އިންޑިއާގައި އުފައްދާ ހުރިހާ ފިލްމުތަކުގައި ސަބްޓައިޓްލް އާއި އޯޑިއޯ ޑިސްކްރިޕްޝަން ހިމެނުން އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން ކަނޑައަޅަފައިފިއެވެ.
'ސީބީއެފްސީ'ގެ މި ނިންމުމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު ފިލްމު ބަލަމުންދާ އޯޑިއަންސުންގެ ތަޖުރިބާއަށް އެކަމުން ހުރަސް އެޅޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
'ސީބީއެފްސީ'އިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާއިން ފެށިގެން އިންޑިއާގައި އުފައްދާ ހުރިހާ ފިލްމެއްގައި ސަބްޓައިޓްލް އާއި ލޯފަން މީހުންނަށް މަންޒަރުތައް ކިޔައިދޭ 'އޯޑިއޯ ޑިސްކްރިޕްޝަން' ހިމަނަން ޖެހޭނެއެވެ.
މިއީ އިވުމުން މަހްރޫމްވެފައިވާ މީހުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފިލްމުތައް ފަސޭހައިން ބަލައި، ދޭހަވާނެ ގޮތް ހެދުމަށް ނިންމި ނިންމުމެެއް ކަމަށް 'ސީބީއެފްސީ'އާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މި އާ ގަވާއިދުގެ ދަށުން، ފިލްމު އުފައްދާ ފަރާތްތަކުން 'ސީބީއެފްސީ' ސެޓިފިކެޓަށް ހުށަހަޅާއިރު، ސަބްޓައިޓްލް އާއި އޯޑިއޯ ޑިސްކްރިޕްޝަން ހިމަނާފައިވާ 'ޑިޖިޓަލް ސިނަމާ ޕެކޭޖް' (ޑީ.ސީ.ޕީ) އީ-ސިނެޕްރަމާން ޕޯޓަލް މެދުވެރިކޮށް އަޕްލޯޑް ކުރަން ޖެހޭނެއެވެ.

އިންޑިއާގެ ތިއޭޓަރު ހޯލެއްގައި ބަޔަކު މީހުން ފިލްމެއް ބަލާލަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ޝާމިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތް ނަމަވެސް، ސޯޝަލް މީޑިއާގައި މިކަމާ މެދު އަންނަނީ ޚިޔާލުތަފާތުވުންތައް ފާޅުކުރަމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި، ސިނަމާތަކުގެ ބޮޑު ސްކްރީނުން ފިލްމު ބަލާއިރު އަބަދު ލިޔުންތައް އަރާފައި ހުރުމަކީ ފިލްމަށް ދޭ ސަމާލުކަން ކުޑަވެ، މަންޒަރުތަކަށް ހުރަސް އެޅޭ ކަމެކެވެ. މީސްމީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ، އިނގިރޭސި ފިލްމުތަކުގައި ސަބްޓައިޓްލް ހުރުން މުހިންމު ނަމަވެސް، އަމިއްލަ ބަހުން ހުންނަ ފިލްމުތަކުގައި އެކަން ކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ. އަދި ވާހަކަ ނުދައްކާ މަންޒަރުތަކުގައި ވެސް ލިޔުން އަރާތީ އެކަމުގެ އުނދަގޫ ބޮޑުވާ ކަމަށް ވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފާހަގަކޮށްފައެވެ.
މި ފާޑުކިޔުންތަކާ އެކުވެސް، މި ގަވާއިދު އިންޑިއާގެ ހުރިހާ ބަހަކުން އުފައްދާ ފިލްމުތަކަށް ހިނގާނެއެވެ. މިއީ 2016 ވަނަ އަހަރުގެ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ ގާނޫނު"އާ އެއްގޮތަށް، މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް ފޯރުކޮށްދިނުމަށް 'ސީބީއެފްސީ'އިން އެޅި ފިޔަވަޅެކެވެ. ބައިނަލްއަގުވާމީ މާކެޓްތަކުގައާއި ސްޓްރީމިންގް ޕްލެޓްފޯމްތަކުގައި މިހާރުވެސް މިފަދަ ވަސީލަތްތައް ބޭނުންކުރަމުންދެއެވެ.
ފިލްމު އުފައްދާ ފަރާތްތަކަށް އިރުޝާދު ދީފައިވަނީ، ސެޓިފިކެޓް ހޯދުމުގައި ލަސްތަކެއް ނުވުމަށްޓަކައި، ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި މި ކަންކަން ފުރިހަމަކުރުމަށެވެ. މީގެ އިތުރުން، ކުރިމަގުގައި މޮބައިލް އެޕްލިކޭޝަންތަކާއި ހެޑްފޯން މެދުވެރިކޮށް އޯޑިއޯ ޑިސްކްރިޕްޝަން އަޑުއިވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް 'ސީބީއެފްސީ'އިން ދަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާތައް ކުރެވެމުންނެވެ. މިގޮތަށް ހެދުމުން، އެ ޚިދުމަތް ބޭނުންވާ މީހުންނަށް އެހެން މީހުންނަށް އުނދަގޫ ނުވާނެހެން އެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ.