އެސް26 އަލްޓްރާގެ ސްކްރީނުން ލޮލަށް އުނދަގޫވާކަމުގެ ޝަކުވާތަކެއް!

ބައެއް މީހުން ޝަކުވާކުރިނަމަވެސް އަނެއްބަޔަކު ބުނަނީ އުނދަގޫ ނުވާކަމަށް ---

ސެމްސަންގްގެ އާ ގެލެކްސީ އެސް26 އަލްޓްރާގައި ހިމަނާފައިވާ 'ޕްރައިވެސީ ޑިސްޕްލޭ' ފީޗާގެ ސަބަބުން ބައެއް ފަރާތްތަކުގެ ލޮލަށް އުނދަގޫވެ، ލޯ ވަރުބަލިވުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. މި ފޯނު ބޭނުންކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮލުގައި ރިއްސައި ލޮލަށް އުނދަގޫވާކަމަށް ސެމްސަންގް ކޮމިއުނިޓީ އަދި ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި ޝަކުވާކޮށްފައިވެއެވެ. މިކަމާ ގުޅިގެން ސެމްސަންގުން ދަނީ މައްސަލަ ބަލަމުންނެވެ.

  • ގެލެކްސީ އެސް26 އަލްޓްރާގެ ޕްރައިވެސީ ޑިސްޕްލޭއާ ގުޅޭ ޝަކުވާތައް އިތުރުވަނީ
  • ބައެއް ބޭނުންކުރާ ފަރާތްތަކަށް ލޯ ވަރުބަލިވުމާއި ބޮލުގައި ރިއްސުން ފަދަ އުނދަގޫތައް ދިމާވާކަމަށް ބުނޭ
  • މައްސަލަ ތަހުގީގު ކުރުމަށް ސެމްސަންގުން ޔޫޒަރުންގެ މައުލޫމާތު ހޯދަމުންދާ
  • މި މައްސަލަ ދިމާވަނީ ހުރިހާ ޔޫޒަރުންނަކަށް ނޫންކަން ފާހަގަކުރެވޭ

ސެމްސަންގްއިން ދާދި ފަހުން ނެރުނު "ގެލެކްސީ އެސް26 އަލްޓްރާ" ގައި ހިމަނާފައިވާ އައު 'ޕްރައިވެސީ ޑިސްޕްލޭ' ފީޗާގެ ސަބަބުން ބައެއް މީހުންގެ ލޮލަށް އުނދަގޫވެ، ލޯ ވަރުބަލިވާކަމުގެ ޝަކުވާތައް ކުރަން ފަށައިފިއެވެ.

ސެމްސަންގް ކޮމިއުނިޓީ ފޯރަމްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ފޯނު އާދައިގެ ގޮތަކަށް ބޭނުންކުރި ނަމަވެސް ލޮލަށް ވަރަށް ބޮޑަށް ބާރު ބޮޑުވެ، އުނދަގޫވާ ކަމަށެވެ. މީގެ އިތުރުން ރެޑިޓް އަދި ޓެކްނޮލޮޖީގެ އެހެނިހެން ފޯރަމްތަކުގައި ވެސް ބައެއް މީހުން ވަނީ މިފަދަ ޝަކުވާތައް ކޮށްފައެވެ. އެގޮތުން 10 ނުވަތަ 15 މިނެޓު ވަންދެން ފޯނު ބޭނުންކުރުމުން ބޮލުގައި ރިއްސައި، ލޯ ވަރުބަލިވާކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މިޝަކުވާތަކަށް ސެމްސަންގުން ރަސްމީކޮށް އެއްޗެއް އަދި ނުބުނެ ---

މި ޝަކުވާތަކާ ގުޅިގެން ސެމްސަންގް ކޮމިއުނިޓީގެ މޮޑަރޭޓަރަކު ވަނީ އެ ފޯރަމްގައި ޖަވާބުދީފައެވެ. އެ މައްސަލަ ވަކިވަކިން ބަލައި ތަހުގީގު ކުރުމަށްޓަކައި، މައްސަލަ ދިމާވާ ފަރާތްތަކުގެ ނަމާއި، ފޯނު ނަންބަރާއި، އީމެއިލް އަދި ފޯނުގެ އައިއެމްއީއައި ނަންބަރު ފަދަ މައުލޫމާތުތައް ޕްރައިވެޓް މެސެޖަކުން ފޮނުވައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި މައްސަލަ ދިމާވަނީ ފޯނުގެ ޑިސްޕްލޭއަށް ގެނެސްފައިވާ އައު ބަދަލުތަކާ ގުޅިގެންނެވެ. އެސް26 އަލްޓްރާގައި އަލަށް ހިމަނާފައިވާ 'ޕްރައިވެސީ ޑިސްޕްލޭ' އަކީ، އަރިމަތިން ބަލާ މީހުންނަށް ފޯނުގެ ސްކްރީން ނުފެންނަ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މީގެ ސަބަބުން އާންމު ތަންތަނުގައި ފޯނު ބޭނުންކުރާއިރު ޕްރައިވެސީ ރައްކާތެރިކޮށްދިން ނަމަވެސް، ސްކްރީނުން އަލި ފޯރުކޮށްދޭ ގޮތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ޕްރައިވެސީ މޯޑު އޮފްކޮށްފައި ހުރި ނަމަވެސް، ސްކްރީންގެ ފިޒިކަލް ޕެނަލް ހުންނަ ގޮތުން، ލޮލަށް އަލިކަން ނަގައިގަންނަ ގޮތް ބަދަލުވެ ލޮލަށް އުނދަގޫވަނީކަމަށް ބައެއް އެނަލިސްޓުން ލަފާކުރެއެވެ.

ބައެއް މީހުން މި ޝަކުވާ ކުރި ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ، މި މައްސަލަ ދިމާވަނީ ފޯނު ބޭނުންކުރާ އެންމެންނަކަށް ނޫން ކަމެވެ. ގިނަ މީހުން ބުނާގޮތުގައި ފޯނުގެ ޑިސްޕްލޭއިން އެއްވެސް އުނދަގުލެއް ނުވެއެވެ. އެހެންކަމުން މިއީ ފޯނުގެ ހާޑްވެއާ މައްސަލައެއްކަން ނުވަތަ ވަކި ބައެއްގެ ލޮލަށް ދިމާވާ މައްސަލައެއްކަން އަދި ކަށަވަރެއް ނުވެއެވެ.

މިފަދަ ޝަކުވާތަކެއް ހުރި ނަމަވެސް، ގެލެކްސީ އެސް26 އަލްޓްރާ އަކީ އަދިވެސް ސެމްސަންގްގެ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ކުރިއަރާފައިވާ އެއް ސްމާޓްފޯނެވެ. އެހެންނަމަވެސް މިއިން ދައްކައިދެނީ، އައު ޓެކްނޮލޮޖީތައް ތައާރަފުކުރާއިރު ބައެއް ފަހަރު ނުވިސްނާ ހުންނަ ކަހަލަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމެވެ.

comment ކޮމެންޓް