މި އަހަރު 9 ކްރޫޒްލައިނާއަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ

ސްރީލަންކާއިން އިއްޔެ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކްރޫޒްލައިނާއެއް -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މިއަހަރުގެ މިހާތަނަށް 9 ކްރޫޒްލައިނާއަކުން ޖުމްލަ 14،960 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ދާދި ފަހުން ވެސް ކްރޫޒްލައިނާތައް ރާއްޖެ އައިސްފައިވާއިރު، މި ކްރޫޒްލައިނާ ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ހުރަސް އެޅި، ޓޫރިޒަމް ދާއިރާއަށް މި ދުވަސްވަރު ވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައެވެ.

  • 9 ކްރޫޒްލައިނާއެއް މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
  • ޖުމްލަ 14،960 ފަތުރުވެރިން މި ބޯޓުތަކުން ރާއްޖެއަށް އައިސްފައިވޭ
  • ކްރޫޒްލައިނާތަކަށް ޚާއްސަ 3 ޖެޓީއެއް ސަރުކާރުން ތަރައްގީކުރަމުންދޭ
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް އަސަރުކޮށްފައިވޭ

މި އަހަރުގެ މިހާތަނަށް ނުވަ ކްރޫޒްލައިނާއެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ ކްރޫޒްލައިނާތަކުން 15،000އާ ގާތްކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ރާއްޖެއަށް ދެ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށް، އެ ދެ ބޯޓުގެ އިމްގްރޭޝަން ކްލިއަރެންސްގެ ކަންކަން ކުރިއަށްގެންގޮސްފައި ވާކަމަށް ބުނެފައެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ ނުވަ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައި ވާއިރު، އެ ކްރޫޒްލައިނާތަކުގައި ޖުމްލަ 14،960 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެވެ.

އެ ކްރޫޒްލައިނާތަކުގެ ތަފުސީލަށް ބަލާއިރު:

  • ޖަނަވަރީ 12ގައި - 970 ފަތުރުވެރިން
  • ޖަނަވަރީ 23ގައި - 1037 ފަތުރުވެރިން
  • ފެބުރުވަރީ 07ގައި - 165 ފަތުރުވެރިން
  • ފެބުރުވަރީ 14ގައި - 3904 ފަތުރުވެރިން
  • ފެބުރުވަރީ 16ގައި - 2553 ފަތުރުވެރިން
  • ފެބުރުވަރީ 19ގައި - 1037 ފަތުރުވެރިން
  • މާރިޗު 04ގައި - 2736 ފަތުރުވެރިން
  • މާރިޗު 12ގައި - 1210 ފަތުރުވެރިން
  • މާރިޗު 13ގައި - 1348 ފަތުރުވެރިން

ރާއްޖެއަށް އަންނަ ކްރޫޒްލައިނާގެ އަދަދު އިތުރު ކުރުމަށް، ސަރުކާރުން އަންނަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްގީކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ، އީރާނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން މިދިޔަ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި ރައްދުގައި އީރާނުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.

https://sun.mv/218869

އޭގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ރޫޓްތައް ބަންދުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ ޖުމްލަ 540,674 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރު އަދަދެއް ނަމަވެސް، މި މަހުގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދު ވަނީ 23.6 ޕަސެންޓް ދަށްވެފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް