ހުއްދަ ނުނަގައި ހަރުކުރި ކަމަށް ބުނެ، އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކެއް އެޗްޑީސީން ނަގައިފި

އެޗްޑީސީން ޕޯސްޓަރުތައް ނެގުން: އެޗްޑީސީން ވަނީ އެ ޕޯސްޓަރުތައް ނެގީ ހުއްދަ ނުނަގައި ހަރުކުރުމުން ކަމަށް ބުނެފައި -- ފޮޓޯ/ މުޒައްޔިން ނާޒިމް، ދައުރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ހުޅުމާލޭގައި އިދިކޮޅު އެމްޑީޕީން ހަރުކުރި ގިނަ ޕޯސްޓަރުތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފިއެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ކެންޑިޑޭޓުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެޗްޑީސީން ބުނެފައިވަނީ މި ޕޯސްޓަރުތައް ނެގީ ހުއްދަ ނުނަގައި ހަރުކޮށްފައި ހުރުމުން ކަމަށެވެ. އެ ކުންފުނިން ވަނީ ކުރިންވެސް ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހުއްދަ ނެތި ޕޯސްޓަރު ޖެހުން މަނާކޮށް، ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައެވެ. މި މައްސަލައާއެކު ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ސިޔާސީ ވާދަވެރިކަން ވަނީ އިތުރަށް ހޫނުވެފައެވެ.

  • ހުޅުމާލޭގައި އެމްޑީޕީން ހަރުކުރި ކެމްޕޭން ޕޯސްޓަރުތަކެއް އެޗްޑީސީން ނަގައިފި
  • ޕޯސްޓަރުތައް ނެގީ ހުއްދަ ނުނަގައި ހަރުކޮށްފައި ހުރުމުން ކަމަށް އެޗްޑީސީން ހާމަކުރޭ
  • އެމްޑީޕީ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ނަގައި އެތަނުގައި ޕީއެންސީގެ ޕޯސްޓަރުތައް ހަރުކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރޭ
  • އެޗްޑީސީން ކުރިންވެސް ވަނީ ހުއްދަ ނެތި ޕޯސްޓަރު ޖެހުން މަނާކޮށް އިއުލާންކޮށްފައި

އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް، އެ ސިޓީ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގައިފިއެވެ.

ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ވަނީ އެ ޕާޓީގެ ޕޯސްޓަރުތައް އެޗްޑީސީން ނަގަމުން އަންނަ ކަމަށް ބުނެފައެވެ.

އެމްޑީޕީން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވަނީ، ހުޅުމާލޭގައި ހަރުކޮށްފައި ހުރި އޭނާގެ ޕޯސްޓަރެއް އެޗްޑީސީން ނަގައިފައިވާ ކަމަށާއި އޭގެ ބަދަލުގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ޕޯސްޓަރު އެ ތަނުގައި ހަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ޒާޔާގެ ޕޯސްޓަރު މީގެ ކުރިން ހުރި ތަން: އޭނާ ވަނީ އޭނާގެ ޕޯސްޓަރު ނަގައިފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ ފާތިމަތު ޒަހިއްޔާ (ޒާޔާ)، ފޭސްބުކް

މީގެ އިތުރުން، ދައުރު ނޫހުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމް އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން، އެޗްޑީސީގެ މުވައްޒަފުންތަކެއް އެމްޑީޕީގެ ޕޯސްޓަރުތަކެއް ނަގާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯއާ ގުޅޭ ގޮތުން އެޗްޑީސީއާ ސުވާލުކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ، ޕޯސްޓަރުތައް ނަގައިފައިވަނީ ހުއްދަ ނުނަގައި ހަރުކޮށްފައި ހުރުމުން ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖަނަވަރީ މަހު އެޗްޑީސީން ވަނީ، ހުޅުމާލޭގައި ބިލްބޯޑާއި ބެނާ ހަރުކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައިވާކަން އިއުލާންކޮށްފައެވެ. އަދި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އެ ކޯޕަރޭޝަންގެ ހުއްދަ ނެތި ބެނާއާއި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން އެކި ފަހަރު މަތިން އިއުލާންކޮށްފައިވެއެވެ.

މީގެ ކުރީ އިންތިޚާބުތަކާ ދިމާކޮށް ވެސް، ހުއްދަ ނުނަގައި ޕޯސްޓަރާއި ބެނާ ޖަހައިފައިވާ ކަމަށް ބުނެ، އެ ތަކެތި އެޗްޑީސީން ނަގައިފައިވެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް