސަލަތަކަށް ބަލާއިރު، މަސްތުވާތަކެއްޗާ ގުޅޭ 169 މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ތަކެތި ގެއްލިގެން 80 މައްސަލައެއް ރިޕޯޓުކުރިއެވެ.
އޭގެއިތުރަށް، މާރާމާރީ ހިންގުމުގެ 64 މައްސަލައާއި ތަކެއްޗަށް ގެއްލުން ދިނުމުގެ 52 މައްސަލަ މިދިޔަ މަހު އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު އެކްސިޑެންޓުތައް ރިޕޯޓުކުރި މިންވަރު މަދުވިއިރު، މި ރޯދައިގެ ފުރަތަމަ ހަފުތާގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގި މިންވަރު ވަނީ އިތުރުވެފައެވެ. އެ މުއްދަތުގައި އެކަނި ވެސް 90 އެކްސިޑެންޓު ވަނީ ހިނގާފައެވެ.
އެހެންވެ، ފުލުހުން ވަނީ، އެކްސިޑެންޓުތައް މަދުކުރުމަށް ސްޕީޑު މަޑުކޮށް، މަގުމައްޗަށް ބަލައިގެން އުޅަނދުތައް ދުއްވަން ހަނދާންކޮށްދީފައެވެ.