އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވަނިކޮށް، އެކަމަށް ލުޔެއް ގެނައުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސައުދީގެ އަރަމްކޯއިން ހަތަރު މިލިއަން ފީފާ ތެޔޮ ވިއްކަން ހުޅުވާލައިފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތިން ތެޔޮ އެކްސްޕޯޓުކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ އެޅިފައެވެ. އެހެންވެ, ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި ކަމަށްވާ ސައުދީ އަރަމްކޯއިން ނިންމާފައިވަނީ ހަތަރު މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ވިއްކުމަށް ޚާއްސަ ޓެންޑަރުތަކެއް ހުޅުވާލުމަށެވެ.
ތެޔޮ ލިބުން ދަތިވުމާ ގުޅިގެން މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 115 ޑޮލަރަށް އަރައިފައެވެ. މިއީ ހަނގުރާމަ ފެށުނުއިރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.
ވިޔަފާރިވެރިންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)ގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު ހީވެފައިވާތީ، އަރަމްކޯއިން މިހާރު މަސައްކަތްކުރަމުން ދަނީ ރަތް ކަނޑު މެދުވެރިކޮށް ތެޔޮ އެކްސްޕޯޓުކުރާނެ އާ މަގުތަކެއް ހޯދުމަށެވެ.
މިގޮތުން، މިއަދު ބަންދުކުރި ޓެންޑަރެއްގައި އަރަމްކޯއިން ވަނީ މިޞްރުގެ އައިން ސޮޚްނާ ބަނދަރު މެދުވެރިކޮށް ބަރުކުރާ ގޮތަށް ދެ މިލިއަން ފީފާގެ "އަރަބް ހެވީ" ތެޔޮ އޭޝިއާގެ މާކެޓަށް ވިއްކުމަށް ހުށަހަޅާފައެވެ. ޓެންޑަރުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ތެޔޮ ބަރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 30 އާ ދެމެދުގައެވެ.
މީގެ އިތުރުން، އިއްޔެ ބަންދުކުރި އެހެން ޓެންޑަރެއްގައި 650،000 ފީފާގެ "އަރަބް ލައިޓް" ތެޔޮ ވިއްކުމަށް ހުށަހަޅާފައިވާއިރު، ޖަޕާނުގެ ދެވަނައަށް އެންމެ ބޮޑު ރިފައިނަރީ ކަމަށްވާ އިޑެމިޓްސޫ ކޮސާންއަށް ދެ މިލިއަން ފީފާގެ "އަރަބް އެކްސްޓްރާ ލައިޓް" ތެޔޮ ވިއްކާފައިވާ ކަމަށް ވެސް ވިޔަފާރިވެރިން މައުލޫމާތުދެއެވެ.
ހުރުމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ގާތްގަނޑަކަށް ހުއްޓިފައިވުމާ ގުޅިގެން، މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކަށް ވެސް ވަނީ މީގެ ނޭދެވޭ އަސަރުކުރަން ފަށާފައެވެ. އެ ގޮތުން، އިރާގާއި ކުވައިތުން މިހާރު ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފައެވެ. އޭޝިއާގެ ގައުމުތަކަށް ބޭނުންވާ ތެލާއި ޕެޓްރޯކެމިކަލްސްގެ 60 އިންސައްތަ މެދުއިރުމަތިން ހޯދަމުންދާއިރު، މި ކުއްލި ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް ބޭނުންވާ ތެޔޮ ހޯދުމަށް އޭޝިއާގެ ރިފައިނަރީތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.