ފެންނަނުފެންނަ ވޯޓާއި ކައުންސިލު ވޯޓު ގާތުގައި އޮއްވައި، އާރްޑީސީއަށް 150 މުވައްޒަފުން ނަގަނީ

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް --

ގައުމީ ފެންވަރުގެ އިންތިޚާބުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން 150 މުވައްޒަފުން ހޯދަން އިއުލާންކުރުމަކީ އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ. މީގެ ކުރިންވެސް މިފަދަ އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަކީ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ފާޑުކިއުން އަމާޒުވެފައިވާ މައްސަލައެކެވެ. މިފަހަރުގެ އިއުލާނާއެކު މިނިވަން މުއައްސަސާތަކުން މީގެ ކުރިން ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ ކަންބޮޑުވުންތައް އަލުން ވަނީ ފެންމަތިވެފައެވެ. ވަޒީފާގެ ފުރުސަތުތައް ބަހާލެވިފައިވާ ގޮތުންނާއި ދަނޑިވަޅަކީ ސިޔާސީ މަގްސަދުތަކެއް އޮތް ކަމެއްކަމަށް ބެލުމުގެ ޖާގަ ބޮޑުކަމަށް ފާހަގަކުރެވެއެވެ.

  • ކައުންސިލް އިންތިޚާބާ ދިމާކޮށް އާރުޑީސީން 150 ވަޒީފާ އިއުލާންކުރުން
  • ސިޔާސީ ނުފޫޒު ފޯރުވުމަށް ކުންފުނިތައް ބޭނުންކުރާކަމުގެ ތުހުމަތުތައް އާލާވުން
  • ވަޒީފާގެ ފުރުސަތުތައް ހަ ރަށަކަށް ބަހާލައި، އެޕްލިކޭޝަން ހުށަހެޅުމަށް ކުރު މުއްދަތެއް ދިނުން
  • މިފަދަ އަމަލުތަކަކީ މިނިވަން މުއައްސަސާތަކުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެއް

ބޮޑު އިންތިޚާބެއް ބޯމަތިވެފައި އޮއްވައި، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ސަރުކާރު ކުންފުންޏެއްކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން އެ ކުންފުނީގެ މަޝްރޫއުތަކަށް ބޭނުންވާކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަންޖެހެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް އާރުޑީސީން މުވައްޒަފުން ހޯދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ:

  • ހއ. އުލިގަން
  • އއ. ރަސްދޫ
  • ޅ. ނައިފަރު
  • ކ. ކާށިދޫ
  • ޅ. ހިންނަވަރު
  • ތ. މަޑިފުށި

އާރުޑީސީން ވަކިވަކިން ކޮށްފައިވާ އިޢުލާންތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ބޭނުންވަނީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން ކާށިދޫއަށް 24 މުވައްޒަފުން، މަޑިފުށިން 13 މުވައްޒަފުން، އަދި ނައިފަރުން 12 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ހިންނަވަރުން ހުޅުވާލާފައިވަނީ އެއް ފުރުސަތަށެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.

މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރްޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް