އެފްރިކަން ނޭޝަންސްގެ ތަށި ސެނެގޯލް އަތުން އަތުލާ މޮރޮކޯއަށް ދީފި

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި ސެނެގޯލް އިން އުފުލާލަނީ--

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެނެގޯލް އަތުން ތަށި އަތުލައި މޮރޮކޯއަށް މުބާރާތުގެ ޗެމްޕިއަންކަން ދީފިއެވެ. އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކެފް) އިން ނިންމީ މެޗުގެ ނަތީޖާ ބަދަލުކޮށް، މޮރޮކޯ 3-0 އިން މޮޅުވި ކަމަށް ކަނޑައެޅުމަށެވެ. މީގެ ދެ މަސް ކުރިން ކުޅުނު މެޗުގައި ސެނެގޯލްގެ ކުޅުންތެރިން ދަނޑުން ފޭބުމާއި ސަޕޯޓަރުންގެ ހަމަނުޖެހުންތައް ހިނގާފައިވެއެވެ. މީގެ އިތުރުން ބޮޑު ޖޫރިމަނާއެއް ކޮށްފައިވާއިރު، މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ސެނެގޯލްއަށް އެބައޮތެވެ.

  • އެފްރިކަން ކަޕްގެ ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް މޮރޮކޯ ޗެމްޕިއަންކަމަށް ކަނޑައެޅުން
  • މެޗުގެ ތެރޭގައި ސެނެގޯލް ޓީމުން ދަނޑުން ފޭބުމާއި ހަމަނުޖެހުންތައް ހިނގުން
  • ކެފްއިން ސެނެގޯލް ޓީމު ޖޫރިމަނާކޮށް، އަދަބުތަކެއް ދިނުން
  • ސެނެގޯލްއަށް މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތުން

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެނެގޯލް އަތުން ތަށި އަތުލުމަށްފަހު، މޮރޮކޯއަކީ މުބާރާތުގެ ޗެމްޕިއަން ކަމުގައި އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކެފް) އިން ކަނޑައަޅައިފިއެވެ.

ކެފް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕީލްސް ބޯޑުގެ ނިންމުމާއެކު ސެނެގޯލް ވަނީ މެޗު ދޫކޮށްލާފައި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ދެ މަސް ކުރިން ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ސެނެގޯލް ކާމިޔާބުކުރި ނަމަވެސް، މިހާރު ރަސްމީ ރެކޯޑުތަކުގައި މެޗުގެ ނަތީޖާއަކީ މުބާރާތް ބޭއްވި ޤައުމު ކަމަށްވާ މޮރޮކޯ 3-0 އިން މޮޅުވުން ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ޖެނުއަރީ 18 ވަނަ ދުވަހު ރަބާޓްގައި ކުޅުނު ފައިނަލް މެޗުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން، ސެނެގޯލްގެ ކޯޗު ޕާޕޭ ތިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ކުޅުންތެރިން ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ދަނޑުން ފައިބާފައެވެ.

ގާތްގަނޑަކަށް 15 މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅުން ފެށިއިރު، މޮރޮކޯގެ ފޯވާޑް ބްރާހިމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގޯލްގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގޭ ޖެހި ލަނޑާއެކު ސެނެގޯލް އިން ވަނީ ދެވަނަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން އޭރު ހޯދާފައެވެ.

މެޗުގެ ފޯރިގަދަވެފައިވަނިކޮށް ސަޕޯޓަރުން ދަނޑަށް ވަންނަން މަސައްކަތްކުރުމާއި، ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގުން ފަދަ ކަންކަން ފެނިގެންދިޔައެވެ. މީގެ އިތުރުން މީޑިއާ އޭރިއާގައި ދެ ޤައުމުގެ ނޫސްވެރިންގެ މެދުގައި މާރާމާރީ ހިންގުމާއި، ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީގެ ސަމާލުކަން ގެއްލުވާލުމަށްޓަކައި އޭނާ ބޭނުންކުރަމުންދިޔަ ތުވާލި މޮރޮކޯގެ ބޯލް ބޯއީން އަތުލަން އުޅުން ފަދަ އާދަޔާޚިލާފު ކަންތައްތަކެއް ވެސް ވަނީ ހިނގާފައެވެ.

ޖެނުއަރީ މަހު ބޭއްވި ޑިސިޕްލިނަރީ އަޑުއެހުމަށްފަހު، ކެފް އިން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ޖޫރިމަނާކޮށް، ދެ ޤައުމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދަބުދީފައެވެ.

ނަމަވެސް އޭރު މެޗުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް އިސްތިއުނާފު ކުރުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށަހެޅުމުގެ ފުރުސަތު ސެނެގޯލްއަށް މިހާރުވެސް އެބައޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު