ރިތިކްގެ އިތުރު ޕްރޮޖެކްޓެއް އެމެޒޯން ޕްރައިމް ވީޑިއޯއާ އެކު

އެކްޓަރު ރިތިކް ރޯޝަން ފިލްމު ޕްރޮޑިއުސަރު އަޖިތުޕަލް ސިންގް އަދި ގޯރަވް ގާނދީ --ފޮޓޯ/އެމެޒޯންޕްރައިމްގެރަސްމީ އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެޗްއާރްއެކްސް އިން އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން އާ ކޮމެޑީ ސީރީސްއެއް އުފައްދަން ނިންމައިފިއެވެ. 'މެސް'ގެ ނަމުން ނަން ދީފައިވާ މި ސީރީސްއަކީ އޯސީޑީގެ އަސަރު ހުންނަ ފިރިހެނެއްގެ ދިރިއުޅުމުގައި ކުރިމަތިވާ މަޖާ އަދި ހިތްދަތި ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސްއެކެވެ. މި ސީރީސްގައި އޭނާގެ ގެއަށް ވަންނަ ވައްކަން ކުރާ ބަޔަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ވެސް ދައްކުވައިދޭނެއެވެ. މިއީ ރިތިކްގެ ޕްރޮޑަކްޝަން ހައުސްއިން އެމެޒޯން ޕްރައިމްއާ ގުޅިގެން އުފައްދާ ދެވަނަ ބޮޑު ޕްރޮޖެކްޓެވެ.

  • ރިތިކް ރޯޝަންގެ އެޗްއާރްއެކްސް އިން 'މެސް'ގެ ނަމުގައި ކޮމެޑީ ސީރީސްއެއް އިއުލާނުކޮށްފި
  • މި ސީރީސްއަކީ އޯސީޑީ ހުންނަ މީހެއްގެ ދިރިއުޅުމުގެ ކަންކަން ދައްކުވައިދޭ މަޖާ ވާހަކައެއް
  • ސީރީސްގެ ސްކްރިޕްޓް ލިޔުއްވާފައި ވަނީ މަޝްހޫރު ލިޔުންތެރިޔާ ޕޯލް ސޮޓާ
  • މި ޕްރޮޖެކްޓް ޑައިރެކްޓްކުރަނީ ރާޖޭޝް އޭ އެވެ
  • ސީރީސްގެ ކާސްޓުންގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވޭ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރިތިކް ރޯޝަން އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން އިތުރު ޕްރޮޖެކްޓެއް އުފައްދަން ނިންމިކަން އިއުލާނުކޮށްފިއެވެ.

މިއީ ރިތިކްގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނި އެޗްއާރްއެކްސް އާއި އެމެޒޯން ޕްރައިމް ގުޅިގެން "މެސް"ގެ ނަމުގައި ގެނެސްދޭ ކޮމެޑީ ސީރީސްއެކެވެ. ރިތިކްގެ ކުންފުންޏާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން އުފައްދާނެކަން އިއުލާނުކުރި ފުރަތަމަ ޕްރޮޖެކްޓަކީ ތުރިލާ ޑްރާމާއެއް ކަމަށްވާ "ސްޓޯމް"އެވެ.

ދެވަނަ ޕްރޮޖެކްޓް ކަމަށްވާ "މެސް" އަކީ ސޮޑާ ފިލްމްސް ލެބްއިން ކޯ-ޕްރޮޑިއުސްކުރާގޮތަށް އުފައްދާ ސީރީސްއެކެވެ. އެކަން އެމެޒޯން ޕްރައިމްއިން ވަނީ އިއްޔެގެ ވަގުތެއްގައި އިއުލާނުކޮށްފައެވެ.

މި ސީރީސް އަކީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ ޕޯލް ސޮޓާގެ ސްކްރިޕްޓްއަކަށް ބިނާކޮށް އުފައްދާ ސީރީސްއެކެވެ. މި ސީރީސް ބިނާކޮށްފައި ވަނީ އޯސީޑީ ހުންނަ ފިރިހެނެއްގެ އާންމު ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ މަޖާ ކަންކަމުގެ މައްޗަށެވެ.

މީގެއިތުރުން ވައްކަންކޮށް ފޭރޭ ގްރޫޕަކުން އޭނާ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަނުމުން އެމީހުންގެ ފަރާތުން ރައްކާތެރިކަން ހޯދުމަށް ކުރާ މަސައްކަތްތައް ވެސް މި ސީރީސްއިން ދައްކުވައިދޭނެއެވެ.

ރިތިކް ރޯޝަން އެމެޒޯން ޕްރައިމް ވީޑިއޯގެ އޭޝިއާ ޕެސިފިކްގެ ނައިބު ރައީސް ގޯރަވް ގާނދީއާ އެކު--ފޮޓޯ/އެމެޒޯންޕްރައިމްގެރަސްމީ އިންސްޓަގްރާމް

ރާޖޭޝް އޭ ޑައިރެކްޓްކޮށް އުފައްދާ "މެސް" ޕްރޮޖެކްޓް އިއުލާނުކޮށްފައިވީ ނަމަވެސް މީގެ ކާސްޓުގައި ހިމެނޭ ތަރިންގެ މައުލޫމާތު ވަނީ ސިއްރުކޮށްފައެވެ.

ރިތިކްގެ ޕްރޮޑަކްޝަން ކުންފުނިން ޕްރައިމްއާ އެކު އުފައްދާ ފުރަތަމަ ޕްރޮޖެކްޓް "ސްޓޯމް"ގެ ކާސްޓުގައި ހިމެނެނީ އަލާޔާ އެފް، ސަބާ އާޒާދު، ރާމާ ޝަރުމާ، ސްރިޝްތީ ޝްރިވާސްތަވާ އަދި ޕަރުވަތީ ތިރޮވޯތުއެވެ. މި ޕްރޮޖެކްޓަކީ ރިތިކް ފިލްމު ޕްރޮޑަކްޝަން ދާއިރާއާ ގުޅުނުކަން އިއުލާނުކޮށް އޭނާ އަލަށް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމީ ޕްރޮޖެކްޓެވެ.

ރިތިކް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ވައިއާރްއެފްއިން މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ވޯ 2"އިންނެވެ.

comment ކޮމެންޓް