ހަތާވީސްވަނަ ރޯދައޭމީ... ނަފުސު ހިސާބުކުރާށޭ!

ރޯދައާއި އަޅުކަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހުގެ 27 ވަނަ ރޯދައާ ހަމައަށް އާދެވުނުއިރު، މިއީ ހަމައެކަނި ބަނޑުހައިހޫނުކަމުގެ މައްސަރެއް ނޫންކަން ހަނދާންކޮށް، އަމިއްލަ ނަފުސު ހިސާބުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ރަމަޟާން މަހުގެ މަޤްޞަދަކީ ތަޤުވާވެރިކަން ހާސިލުކުރުން ކަމަށްވާއިރު، ޤުރުއާނާ ގުޅުން ބަދަހިކުރުމާއި، ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމާއި، ފާފަތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެކެވެ. ހާއްސަކޮށް، ދޮގު ބުނުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ގެއްލުންހުރި އާދަތައް ދޫކޮށްލުމަކީ ދިރިއުޅުން އިސްލާހުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މަސް ނިމުމުގެ ކުރިން، މިފަދަ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިހުރުމަށް އަޒުމު ކަނޑައެޅުމަކީ މުސްތަޤްބަލުގެ ހެޔޮ ދިރިއުޅުމަކަށް މުހިންމު ކަމެކެވެ.

  • ތަޤުވާވެރިކަން ހާސިލުކުރުމަށްޓަކައި އަމިއްލަ ނަފުސު ހިސާބުކުރުން.
  • ޤުރުއާނާ ގުޅުން ބަދަހިކޮށް، އޭގެ ހިދާޔަތުން ދިރިއުޅުން އަލިކުރުން.
  • ނަމާދަކީ އިސްލާމްދީނުގެ ތަނބުކަމަށްވުމުން، އެކަމަށް ފުރިހަމައަށް ރައްކާތެރިވުން.
  • ވިޔާނުދާ ވާހަކަތަކާއި ފާފަތަކުން ދުރުވެ، މުޖުތަމައަށް ފައިދާހުރި މީހަކަށްވުން.
  • ރަމަޟާން މަސް ނިމުމަށްފަހު ވެސް ހެޔޮ އަމަލުތަކުގެ މަތީގައި ދެމިހުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުން.

މިއަދު މި ހިފަނީ ހަތާވީސްވަނަ ރޯދަ ނޫންހެއްޔެވެ! މި ރޯދަހިފާއިރު ރަމަޟާންމަސް ވެސް ނިމުމަކަށް އަންނަ ކަމުގެ ހުރިހާ އިހުސާސެއް އެބަކުރެވެއެވެ. މިހާ ހިސާބުން ބަލަންވީ ތިބާއަށް ހާސިލުކުރެވިފައިވަނީ ތަޤުވާގެ ތެރެއިން ކިހާ މިންވަރެއް ތޯއެވެ؟ އެ ކަން ބެލުމަށް ޓަކައި ނަފުސު ހިސާބުކުރާށެވެ!

ރަމަޟާންމަހަކީ ނުކައިނުބޮއި ތިބުމަށް އެކަނި އޮތް މައްސަރެއް ނޫނެވެ. އެ މަހުގެ ފެށުމުގައި ވެސް އަދި މެދުތެރެއިން ވެސް ހަނދާން އާވަމުން އަންނަ އެއް ކަމަކީ އެ ސަބަބަކަށް ޓަކައި ﷲ އެ މައްސަރު ލައްވައިފައިވާ ޙިކުމަތްތެރި މަޤްޞަދެވެ. އެއީ ތަޤުވާވެރިވުމެވެ. ރަމަޟާންމަސް ނިމޭއިރު އަޅުގަނޑުމެންނަށް ތަޤުވާވެރިކަން ހާސިލުވެފައި ވާނަމަ ކިތަންމެހައި ވެސް ރަނގަޅެވެ. އެކަން ދެނެގަނެވޭނީ ނަފުސު ހިސާބުކޮށްގެންނެވެ.

އެންމެ ފުރަތަމަ ބަލައިލަންވީ އަޅުގަނޑުމެން ކީރިތި ޤުރުއާނާ ކިހާ ގާތްކަމެއް އުފެދިއްޖެތޯއެވެ؟ ރަމަޟާންމަހަކީ ޤުރުއާނުގެ މަހެވެ. އެ މަހަކީ ޤުރުއާން ބާވައިލެއްވުނު މަހެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ﴾ ‎﴿البقرة: ١٨٥﴾‏ މާނައީ: "ރަމަޟާންމަހަކީ، އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ." އެ މަހުގައި ޤުރުއާން މުރާޖަޢާކުރެވެއެވެ. އެ މަހުގެ ކޮންމެ ރެއެއްގައި ޖިބްރީލްގެފާނު ވަޑައިގެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ޤުރުއާން މުރާޖާ ކުރައްވަތެވެ. މި މަސް އަޅުގަނޑުމެންނާ އަލްވަދާޢުކިޔާއިރު އަޅުގަނޑުމެން ޤުރުއާނާ ކިހާ ގާތް ވެވުނުތޯ ބަލައިލުން މުހިންމެވެ. މި މަހު އެ ޤުރުއާނާ ގާތް ނުވެވި ވާނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ޤުރުއާނާ ދުރަށް ދެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލަހެއް ނުވެއެވެ. މިރޭ ވެސް އަލުން ޤުރުއާނާ ގާތްވުމުގެ މަސައްކަތް ފަށަންވީއެވެ.

ދެން ބަލައިލަންވީ ފަރުޟު ފަސް ނަމާދާ ތިމާއަށް ގާތް ވެވުނު މިންވަރެވެ. ނަމާދަކީ އިސްލާމްކަމުގެ ތަނބެވެ. މުސްލިމުން އެ ތަނބު ޤާއިމުނުކުރަންޏާ އެ މީހެއްގެ އިސްލާމްކަން ބޯމައްޗަށް ވެއްޓި ހަލާކުވެދާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «رأسُ الأمرِ الإسلامُ، وعمودُهُ الصَّلاةُ» (صحيح الترمذي) މާނައީ: "ހުރިހާ ކަމެއްގެ މައްޗަށް އެންމެ އިސްވެގެންވަނީ އިސްލާމްކަމެވެ. އޭގެ ތަނބަކީ ނަމާދެވެ."

ނަމާދުތަކާ ދުރުވެވުމުން، އޭނާގެ ދީންވެރިކަން ނެތިދަނީ ފާހިޝްކަންތަކާ ކައިރިވެވޭތީއެވެ. އެ ކަންކަން މަޑުމަޑުން އޭނާގެ ކިބައިން އީމާންކަން ފަނޑުކުރެއެވެ. އީމާންކަމުގެ ހުޅުކޮޅު އޭނާގެ ޙަޔާތުން ނިވެންދެން ޝައިޠާނާ އޭނާއަށް ފާހިޝް ޢަމަލުތައް ޒީނަތްތެރިކުރުވައެވެ. ނަމާދާ ދުރުކުރުވައެވެ. މި މަސް އަޅުގަނޑުމެންނާ އަލްވަދާޢުކިޔާއިރު އަޅުގަނޑުމެން ނަމާދާ ކިހާ ގާތް ވެވުނުތޯ ބަލައިލުން މުހިންމެވެ. މި މަހު ނަމާދާ ގާތް ނުވެވި ވާނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ނަމާދާ ދުރަށް ދެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލަހެއް ނުވެއެވެ. މިހާރު ވެސް އަލުން ނަމާދާ ގާތްވުމުގެ މަސައްކަތް ފަށަންވީއެވެ.

ދެން ބަލައިލަންވީ ރަމަޟާންމަސް ނިމެންދާއިރު ތިމާ ފާފަތަކާ ދުރުވެވިފައިހުރި މިންވަރަށެވެ. މި ގޮތުން އެންމެ ބޮޑު އެއް ކަމަކީ ވިޔާނުދާ ވާހަކަދެއްކުމާއި އެފަދަ ޢަމަލުތައް ކުރުމެވެ. ރަމަޟާންމަހުގެ މަދަރުސާއިން ލިބޭ އެންމެ ބޮޑު އެއް ދަރުހަކީ، އެފަދަ ޢަމަލުތަކާއި ބަސްތަކުން ދުރުނުވާ މީހުންގެ އަޅުކަން ޤަބޫލުވެވުމަށް ހުރަސްއެޅޭ ކަމެކެވެ. «مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ به، فليسَ لِلَّهِ حَاجَةٌ في أنْ يَدَعَ طَعَامَهُ وشَرَابَهُ.» (أخرجه أبو داود: 2362) މާނައީ: "ވިޔާނުދާ ގޯސް ވާހަކައާއި އެފަދައިން ކުރާ ޢަމަލުތައް ދޫކޮށްނުލާ މީހާ، އޭނާގެ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމުގެ އެއްވެސް ހާޖަތެއް ﷲއަށް ޖެހިވޮޑިގެން ނުވެއެވެ."

މިއީ ފާފައިގެތެރެއިން އެންމެ ކަމެކެވެ. މި ނޫނަސް ވަރަށް ގިނަ ފާފައާއި މުންކަރާތްތަކަށް އަޅުގަނޑުމެންނަށް އަރައިގަނެވެއެވެ. ކުދިކުދި ކަންކަމޭ ހިތާ، ކުރެވެނީ ބޮޑެތި ގެއްލުންވާ ދެރަ ކަންކަމެވެ. ސިނގިރޭޓު ބުއިމަކީ އޭގެ އެއް މިސާލެވެ. ކަމުގެ ނިސްބަތުން ކުޑަކަމަށް ހީވިޔަސް، އެ ބޯ މީހާގެ ޞިއްޙަތަށް ވާ ގެއްލުން ކުޑައެއް ނޫނެވެ. އޭނާ ޖައްވަށް ދޫކުރާ ދުމުގެ ސަބަބުން އޭނާގެ ވަށައިގެން ތިބޭ މީހުންނަށް ލިބޭ ގެއްލުން އަދި މާ ބޮޑު ކަމުގައި ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ސިނގިރޭޓު ގަންނަން ހޭދަވާ ފައިސާއަކީ ޢާއިލާގެ އިޤްތިޞާދުން އުނިވެގެންދާ ބޭކާރު ޚަރަދެކެވެ. އެ މީހަކު ދިރިއުޅޭ މުޖުތަމަޢެއްގެ ވަސް ނުބައި ވުމާއި ހިފާގެންގުޅޭ ސާމާނުގައި ވެސް އެ ވަސް ހިފައި ދިރިއުޅުން ނުތާހިރު ވާކަމީ ވެސް ލިބޭ ކުޑަ ގެއްލުމެއް ނޫނެވެ. މި މޭރުމުން ބަލައިފިއްޔާ އާދައިގެ ކަންކަމޭ ހިތައި ތިބެގެން އަރައިގަނެވޭ މުންކަރާތްތަކާއި ފާފަތަކަކީ ވަރަށް ބޮޑެތި ގޯސްކަން ދަންނަން ވާނެއެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ. ދިރިއުޅުން އިޞްލާޙުކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އެދޭ ކަމެކެވެ. އެހެނަސް މިފަދަ މަހެއް ނިމިގެންދާއިރު ވެސް ނަފުސުގެ އިޞްލާޙު ލިބި ނުގަނެވެންޏާ ދެން އިޞްލާޙުގެ މަސައްކަތައިގެން އުޅޭނީ ވަކި ކޮން ދުވަސް ވަރެއްގައި ހެއްޔެވެ؟ މި މަސް ނިމުމުގެ ކުރިން ނަފުސު ހިސާބުކުރާށެވެ! އަދި ކުރިޔައް ހުރި މަސްތަކަށް ހެޔޮ ކަމުގެ ތާވަލު ރާވައިލާށެވެ!

comment ކޮމެންޓް