ރަމަޟާން މަހަށްފަހު ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކުރެވިދާނެ ކަންކަން

ރަމަޟާން މަހަކީ ކެއުން ބުއިމަށް ބޮޑު ބަދަލެއް އަންނަ މަހެއް--ފޮޓޯ/ޕިންޓްރެސްޓް

ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ކެއިން ބުއިމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މައްސަރެކެވެ.

މި މަހު އަޅުކަމުގައި މަޝްއޫލުވެ އުޅޭ މިންވަރު އެހެން މަސްމަހަށްވުރެ އިތުރުވެފައިވާއިރު ކެއުންބުއިމުގެ ކަންކަމަށް ވެސް ރަމަޟާން މަހު ހާއްސަ އިސްކަމެއް ދެވެއެވެ.

ދުވާލުގެ ގިނަ ވަގުތު ހުސްބަނޑާ ތިބުމަށްފަހު އިރުއޮއްސުމާ ހަމައިން ފެށިގެން ހާރުކެއުމާ ދެމެދު އެ ލިބޭ ވަގުތަކީ ކެއިން ބުއިމުގައި ވެސް ގިނަ ވަގުތު އަޅުގަނޑުމެން ހޭދަކުރާ މަހެކެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ މިހާރަކަށް އައިސް ސިއްހީގޮތުން ހަށިގަނޑަށް ފައިދާހުރި ކެއުންތައް ތައްޔާރުކުރުމަށް އަޅުގަނޑުމެން އިސްކަންދޭ ކަމެވެ. އެކަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާލުމުން ވެސް ފެނެއެވެ.

ހަމައެއާއެކު ފައިދާހުރި ކާނާ ކެއުމުގެ މުހިއްމުކަމާއި ރަމަޟާން މަހު ދިރިއުޅުމުގެ އަދި ކެއުމުގެ ވަށްޓަފާޅިއަށް ގެންނަންޖެހޭ މުހިއްމު ބަދަލުތަކުގެ މައުލޫމާތުތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކި ނޫސްތަކުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް ފޯރުކޮށްދެއެވެ.

ރަމަޟާން މަހު އަޅުގަނޑުމެން ކެއުމުގައި ގެންގުޅުނު ހާއްސަ މިންގަނޑުތައް އެ މަސް ނިމުމުން ގެންގުޅުން މުހިއްމު--ފޮޓޯ/ގޫގްލް

ރަމަޟާން މަހަށްފަހު ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަކީ ވެސް އަޅުގަނޑުމެން އެކަމަށް ހާއްސަ އިސްކަމެއްދީފިނަމަ ކުރެވިދާނެ ކަމެކެވެ. މިކަމާ ގުޅޭގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު، އިސްލާމް އާބާދުގެ ވެބްސައިޓުގައި ވަނީ ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ރަމަޟާން މަހަށްފަހު ދުޅަހެޔޮކަން ދެމެހެއްޓުމަށް ބައެއް އިރުޝާދުތައް:

1. ޢީދު ދުވަސްވަރު ސަމާލުވުން:

ޢީދު ފާހަގަކުރާއިރު މާގިނައިން ކެއުމާއި، ފޮނި އެއްޗިއްސާއި ގޭސް އެކުލެވޭ ބުއިންތައް ބޭނުންކުރުމަކީ ހަޖަމު ކުރުމުގެ ނިޒާމަށް ބާރުބޮޑުވެ، ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

2. ސުންނަތް ރޯދަހިފުން:

އަހަރު ތެރޭގައި ދޭތެރެ ދޭތެރެއިން ރޯދަހިފުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރަމަޟާން މަހުން ލިބުނު ފައިދާތައް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.


3. ކެއުމުގެ އާދަ:

ރަމަޟާން މަހެކޭ އެއްފަދައިން ދުވާލަކު ދެ އިރު ކެއުމަށް އާދަކުރާށެވެ. ކެއުންތަކުގެ ދެމެދުގައި ބަނޑުހައިކަން އިހުސާސްވުމަކީ "އަލްޒައިމަ" ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

4. ކާނާގެ ބާވަތްތައް:

ކެއުމުގައި ތަރުކާރީގެ ބައި އިތުރުކޮށް، ފަރުމަހާއި، ސަރުބީ ގިނަ ކާނާއާއި، ކަރާ އަދި ފާސްޓް ފުޑް ބޭނުންކުރުން މަދުކުރާށެވެ.

5. 80/20 އުސޫލު:

ބަނޑު ފުރެންދެން ނުކައި، ބަނޑުގެ 80 އިންސައްތަ ފުރުމުން ކެއުން ހުއްޓާލާށެވެ. މިކަމަށް އެހީތެރިވުމަށްޓަކައި މަޑުމަޑުން ހަފައިގެން ކެއުމަށް އާދަކުރާށެވެ.

6. ޕްރޯބަޔޮޓިކްސް:

ޑޮކްޓަރެއްގެ ލަފާގެ މަތިން ޕްރޯބަޔޮޓިކްސް ބޭނުންކުރުމަކީ ގޮހޮރުގެ ދުޅަހެޔޮކަމަށް ފައިދާހުރި ކަމެކެވެ. މިއީ އަރިދަފުސް ރޯގާއާއި އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.

7. ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން:

ނަމާދުކުރުމާއި، ގުރުއާން ކިޔެވުމާއި، ސަދަގާތް ދިނުމަކީ ނަފްސާނީ ބަލިތަކާއި، ހާސްކަމާއި، އެކި ކަންކަމަށް ދެވިހިފުމުން ދުރުހެލިވުމަށް ލިބޭ ވަރަށް ބޮޑު ފަރުވާއެކެވެ.

8. ކަސްރަތުކުރުން:

ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވެ، ކަސްރަތުކުރުމަށް އިސްކަންދޭށެވެ. ކަސްރަތުކުރުމުން ހަށިގަނޑުން އުފައްދާ ހޯމޯންތަކުގެ ސަބަބުން މީހާގެ މޫޑު ރަނގަޅުވެ، ހަށިގަނޑު ވަރުގަދަކޮށްދެއެވެ.

comment ކޮމެންޓް