މީދޫ ޒުވާނުންގެ ސުޕަ ކަޕް މުބާރާތުގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވައިޕާސްއަށް

ވައިޕާސްއިން މުބާރާތް ކާމިޔާބު ކުރުމުން ތަށި ހަވާލުކޮށްދެއްވުން --

ދ. މީދޫގައި ކުރިއަށްދިޔަ ސުޕަ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ވައިޕާސްއިން ކާމިޔާބުކޮށްފިއެވެ. މިއީ އެ ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. ހަތް ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި އޮރެންޖް އާމީއާ ބައްދަލުކޮށް، ވައިޕާސްއިން ވަނީ 7-2 ލަނޑުން މޮޅުވެފައެވެ. އެމްޑީއޭގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދުގެ އެހީތެރިކަމާއެކު ބޭއްވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވައިޕާސްގެ އަހުމަދު މާއިޝް ރަޝީދެވެ.

  • އެފްސީ ވައިޕާސްއިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުން.
  • ފައިނަލް މެޗުގައި ވައިޕާސްއިން އޮރެންޖް އާމީ 7-2 ލަނޑުން ބަލިކުރުން.
  • މުބާރާތުގެ މޭން އޮފް ދަ ޓޯނަމެންޓްގެ މަގާމު އަހުމަދު މާއިޝް ރަޝީދަށް ލިބުން.
  • ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުން.

ދ. މީދޫގައި ފުޓްސަލްގެ ހުނަރު އާލާކުރަން އެ ރަށުގެ ޒުވާނުން އިންތިޒާމުކޮށްގެން ބާއްވާ ސުޕަ ކަޕްގެ، މި ރޯދަމަހުގެ މުބާރާތް އެފްސީ ވައިޕާސްއިން ކާމިޔާބުކޮށްފިއެވެ.

މީދޫގެ ސުޕަ ކަޕް މުބާރާތް ބާއްވައިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެ މުބާރާތުގައި ހަތް ޓީމަކުން ބައިވެރިވިއެވެ. އެއީ އެފްސީ ވައިޕާސް، އޮރެންޖް އާމީ، ޕަލެޓީނިޔަންސް، އަމީގޯސް، ސިޑި ގޮޅި، ރެއިޑާސް އަދި ސަން ސިޔާމް ވިލުރީފް ފުޓްސަލް ޓީމެވެ.

މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ ފޯރިގަދަ މުބާރާތުން ފައިނަލަށް ދިޔައީ ވައިޕާސް އާއި އޮރެންޖް އާމީއެވެ. އިއްޔެ ބޭއްވި ފައިނަލް މެޗު ވައިޕާސްއިން ކާމިޔާބު ކުރީ 7-2 ލަނޑުންނެވެ. މިއީ އެ ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

ސުޕަ ކަޕް މުބާރާތުގެ ތެރެއިން: މި މުބާރާތުގައި ހަތް ޓީމަކުން ވާދަކޮށްފައިވޭ --

އެ މުބާރާތް ބާއްވައިފައިވަނީ އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ދީލަތި އެހީއާއެކުގައެވެ. އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލެވެ.

އެ ރަސްމިއްޔާތު އިންތިޒާމުކޮށްފައިވަނީ ބިދަބިން އިވެންޓްސްއިންނެވެ.

ސުޕަ ކަޕް މުބާރާތް ކާމިޔާބު ކުރި ވައިޕާސްއަށް ތަށި ހަވާލުކޮށްދެއްވީ ޝާހެވެ. އެ ޓީމަށް ވަނީ މުބާރާތުގެ ތަށީގެ އިތުރުން، 20،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.

މުބާރާތުގެ ރަނަރަޕް ޓީމް ކަމަށްވާ އޮރެންޖް އާމީއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ތިންވަނައަށް ދިޔަ ސިޑި ގޮޅިއަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ސުޕަ ކަޕްގެ މޭން އޮފް ދަ ޓޯނެމެންޓަށް ހޮވުނު ވައިޕާސްގެ އަހުމަދު މާއިޝް ރަޝީދު ---

އެ މުބާރާތުގެ މޭން އޮފް ދަ ޓޯނެމެންޓަށް ހޮވުނީ ވައިޕާސްގެ ޖާޒީ ނަންބަރު 99، އަހުމަދު މާއިޝް ރަޝީދު ކަމަށްވާއިރު އޭނާއަށް ވަނީ 2،500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:

  • އަހުމަދު ޝައިހާން - އޮރެންޖް އާމީ، ޖާޒީ ނަންބަރު 7
  • އަހުމްދު މާއިޝް ރަޝީދު - ވައިޕާސް، ޖާޒީ ނަންބަރު 99
  • ޖުމައިލް ޖަމީލް - ވައިޕާސް، ޖާޒީ ނަންބަރު 13
  • އަހުމަދު ދައުސް މޫސާ - ސިޑި ގޮޅި، ޖާޒީ ނަންބަރު 18
  • ޒައިދާން އަބްދުﷲ - ވައިޕާސް، ޖާޒީ ނަންބަރު 17

މީގެ އިތުރުން ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ވައިޕާސްގެ ޖާޒީ ނަންބަރު 13، ޖުމައިލް ޖަމީލެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ސިޑި ގޮޅި ޓީމުގެ އަމާން މުހައްމަދު ކަމަށްވާއިރު، އެންމެ ގިނަ ގޯލު ޖެހީ އޮރެންޖު އާމީގެ އަހުމަދު ޝައިހާނެވެ.

ސުޕަ ކަޕްގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ސަން ސިޔާމް ވިލުރީފް ފުޓްސަލް ޓީމް ކަމަށްވާއިރު، މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރެއިޑާސްގެ ޖާޒީ ނަންބަރު 13، ޖޫދު އިސްމާއީލެވެ.

comment ކޮމެންޓް