މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމު)ގެ ތިންވަނަ ބުރަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް އެ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލާފައެވެ.
ތިން މަސް ދުވަހުގެ މި ޕްރޮގްރާމްގެ ތަމުރީން ފަށާނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައި އެމްއެންޑީއެފްގެ ޅ. މާފިލާފުށިގައި ހުންނަ ޓްރެއިނިން ސެންޓަރުގައެވެ.
ޕްރޮގްރާމުގައި ބައިވެރިވާން އޮންލައިންކޮށް ވެސް ހުށަހެޅޭނެއެވެ. ނުވަތަ ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުން ޖަނަވަރީ މަހު ވަނީ މާފިލާފުއްޓަށް ފަރިތަކުރުންތަކަށް ފުރާފައެވެ. އެއީ ވެސް 350 ދަރިވަރުންނެވެ.
ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމުރީނުކުރުން ހިމެނެއެވެ.