އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ކުޅޭތަކެއްޗަށް ކުޑަކުދިންނާ މުޢާމަލާތްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި، ކުދިންގެ އިޙްސާސްތައް ދެނެގަތުމުގައި އޮޅުންތަކެއް އަރައި ނުގުޅޭ ޖަވާބުތައް ދެވޭކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
ކޭމްބްރިޖް ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ އުމުރުން ތިންއަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންތަކެއް އޭއައި ހިމެނޭ 'ގައްބޯ' ނަމަކަށް ކިޔާ ކުޅޭއެއްޗަކާއެކު މުޢާމަލާތްކުރި ގޮތުގެ މައްޗަށެވެ.
ތިން އަހަރުގެ ކުދިންނަށް ޚާއްސަކޮށްގެން އޭއައި ކުޅޭތަކެތި ބާޒާރަށް ނެރެމުންދިޔަ ނަމަވެސް، ޕްރީސްކޫލް ކުދިންނަށް މީގެ ސަބަބުން ކުރާނެ އަސަރާ ގުޅޭގޮތުން އެކަށީގެންވާ ވަރަށް ދިރާސާކުރެވިފައި ނުވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
'ގައްބޯ' އަކީ އޯޕަންއޭއައިގެ އަޑު ދެނެގަންނަ ޗެޓްބޮޓެއް ހިމަނައިގެން، ކުދިން ވާހަކަދެއްކުމަށާއި އަމިއްލަ ޚިޔާލަށް ކުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ކުޅޭއެއްޗެކެވެ.
ތަޢުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި މުސްތަޤުބަލުގައި މިފަދަ ކުޅޭތަކެތީގެ ސަބަބުން ކުދިންގެ ބަހުގެ ހުނަރުތަކާއި މުޢާމަލާތްކުރުމުގެ ހުނަރު ތަރައްޤީވުމަށް އެހީތެރިވެދޭނެއެވެ. އެހެންނަމަވެސް، ދިރާސާކުރާ ފަރާތްތަކަށް ފާހަގަކުރެވުނު ގޮތުގައި މިފަދަ އޭއައި ކުޅޭތަކެއްޗަށް ކުދިންނާއެކު އިޖުތިމާޢީ އަދި ޚިޔާލީ ކުޅިވަރުތަކުގައި ބައިވެރިވުމަށް އުނދަގޫތަކަކާ ކުރިމަތިވެއެވެ.
މިސާލަކަށް، ފަސް އަހަރުގެ ކުއްޖަކު އެ ކުޅޭއެއްޗާ ދިމާއަށް "އައި ލަވް ޔޫ" (އަހަރެން ލޯބިވޭ) ބުނުމުން، އެއިން ދިނީ ވަރަށް ރަސްމީ، އަދި ކުދިންނާ ނުގުޅޭ ކަހަލަ ޖަވާބެކެވެ. އޭތި ބުނެފައިވަނީ "އެކުވެރިކަމާއެކު ހަނދާންކޮށްދެމެވެ. މުޢާމަލާތްތައް ކުރިއަށްގެންދަންވާނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. ދެން ކުރިއަށްދާން ބޭނުންވާ ގޮތެއް އަންގާލަދޭށެވެ." މިފަދައިންނެވެ.
ކުދިންނަށް އުނގެނުމުގައި އެހީތެރިވެދޭނެ އެއްޗެއްގެ ގޮތުގައި މި ތަކެތި އިޝްތިހާރުކުރަމުން ދިޔަސް، ކުދިންގެ ހެދިބޮޑުވުމަށް މީގެން ކުރާނެ އަސަރު އަދިވެސް ރަނގަޅަށް ހޯދިފައިނުވާތީ، ދިރާސާކުރާ ފަރާތްތަކުން ވަނީ މިކަމުގައި ސަމާލުވުމަށް ގޮވާލާފައެވެ. އަދި އޭއައި ކުޅޭތަކެއްޗާ ގުޅޭގޮތުން ހަރުދަނާ ގަވާއިދުތަކެއް ހަދައި، ލޭބަލްކުރުމުގެ މިންގަނޑުތައް ސާފުކުރުމަށްވެސް އެފަރާތްތަކުން ވަނީ ބާރުއަޅާފައެވެ.
ފަހަކަށް އައިސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ކުޑަކުދިންގެ ކުޅޭތަކެތީގެ ސިނާޢަތަށްވެސް މި ބަދަލު ވަނީ އައިސްފައެވެ. އެގޮތުން، ކުދިންނާ ވާހަކަދައްކައި، ޖަވާބުދޭ "ސްމާޓް" ކުޅޭތަކެތި ތަޢުލީމީ ވަސީލަތްތަކެއްގެ ގޮތުގައި ކުންފުނިތަކުން ދަނީ ބާޒާރަށް ނެރެމުންނެވެ. ނަމަވެސް، އިންސާނީ އިޙްސާސްތައް ދެނެގަތުމުގެ ޤާބިލުކަން ނުހުންނަ މެޝިންތަކަކާއެކު ތުއްތު ކުދިން ގިނަ ވަގުތު ހޭދަކުރުމަކީ، އެކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ތަރައްޤީއަށާއި މުޢާމަލާތްކުރުމުގެ ހުނަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ކުޑަކުދިންގެ ޑޮކްޓަރުންނާއި ނަފްސާނީ ޢިލްމުވެރިން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، އިންޓަނެޓާ ގުޅިފައިވާ މިފަދަ ކުޅޭތަކެތީގެ ސަބަބުން ކުދިންގެ ޒާތީ މަޢުލޫމާތާއި ޕްރައިވަސީއަށް އޮތް ނުރައްކާތަކަކީވެސް ދުނިޔޭގެ ފެންވަރުގައި މިހާރު ފުޅާދާއިރާއެއްގައި ބަހުސްކުރެވެމުންދާ މައްސަލައެކެވެ.