ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ޔޮޓް މެރީނާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލީ ހާޝިމެވެ. އަދި ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.
އެމްޕީއެލްއިން ބުނީ އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭނެ މެރީނާއެއް ތަރައްްގީ ކުރާނެ ކަމަށެވެ. އެ މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުލިގަމުގައި ޔޮަޓްތަކެއް ބަނދަރުކޮށްފައި: ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އެ ރަށް ކައިރީގައި އާންމުކޮށް ބަނދަރުކުރޭ --
އެމްޕީއެލްއިން އަންނަނީ، ޔޮޓް މެެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮގަސްޓު 1، 2024ގައެވެ.
އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ޚާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް އެ ޚިދުމަތް ފުޅާކޮށް، އިގުތިސާދީ ނަފާ ހޯދުމަކީ ސަރުކާރުގެ އަމާޒެކެވެ.