ވީއޭއެމުން މިއަހަރަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

މިއަހަރު ބޭއްވި ވީއޭއެމުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ޝާތިއު /ސަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އަހަރީ އާންމު ޖަލްސާގައި، މިއަހަރަށް ލަފާކުރި 52،178،200 ރުފިޔާގެ ބަޖެޓު މެމްބަރުންގެ ފުރިހަމަ ތާއީދާއެކު ފާސްކޮށްފިއެވެ. މި ބަޖެޓަކީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ އަދި ހޯމަ މުބާރާތްތައް ހިންގުމަށް އެކަށައަޅާފައިވާ ބަޖެޓެކެވެ. މީގެ އިތުރުން، އަހުލާގީ މައްސަލަތަކަކާ ގުޅިގެން ކޯޗު ސޮފްވާން އަހުމަދު މުޅި އުމުރުދުވަހަށް ސަސްޕެންޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

  • ޖުމްލަ 52،178،200 ރުފިޔާގެ ބަޖެޓެއް މެމްބަރުންގެ ވޯޓުން ފާސްކުރުން.
  • މިއަހަރު ޖުމްލަ 38 މުބާރާތެއް ބޭއްވުމަށް ވަނީ ކަލަންޑަރުގައި ހިމަނާފައި.
  • ބައިނަލްއަޤްވާމީ އަދި ޓްރެއިނިން ދަތުރުތަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމުން.
  • އަހުލާގީ މައްސަލަތަކާ ގުޅިގެން ކޯޗު ސޮފްވާން އަހުމަދު މުޅި އުމުރަށް ސަސްޕެންޑުކުރުން.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަހަރު ރާވާ ހިންގާ ހަރަކާތްތަކަށް 52،178،200 (ފަންސާސް ދެ މިލިއަން އެއްލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަ) ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ވީއޭއެމުގެ މިއަހަރުގެ ހަރަކާތްތަކަށް ހާއްސަ ބަޖެޓު ފާސްކޮށްފައިވަނީ ރޭ ސޯޝަލް ސެންޓަރު ހަރުގޭގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. ބަޖެޓު ފާސްކޮށްފައިވަނީ މެމްބަރުގެ ފުރިހަމަ ވޯޓާއެކުއެވެ.

މިއަހަރު ބޭއްވި ވީއޭއެމުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ޝާތިއު /ސަން

މި ވޯޓުގައި ފުރިހަމަ މެމްބަރު ނުވަ ކްލަބަކާއި ވަގުތީ މެމްބަރު ބާރަ ކުލަބަކާއި އެކަޑަމީ މެމްބަރު އެއް ކްލަބާއި އެސޯސިއޭޓް މެމްބަރު އެއް ކްލަބް ބައިވެރިވިއެވެ.

މި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ރާއްޖެއިން ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކަށެވެ. އެގޮތުން ޖުމްލަ ނުވަ މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ބަޖެޓުކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ބާއްވާ މުބާރާތްތަކަށެވެ.

ވީއޭއެމުގެ މިއަހަރުގެ ބަޖެޓު--

ރާއްޖޭގައި ބާއްވާ ވޮލީ މުބާރާތްތަކަށް ޖުމްލަ އަށް މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. އަދި ބީޗު ވޮލީ މުބާރާތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން ވީއޭއެމުން މިއަހަރު ޖުމްލަ 38 މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ ވޮލީގެ 21 މުބާރާތަކާއި ބީޗު ވޮލީގެ 17 މުބާރާތެވެ.

މިއަހަރު ބޭއްވި ވީއޭއެމުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ޝާތިއު /ސަން

މީގެއިތުރުން ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަޤްވާމީ ދެ ވޮލީ މުބާރާތަށް ހަތް މިލިއަން ބަޖެޓުކޮށްފައިވާއިރު، ބީޗުވޮލީގެ ބައިނަލްއަޤްވާމީ މުބާރާތަށް 3 މިލިއަން ވަނީ ބަޖެޓުކޮށްފައެވެ. މިއަހަރު ރާއްޖޭގައި ބާއްވާ ވޮލީގެ ބައިނަލްއަޤްވާމީ ދެ މުބާރާތަކީ ކާވާ ވިމެންސް ލީގާއި ކާވާ ވިމެންސް ކަޕެވެ.

އެސޯސިއޭޝަނުގެ އިދާރީ ހިންގުމަށް ދެ މިލިިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ވޮލީއާއި ބީޗުވޮލީގެ ޓްރެއިނިން ދަތުރުތަކަށް ގާތްގަނޑަކަށް 9 މިލިއަނެއްހާ ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

މިއަހަރު ބޭއްވި ވީއޭއެމުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ޝާތިއު /ސަން

މީގެއިތުރުން މި އަހަރީ އާންމު ބައްދަލުވުމުގައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކަކުން ކޯޗު ސޮފްވާން އަހުމަދު މުޅި އުމުރުދުވަހަށް ސަސްޕެންޑުކުރަން ނިންމާފައެވެ. އޭނާ ސަސްޕެންޑުކުރަން ނިންމީ އަހުލާާގީ ބޮޑެތި މައްސަލަތަކަކާއި ގުޅިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު