2 ކިލޯ ޑުރަގު ގެނައުން: ލޫތު ބުނީ ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި ރައްޓެއްސެއް ބުނެގެން ކަމަށް

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހުން

ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށް އޭނާ ބުނެފައިވަނިކޮށް، އެ ފޮށިގަނޑު ބަލައި ދިޔައީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ކަމަށް އެ މައްސަލައިގައި ހިމެނޭ ދިވެހި އެކަކު ބުނެފިއެވެ.

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ އަންހެނަކާއި ދިވެހި ދެ ފިރިހެނުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 28 ވަނަ ދުވަހެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންޖިނި ޖީވަނަންތަން، މެލޭޝިއާ، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.

މި ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލޫޠު އިބްރާހީމާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

ލޫތުގެ ބަންދު މުއްދަތު ހަމަވެގެން، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އިތުރު 30 ދުވަހަށް އޭނާގެ ބަންދު މުއްދަތު މިއަދު ވަނީ އިތުރުކޮށްފައެވެ. ބަންދު އަމުރުގައި ލޫތުއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑަކީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ބަލާދިޔަ ފޮށިގަނޑެކެވެ.

މި ކޭސްއާ ގުޅިގެން ވެލާނާ އެއާޕޯޓުން ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ފުރަތަމަ ކޯޓުން ޖެހި 15 ދުވަސް ހަމަވެގެން އަލުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 20 ދުވަސް އިއްޔެ ވަނީ ޖަހާފައެވެ. ބަންދު އަމުރުގައި އެ މީހާއާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެކެވެ.

comment ކޮމެންޓް