ބަހާލައިގެން ދެ ދުވަހެއްގައި ބާއްވާ އިންތިޚާބުތަކަކީ ރާއްޖޭގައި ފެއިލްވެފައި އޮތް ނިޒާމެއްކަން ގަބޫލުކުރަން ޖެހޭކަމަށާއި، އެކަން ބަދަލު ކުރުމަށް، ދެ އިންތިޚާބު އެއް ދުވަހެެއްގައި ބާއްވައިގެން ވިޔަސް އެހެން ގޮތެއް ޓެސްޓު ކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ދިޔާނާ އެފަދައިން ވިދާޅުވީ، ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން އެކަނި އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވުމާ ގުޅުވައިގެންނެވެ.
ދިޔާނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް މުހިންމީ ސަރުކާރު ޖަވާބުދާރި ކުރުވޭފަދަ މަޖިލީހެއް ލިބުންކަމަށެވެ.
މިހާރު އަމަލު ކުރަމުން މިދާ، ދެ އިންތިޚާބު ދެމެދުގައި ހަ މަސް އޮތް ސްޓެގަޑް އިންތިޚާބީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއް ވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލިބިފައިނުވޭ
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު
އެހެންވެ، އިންތިޚާބުތައް ބޭއްވޭނެ އެހެން ގޮތްތައް ހޯދުން ދައުލަތަށް ލާޒިމުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޓެސްޓު ކުރުން މުހިންމު ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، އިންތިޚާބުތައް ބޭއްވުމަށް ހިނގާ އިދާރީ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވި، ދައުލަތުވެ ވަސީލަތްތައް އިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތުވެސް ކުޑަވާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ނިންމުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ފާޑުކިޔަމުންނެވެ.
އެމްޑީޕީން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައިވާއިރު، އެ ޕާޓީން ވަނީ، އެ މައްސަލަ މިހާރު ތިން ފަހަރަށް ކޯޓުން ބޭރުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެމްޑީޕީ ދެކޮޅު ހެދިނަމަވެސް ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި، ލީޑަރުން އަންނަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ވިދާޅުވެ، އެކަމަށް ތާއިދު ކުރައްވަމުންނެވެ.