އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރިކަމުގެ މަސް ފާހަގަކުރަން ހަފުލާއެއް ބާއްވައިފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަހާ ގުޅުވައިގެން، މި ބަލި ތަހައްމަލުކުރާ ކުދިން އިސްނަގައިގެން ރޭ ޚާއްސަ ކުޑަ ހަފުލާއެއް ބާއްވައިފިއެވެ.

މި ހަފުލާއަކީ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ތަހައްމަލުކުރާ މީހުންނަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.

އެންޑޮމީޓްރިއޯސިސްއަކީ ރަހިމުގެ އެތެރެ ފަށަލައާއި އެއްގޮތް ސެލްތަކެއް މުޅި ހަށިގަނޑަށް ފެތުރޭ އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލަމޭޓަރީ ދާއިމީ ބައްޔެކެވެ.

ބޭރުފުށުން ފެންނަން ހުންނަ ބަލިތަކާއި ޚިލާފަށް އެންޑޮމީޓްރިއޯސިސްގެ ލީޝަންތަކަކީ ހަށިގަނޑު އެތެރޭގައިވާ ފާރުތަކެކެވެ. ނަމަވެސް، ދިގު މުއްދަތަކަށް އިންފްލަމޭޝަން ދެމިގެން ދިއުމާއި، ނާރުތައް ޝާމިލުވުމާއި، ގުނަވަންތައް ތަތްވުމާއި، ގުނަވަންތަކުގެ ދައުރަށް އަސަރުކުރުމުގެ ސަބަބުން މި ބައްޔަކީ ވަރަށް ވޭންގަދަ ބައްޔެކެވެ.

އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރިކުރުވަން ބޭއްވި ހަފުލާގެ ތެރެއިން ---

ދުނިޔޭގެ އެންމެ ވޭންދެނިވި 20 ބަލީގެ ތެރޭގައި އެންޑޮމީޓްރިއޯސިސް ހިމެނެއެވެ.

ދިރާސާތަކުން ދެނެގަނެވިފައިވާ ގޮތުގައި މި ބަލި ވަނީ އޯވަރީ، ގޮހޮރު، ބްލެޑަރ، ލިގަމެންޓްތައް، އެބްޑޮމިނަލް ވޯލް، ނާރުތައް، ސިޒޭރިއަން ލަކުނު، ފޫޅު، ކިޑްނީ، އެޕެންޑިކްސް، ފުއްޕާމޭ، ހިތް، ލޯ އަދި ނިޔަފަތިން ވެސް ފެނިފައެވެ.

މި ހަފުލާގެ ތެރެއިން، އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނާއި، މި ބަލި ތަހައްމަލު ކުރާ މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ލިބޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިތްވަރުދީ، ބަލީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ.

މި ހަރަކާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ބައިވެރިންގެ މެދުގައި ގުރުއަތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުން ހޮވުނު ތިން މީހަކަށް ވަނީ ޚާއްސަ ހަދިޔާތަކެއް ދީފައެވެ. މި ހަފުލާގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އައިލެންޑް ޕާފިއުމް، އެވޮން އަދި ތޫލްއެވެ.

މީގެ އިތުރުން، މި ހަފުލާގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ލޯލާ މޯލްޑިވްސްގެ ފަރާތުން ވަނީ ފިނިފެންމަލެއް ހަދިޔާކޮށްފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކާ މެދު މުޖުތަމައުގައި އޮންނަ ހޭލުންތެރިކަން އިތުރުވެ، ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ލިބުމަށް މަގުފަހިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު