މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ވަގުތެއް ކަނޑައަޅާނީ އީރާނުން ކަމަށް، އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.
އައިއާރްޖީސީން މިހެން ބުނެފައިވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދު އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދުގެ މުސްތަގުބަލު އޮތީ އެ މީހުންގެ އަސްކަރިއްޔާގެ އަތްމަތީގައި ކަމަށާއި، އެމެރިކާގެ ސިފައިންނަށް ހަނގުރާމަ ނުނިންމޭނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ، މެދުއިރުމަތިން "އެއް ލީޓަރުގެ ތެޔޮ" ވެސް ބޭރުކުރުމަށް ފުރުސަތު ނުދޭނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އީރާނުގެ މި އިންޒާރާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ހުރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް އީރާނުން ހުރަސްއަޅައިފިނަމަ، މިހާރު ދެމުންދާ ހަމަލާތަކަށްވުރެ 20 ގުނަ ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށެވެ.
އައިއާރްޖީސީން ވަނީ އެމެރިކާގެ ޒަމާނީ 10 ރޭޑަރު ސިސްޓަމަކާއި އަގުބޮޑު ޑްރޯންތަކެއް ހަލާކުކޮށްލާފައިވާ ކަމަށްވެސް ބުނެފައެވެ.
އަދި އީރާނުގެ އަސްކަރީ ބާރު ދަށްވެފައިވާ ކަމަށް ބުނެ ޓްރަމްޕް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފައެވެ.