ވިއެޓްނާމްގައި ކުރިއަށްދާ ވޯލްޑް ޖޫނިއާ ޓެނިސް މުބާރާތުގެ ސާދަ އަހަރުން ދަށުގެ ބައިގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމު ތޭރަވަނަ ހޯދައިފިއެވެ.
ގްރޫޕް ސްޓޭޖުގައި ވަރުގަދަ ވިއެޓްނާމް އަދި މަކާއޯއާ ވާދަކޮށް ސުމެއް ތިނެއްގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދިވެހި ޓީމު ވަނީ ޕްލޭއޮފްގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ތޭރަ ވަނައިން ފެށިގެން އަށާރަ ވަނަ މަގާމާ ދެމެދުގެ ޕްލޭއޮފް މެޗުތަކުގައި ރާއްޖެއިން ވަނީ ގުއާމް އަދި ކުވައިތުގެ މައްޗަށް ދޭއް އެކެއްގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. ފަހު ދުވަހު ކުވައިތާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، ރާއްޖޭގެ ޒުވާން އަންހެން ކުޅުންތެރިން ވަނީ ގައުމަށް ރީތި ނަމެއް ހޯދައިދީފައެވެ.

ވިއެޓްނާމްގައި ކުރިއަށްދާ ވޯލްޑް ޖޫނިއާ ޓެނިސް މުބާރާތުގެ ސާދަ އަހަރުން ދަށުގެ ބައިގަ ވާދަކުރާ އަންހެން ޓީމު--
ކެމްބޯޑިއާގެ ފްނޮމް ޕެންގައި ފެށި އައިޓީއެފް އޭޝިއާ ސާދަ އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގައިވެސް ރާއްޖޭގެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ކުޅެމުންނެވެ.
ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޔޫސުފް ޒާއިން ވަނީ ޓިމޯ ލެސްޓޭގެ ޖޮވާނިއޯ މާޓިންސްއާ ވާދަކޮށް ހައެއް ސުމެއް އަދި ހައެއް ސުމަކުން ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ އަންހެން ޑަބަލްސްގައި ރާއްޖޭގެ އިސްރާ އާރާ އަދި ކަންޒާ އިސްމާއީލް ވަނީ ކެމްބޯޑިއާގެ ޕެއާއާ ވާދަކޮށް ހައެއް ސުމެއް އަދި ހައެއް ސުމަކުން މެޗު ކާމިޔާބުކޮށްފައެވެ.

ވިއެޓްނާމްގައި ކުރިއަށްދާ ވޯލްޑް ޖޫނިއާ ޓެނިސް މުބާރާތުގެ ސާދަ އަހަރުން ދަށުގެ ބައިގަ ވާދަކުރާ ގައުމުތައް--
މި މޮޅާއެކު ދިވެހި ޓީމު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. އަންހެން ސިންގަލްސްގައި އާރާ ކުޅުނު ފުރަތަމަ ބައިނަލްއަޤުވާމީ މެޗުގައި މޮންގޯލިއާގެ އެންމެ މޮޅު ކުޅުންތެރިޔާ އަތުން ބަލިވި ނަމަވެސް، މިއީ އޭނާގެ ކެރިއަރުގައި ލިބުނު މުހިންމު ތަޖުރިބާއެކެވެ.
ފިރިހެން ޑަބަލްސްގައި ރާއްޖޭގެ އަލްސަން ސާމީ އަދި ޔޫސުފް ޒާއިން ވަނީ ޕާކިސްތާނުގެ ވަރުގަދަ ޕެއާއަކާ ވާދަކޮށް ބަލިވެފައެވެ.