އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުން އަމިއްލަ ގައުމުގައި ގުއާޓެމާލާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ނިންމާފައިވާކަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ހާމަކޮށްފިއެވެ.
މާރިޗު 31 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ ސްޕެއިންއާ ދެކޮޅަށް ކުޅުމަށް ތާވަލުކޮށް ފަހުން ކެންސަލްވި ފައިނަލިސިމާ މެޗުގެ ބަދަލުގައި ކުޅޭ މެޗެކެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން، އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީގެ އިރުޝާދުގެ ދަށުން އެއް ހަފުތާގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދާނެއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ދިއުމުގެ ކުރިން، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ކުޅޭނެ ކަމަށް މިހާތަނަށް ތާވަލުކުރެވިފައިވާ ހަމައެކަނި މެޗަކީ މިއީއެވެ.
ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ. މީގެ ކުރިން އާޖެންޓީނާއިން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ ނޮވެމްބަރު 14 ވަނަ ދުވަހު އެންގޯލާއާ ދެކޮޅަށެވެ.
ގުއާޓެމާލާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ ވަކި ދަނޑެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް، މަޝްހޫރު ރިވަރ ޕްލޭޓްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި މި މެޗު ނުކުޅޭނެކަން ވަނީ ޔަގީންވެފައެވެ. ސަބަބަކީ އެ ދުވަހު އެ ދަނޑުގައި އޭސީ ޑީސީގެ މިއުޒިކް ޝޯއެއް އޮތުމެވެ.
ސްޕެއިންއާ ދެކޮޅަށް ކުޅެން އޮތް ފައިނަލިސިމާ މެޗު ކެންސަލްވުމާ ގުޅިގެން އޭއެފްއޭގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައިވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިޓަލީގައި އެ މެޗު ކުޅެން އާޖެންޓީނާއިން އެއްބަސްވި ކަމަށާއި، ނަމަވެސް އެދުނީ ތާރީޚަށް ބަދަލެއް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން، ކުޅިވަރުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އެ މެޗު ކުޅެންޖެހޭނީ ވަކި ފަރާތަކަށް ނުޖެހޭ ދަނޑެއްގައި ކަމަށް އޭއެފްއޭއިން ގަބޫލުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްޕެއިންގެ މެޑްރިޑްގައި މެޗު ކުޅުމަށް ހުށަހެޅި ހުށަހެޅުމާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.