ދުނިޔޭގެ ސިޔާސީ މަސްރަހާމެދު ސުވާލު އުފެދިފައިވާ މިފަަދަ ވަގުތެއްގައި ރާއްޖެއަށް ބައިނަލްއަގްވާމީ އެއްބާރުލުން މުހިންމު: ޚަލީލް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދުނިޔޭގެ ސިޔާސީ މަސްރަހާމެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބައިނަލްއަގްވާމީ އެއްބާރުލުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ 77 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި ޚަލީލް ވިދާޅުވީ، މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ "އުންމީދީ މުސްތަގުބަލަކަށްޓަކައި އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުން ހިފުން" މި ޝިއާރުގެ ދަށުން ކަމަށެވެ. މިއީ ކޮމަންވެލްތުގެ އާއިލާގެ މެދުގައި އޮތް އެއްގޮތް އުސޫލުތަކާއި، ގައުމުތަކުން ހާސިލުކުރަން ބޭނުންވާ ގުޅިފައިވާ ލަނޑުދަނޑިތަކާ ވަރަށް ބޮޑަށް ގުޅޭ މާނަފުން ޝިއާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ހަތް ދަހަރަށްވުރެ ގިނަ ދުވަހު، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ވެސް ކޮމަންވެލްތު ފެނިފައިވަނީ އުންމީދީ ނަމޫނާއެއްގެ ގޮތުގައި ކަމަށް ޚަލީލް ވިދާޅުވިއެވެ. ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ތަފާތުތަކަކީ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ގައުމުތަކުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ މެންބަރު ގައުމުތަކަކަށް ދެމެހެއްޓެނިވި ތަރައްގީއާއި ފާގަތިކަން ކަށަވަރުކޮށްދިނުމަށް ލިބޭ އެންމެ ބޮޑު ބާރުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާއި ކޮމަންވެލްތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ، ކޮމަންވެލްތަކީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު ދުނިޔެއަށް އިއްވައި، އެ ގައުމުތަކުގެ ގުޅިފައިވާ މަސްލަހަތުތައް ހިމާޔަތްކުރުމަށް ވަކާލާތުކޮށްދޭ މުހިންމު މައިދާނެއް ކަމަށެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އިގްތިޞާދީ ކުރިއެރުން ހަރުދަނާކުރުމުގައި ކޮމަންވެލްތަކީ އަބަދުވެސް އިތުބާރު ހިފޭ ބައިވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދުނިޔޭގެ ސިޔާސީ މަސްރަހާމެދު ސުވާލު އުފެދިފައިވާ މިފަދަ ޒަމާނެއްގައި، ރާއްޖެފަދަ ކުދި ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުމާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަމަށް ޚަލީލް ފާހަގަކުރެއްވިއެވެ.

ޚަލީލް ވިދާޅުވީ، ފާއިތުވި ކާމިޔާބީތަކާ މެދު އުފާކުރުމުގެ އިތުރުން، މިއަދު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ ހަރަކާތްތެރި ޖަމާއަތެއްގެ ގޮތުގައި ކޮމަންވެލްތު ދެމެހެއްޓުމަށް އަލުން އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.

އަދި ހުރިހާ މެންބަރު ގައުމުތަކަކަށް ފާގަތި އަދި ހަރުދަނާ މުސްތަގުބަލެއް ބިނާކޮށްދިނުމަށްޓަކައި، ކޮމަންވެލްތުގެ ތެރޭގައި އިސްދައުރެއް އަދާކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޚަލީލް ދެއްވިއެވެ.

ކޮމަންވެލްތު ދުވަސް ފާހަގަކުރަމުން ދާއިރު، ކޮމަންވެލްތުގެ މެންބަރު ގައުމެއްކަމަށްވާ މޮރިޝަސްއިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން، ޗާގޯސް ރަށްތަކުގެ މައްސަލައިގައި ވަނީ ކަނޑައިލައިފައެވެ. މިއީ ގައުމަކުން، ޚާއްސަކޮށް ކޮމަންވެލްތުގައި ވެސް ހިމެނޭ ގައުމެއް ރާއްޖެއާ ގުޅުން ކަނޑައިލި ފުރަތަމަ ފަހަރެވެ.

ކޮމަންވެލްތް ނުވަތަ "ކޮމަންވެލްތް އޮފް ނޭޝަންސް" އަކީ 56 ގައުމެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ގައުމުތަކަކީ ކުރިން އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮތް ގައުމުތަކެވެ.

ދިވެހިރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތާ ގުޅުނީ 1982 ވަނަ އަހަރެވެ. އޭގެފަހުން 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން މި ޖަމާއަތުން ވަކިވިއެވެ. ނަމަވެސް އޭގެފަހުން އައި އެމްޑީޕީ ސަރުކާރުގައި ފެބްރުއަރީ، 1، 2020 ގައި ރާއްޖެއިން އަލުން މި ޖަމާއަތުގެ މެންބަރަކަށްވިއެވެ.

comment ކޮމެންޓް