ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ އުމުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ޓަކައި ނަގަން ނިންމާފައިވާ ފެންނަނުފެންނަ ވޯޓުގައި ކުރަން ކަނޑައަޅައިފައިވާ ސުވާލަކީ ގާނޫނުއަސާސީއާ އެއްގޮތަށް ފަރުމާކޮށްފައިވާ ސައްހަ ސުވާލެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ، އެކަމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ފާސްކޮށްފައިވާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި އޮތް ސުވާލަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ސުވާލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގަރާރުގައި ހިމަނާފައިވާ ސުވާލު އޮތީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިގޮތަށެވެ.
މިއީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ ސުވާލެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އަހަންޖެހޭނީ މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ކުރުކުރަން ފެނޭތޯ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫން،" ސުއޫދު ލިޔުއްވާފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންކުރެ އަހަނީ ކޮން ސުވާލެއްކަން ނޭނގޭ ގޮތަށް ސުވާލު ލިޔެފައިވާތީ، އެފަދަ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން، އެ ބިލުގެ ހަތަރުވަނަ މާއްދާއާމެދު ވެސް ސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ. އެ މާއްދާގައި ގާނޫނަކަށް ހަވާލާދީފައިވާ ބަޔަކީ ގާނޫނުއަސާސީގެ ބަޔަކަށް ހެދޭ ގޮތަށް އޮތް ބައެއް ނޫން ކަމަށާއި، އެ މާއްދާ ގާނޫނުއަސާސީގެ ބަޔަކަށް ނުވާ ނަމަ މަޖިލީހުގެ މުއްދަތު ހަމަވާ ތާރީޚެއް ގާނޫނުއަސާސީގައި ބަޔާންވެގެންނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކަށް ވާނީ މިހާރު އޮތް މަޖިލީހުގެ ދައުރު 2029 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ދެމިގެން ދިއުންކަމަށް ވެސް ސުއޫދު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ކުރީގެ އުއްތަމަފަނޑިޔާރު އަހްމަދު އަބްދުﷲ ވެސް ވަނީ ރިފަރެންޑަމަށް ރައީސް ހުށަހަޅުއްވައިފައިވާ ސުވާލަކީ ގާނޫނާ ޚިލާފު ނުވަތަ ޣައިރު ދުސްތޫރީ ސުވާލެއްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ސުވާލަކަށް ވާންވާނީ ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާ މެދު ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. މި ބިލު ތަސްދީގުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވަނީ ފެބުރުއަރީ ޖެހިގެން އައި ދުވަހެވެ. އެއާއެކު މިދިޔަ މަހުގެ 16ވަނަ ދުވަހު ރައީސްވަނީ ފެންނަނުފެންނަ ވޯޓެއް ބާއްވަން ގަރާރު ނެރުއްވައިފައެވެ.