އެމެރިކާއަށް އެހީ ނުވެއްޖެނަމަ ނޭޓޯގެ މުސްތަގްބަލު ގޯސްވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް: ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއަށް އެހީ ނުވެއްޖެނަމަ ނޭޓޯގެ މުސްތަގުބަލު ގޯސްވެދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި-- ފޮޓޯ/ އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުގެ ބާރުގެ ދަށުގައި އޮތް ހޮރްމުޒް ކަނޑުއޮޅި ސަލާމަތްކުރުމަށް ޔޫރަޕްގެ ގައުމުތަކުން އެއްބާރުލުން ނުދޭނަމަ، ނޭޓޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ. ޔޫކްރޭން ހަނގުރާމައިގައި އެމެރިކާއިން ޔޫރަޕަށް ދީފައިވާ އެހީތެރިކަމަށް ބަލައި، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައިވެސް އެއްބާރުލުން ދިނުމަކީ ޔޫރަޕްގެ ޒިންމާއެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އިގްތިސާދީ ގޮތުން ދުނިޔެއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

  • ހޮރްމުޒް ކަނޑުއޮޅި ސަލާމަތްކުރުމުގައި ޔޫރަޕްގެ އެއްބާރުލުން ނުލިބިއްޖެނަމަ ނޭޓޯގެ މުސްތަގުބަލު ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުން.
  • ޔޫކްރޭން ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެހީތެރިކަން ޔޫރަޕަށް ފޯރުކޮށްދީފައިވުމުން، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ޔޫރަޕްގެ އެހީތެރިކަން ބޭނުންވާކަމަށް ޓްރަމްޕް ފާހަގަކުރެއްވުން.
  • ހޮރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސް، ދުނިޔޭގެ އިގްތިސާދަށް ބުރޫއެރުން.
  • ތެލުގެ ދަތިކަން ހައްލުކުރުމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް މަސައްކަތްކުރުން.

އީރާނުން ފުރިހަމަ ކޮންޓްރޯލު ހޯދާފައި އޮތް ހޮރްމުޒް ކަނޑުއޮޅި ހޯދުމަށް އެމެރިކާއަށް އެހީތެރިކަން ފޯރުކޮށް ނުދީފިނަމަ، ނޭޓޯގެ މުސްތަގުބަލު ގޯސްވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ދަ ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ރަޝިޔާއާއެކު ކުރާ ހަނގުރާމައިގައި ޔޫކްރޭނަށް އެމެރިކާއިން އެހީތެރިވެދީފައި ވާތީ، ހޮރްމުޒް ކަނޑުއޮޅި ހޯދުމަށް ޔޫރަޕުން އެހީތެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޖަވާބެއް ނުލިބިއްޖެނަމަ ނުވަތަ ނެގެޓިވް ޖަވާބެއް ލިބިއްޖެނަމަ އަޅުގަނޑަށް ހީވަނީ ނޭޓޯގެ މުސްތަގުބަލަށް ވަރަށް ގޯސްވާނެ ހެން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ހޮރްމުޒް ކަނޑުއޮޅި އަމާންކުރުމާ ގުޅޭ ގޮތުން ހަތް ގައުމަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކަނޑުއޮޅި ހުޅުވާފައިވާ ބޭއްވުމަށް ގިނަ ގައުމުތަކުން އެ ސަރަހައްދަށް ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވާނެ ކަމަށްވެސް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެމެރިކާއިން އީރާނާ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އީރާނުން މަޝްވަރާތަކަށް ތައްޔާރު ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ޔޫރަޕްގެ ސަރަހައްދެއްގެ ގޮތުގައި އޮތް ގްރީންލޭންޑް ހިފަން ބޭނުންވާކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވުމާއި، ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާގެ ގުޅުން މިފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މީގެއިތުރުން ނޭޓޯއަށް ކުރަންޖެހޭ ޚަރަދުގެ މައްސަލައިގައާއި އެމެރިކާއަށް އެތެރެކުރާ ޔޫރަޕްގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީވެސް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކާއި އެމެރިކާގެ ގުޅުންތައް ގޯސްވުމުގެ މައިގަނޑު ސަބަބެކެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ހަމަލާ ދެމުން އަންނައިރު، ހަނގުރާމަ އިތުރަށް ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ ހޮރްމުޒް ކަނޑުއޮޅި ގާތްގަނޑަކަށް ބަންދުވެފައި އޮތުމާއި، އީރާނުގެ ރައްދު ހަމަލާތައް މެދުއިރުމަތީގެ ތެލުގެ ވަސީލަތްތަކަށް އަމާޒުވަމުން ދާތީ، ތެލުގެ ސަޕްލައިއަށް ބުރޫއަރައި ބާޒާރުގައި ތެލުގެ އަގު އަންނަނީ އިންތިހާއަށް އުުފުލެމުންނެވެ.

އިއްޔެ އެމެރިކާގެ ބެންޗްމާކް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ފީފާއެއް 2.5 ޕަސެންޓް މައްޗަށް ގޮސް ތެޔޮ ފީފާއެއްގެ އަގު 100.22 ޑޮލަރަށް އުފުލިފައިވާއިރު، ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ، ބްރެންޓްގެ އަގު 2.9 ޕަސެންޓް މައްޗަށް ގޮސް 106.11 ޑޮލަރަށް ވަނީ އުފުލިފައެވެ.

ތެލުގެ ދަތިކަން ހައްލު ކުރުމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ)އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ، 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަަށް ނެރޭނެ ކަމަށް ބުނެފައެވެ. އެގޮތުން އައިއީއޭއިން މިހާރު ވަނީ އޭޝިއާގެ ގައުމުތަކަށް ތެޔޮ ދޫކުރަން ފަށާފައެވެ.

comment ކޮމެންޓް