މި ރޯދަމަހުގެ ފަހު ދިހަޔަަކަށް އަޅައި، ރޯދަ މަސް ނިމެންދާއިރު ބާޒާރުގެ އަގުތައް މިހާރު އެއްވަރެއްގައި ހިފެހެއްޓިފައި ވާކަމަށް ވިޔަފާރިވެރީން ބުނެފިއެވެ.
އާންމުކޮށް ރޯދަ މަހަކީ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލޭ މަހެކެވެ. ވަކިން ޚާއްސަކޮށް މާރުކޭޓުގައި ވިއްކާ މޭވާއާއި ތަރުކާރީގެ އަގު ކޮންމެ އަހަރަކުވެސް ރޯދަމަސް ފެށޭއިރަށް ބޮޑުވެއެވެ.
މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު ފަނިގިރުމަށް ބޭނުންކުރާ މޭވާއާއި، ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ތަފާތު ތަރުކާރީ ލިބެންހުރީ ހަފުތާ ފެށުނުއިރުވެސް ލިބެންހުރި އަގުތަކަށެވެ.
މިއަދުގެ އަގުތަކަށް ބަލާއިރު، މިރުސް ކިލޯއެއް އުޅެނީ 240 ރުފިޔާއާއި 180 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މި ހަފުތާ ފެށުނުއިރު މިރުސް ކިލޯއެއްގެ އަގު އުޅުނީ، 280 ރުފިޔާއާއި 230 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު މިއަދު 30 ރުފިޔާގައި އުޅުނުއިރު މި ހަފުތާ ފެށުނުއިރުވެސް ބާޒާރުގައި ކަރާ ވިއްކަމުން އައީ 30 ރުފިޔާއަށެވެ.
ރޯދަމަސް ފެށުނުއިރުވެސް ބާޒާރުގައި ހިކަނދިފަތް ވިއްކަމުން އައީ 10 ރުފިޔާއަށެވެ. އަދި ފަސް ރުފިޔާއަށް ރާނބާ ފަތެއް ވިއްކިއިރު އަދުގެ ބާޒާރުގައިވެސް ހިކަނދިފަތާއި ރާނބާފަތް ވިއްކަމުން އަންނަނީ ހަމަ މި އަގުތަކުގައެވެ.
ބާޒާރުގައި އިތުރު މޭވާއާއި ތަރުކާރީ ވިއްކަން ހުރި އަގުތަކަށް ބަލާއިރު:
- ކިއުކަންބާ: 36 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 50/60 ރުފިޔާއަށް ކިލޯއެއް
- ކާށި: 12/15 ރުފިޔާއަށް ކާއްޓެއް
- ބަށި: 50 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 40 ރުފިޔާއަށް ކިލޯއެއް
- އަނބު: 100/80 ރުފިޔާއަށް ކިލޯއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮޮނޑިއެއް
ރޯދަމަހަކީ އާންމުކޮށް ލުބޯގެ ޑިމާންދު ބޮޑު މަހަކަށް ވާއިރު މިއަދު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 70 ރުފިޔާއަށެވެ. މި ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ލުނބޯ ކިލޯއެއް ވިއްކަމުންއައީ 60 ރުފިޔާއާއި 65 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.
ނަމަވެސް ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 22 ރުފިޔާއަށެވެ.