ވޮލީގެ ހަރަކާތްތަކުން ސޮފްވާން އުމުރުދުވަހަށް ސަސްޕެންޑުކޮށްފި

ވީއޭއެމުން ސަސްޕެންޑުކުރި ކޯޗު ސޮފްވާން އަޙްމަދު--

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކަކުން ސޮފްވާން އަހުމަދު މުޅި އުމުރުދުވަހަށް ސަސްޕެންޑުކުރުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި މެމްބަރުންގެ ވޯޓަކުންނެވެ. މީގެ ކުރިން އޭނާއަށް ފަސް އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދީފައިވީ ނަމަވެސް، އެ ފިޔަވަޅުތަކަށް ބޯނުލަބައި ކޯޗުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދިއުމުގެ ސަބަބުން، ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މި ހަރުކަށި ފިޔަވަޅު އެޅީއެވެ. މިއީ ރާއްޖޭގެ ވޮލީގެ ތާރީހުގައި ކޯޗަކާމެދު އެޅުނު އެންމެ ބޮޑު އަދި އެންމެ ހަރުކަށި ފިޔަވަޅެވެ.

  • ވޮލީބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އުމުރުދުވަހަށް ސަސްޕެންޑުކުރުން.
  • ވީއޭއެމްގެ ހިންގާ ކޮމިޓީން ސޮފްވާން ވަކިކޮށް، ކުރިއަށް އޮތް ތަނުގައި އެއްވެސް މަގާމަކަށް ހަމަނުޖެއްސުމަށް ނިންމުން.
  • ކުލަބުތަކުގެ ހިންގާ ކޮމިޓީގައި ސޮފްވާން ހިމެނޭނަމަ 60 ދުވަހުގެ މުހުލަތެއް ދީ، އެ މުއްދަތުގައި ވަކިކުރުމަށް އަންގާފައިވުން.
  • މި ނިންމުމަށް ތަބާނުވާ ކުލަބުތައް ވީއޭއެމްގެ ދަފްތަރުން އުނިކުރުމަށް ނިންމުން.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކަކުން ސޮފްވާން އަހުމަދު މުޅި އުމުރުދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ވީއޭއެމުން މި ނިންމުން ނިންމީ ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ. އެއާއެކު އޭނާ ވަނީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މަގާމުން ވަކިކޮށް، ކުރިން އޭނާއަށް ދީފައިވާ އަދަބު އުމުރުދުވަހަށް ބަދަލުކޮށްފައެވެ.

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާންގެ މައްސަލަ ވީއޭއެމުން ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ. އެއާއެކު އެކުލަވާލި ހާއްސަ އެޑްހޮކް ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ނިންމުމެއް ނިންމާފައެވެ.

އެއީ އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުމަށާއި އެފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ނުނެގުމުގެ އިތުރުން ވީއޭއެމުން ރާވާ އިންތިޒާމްކުރާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް ކުރިއަށް އޮތް ފަސް އަހަރު ބައިވެރިނުވެވޭ ގޮތަށް ނިންމުމާއި އަދި ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް މަސައްކަތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމެކެވެ.

އެޑްހޮކް ކޮމިޓީގެ މި ރިޕޯޓަށް ރިއާޔަތްކޮށް ރޭ ބޭއްވި ކޮންގްރެންސްގައި އޭނާއަށް ފިޔަވަޅު އަޅަން ފާސްކޮށްފައިވަނީ މެމްބަރުގެ ވޯޓާއެކުއެވެ. މި ވޯޓުގައި ފުރިހަމަ މެމްބަރު ނުވަ ކްލަބަކާއި ވަގުތީ މެމްބަރު ބާރަ ކުލަބަކާއި އެކަޑަމީ މެމްބަރު އެއް ކްލަބާއި އެސޯސިއޭޓް މެމްބަރު އެއް ކްލަބް ބައިވެރިވިއެވެ.

މި ބޮޑު ނިންމުން ފާސްކުރިއިރު ކޮމިޝަނާ އޮފް ސްޕޯޓްސް، ކުޅިވަރު ގައުމީ މަޖިލީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަންދޫބުން ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

ރޭ ނެގި މި ވޯޓާއެކު ހިންގާ ކޮމިޓީގެ މެމްބަރުގެ މަގާމުން ސޮފްވާން ވަކިކުރަން ވަނީ ނިންމާފައެވެ. އަދި ކުރިއަށްއޮތް ފަސް އަހަރަށް ވީއޭއެމްގެ އެއްވެސް މަގާމަކަށް ސޮފްވާން ހަމަނުޖައްސަން ވަނީ ނިންމާފައެވެ.

ވީއޭއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި ސަފްވާން ހިމެނިފައިވާނަމަ އެ ކުލަބެއްގެ ހިންގާ ކޮމިޓީން ސަފްވާން ވަކިކުރުމަށް 60 ދުވަހުގެ މުހުލަތެއްވެސް ދީފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެފަދަ ކުލަބެއްގެ ހިންގާ ކޮމިޓީން ސަފްވާން ވަކިކޮށް، އޭނާ އެ ކުލަބުގެ ހިންގާ ކޮމިޓީން ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ދޫކޮށްފައިވާ ލިޔުން ވީއޭއެމަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މިގޮތަށް އަމަލުނުކުރާ ކުލަބުތަށް ވީއޭއެމުގެ ދަފްތަރުން އުނިކުރުމަށް ވަނީ ނިންމާފައެވެ. މިގޮތަށް އުނިކުރެވޭ ކުލަބަކަށް ވީއޭއެމުގެ މެމްބަރުކަން ދެން ލިބޭނީ މީލާދީ ދެ އަހަރުފަހުން ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.

އެޑްހޮކް ކޮމިޓީން އެޅި ފިޔަވަޅުތަކާއެކު ވެސް ސަފްވާން ވަނީ ވޮލީގެ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެއިވާ ކަމަށް ވީއޭއެމުގެ ބަޔާނުގައިވެއެވެ. އަދި އޭނާ އުމުރުދުވަހަށް ސަސްޕެންޑުކުރަން ނިންމީ އެފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ފެންނާތީ ކަމަށްވެސް ބަޔާނުގައިވެއެވެ.

"ވީއޭއެމްގެ ފަރާތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ސަފްވާން އަހްމަދު ތަންތަނަށްގޮސް ކޯޗުކޮށްދޭން އުޅޭތަން ފެންނާތީ އަދި ސްކޫލްތަކާއި ކޮލެޖްތަކުގައި ވެސް ޓީމްތަކަށް ސަފްވާން އަޙްމަދު ކޯޗުކޮށްދޭތަން، ފެންނާތީ މިފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް، ފެންނާތީސަފްވާން އަހްމަދު މުޅި، ޢުމުރަށް ވޮލީބޯޅަ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭގޮތަށް ހަމަޖެއްސުމަށް ނިންމުން" ރޭ ބޭއްވި އަހަރީ އާންމު ޖަލްސާއަށްފަހު އާންމުކުރި ނޫސްބަޔާނުގައިވެއެވެ.

މިއީ ރާއްޖޭގެ ވޮލީގެ ތާރީހުގައި މިހާތަނަށް ކޯޗަކާމެދު އެޅި އެންމެ ބޮޑު ފިޔަވަޅެވެ. ވީއޭއެމުން ވަނީ މުސްތަގްބަލުގައިވެސް އެފަދަ މައްސަލައެއް އެހެން ކޯޗުންގެ ކިބައިން ފާހަގަވާ ނަމަ ހަރުކަށި އަދަބު ދޭނެކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު