ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކަކީ އެކަމުގައި ސީދާ ބައިވެރިވާ ޤައުމުތަކަށް އެކަނި އަސަރުކުރާ ކަންކަމެއް ނޫނެވެ. ބަވަނަ ވެފައިވާ އަދުގެ ދުނިޔޭގައި ހަނގުރާމަތަކުގެ ސަބަބުން ހަކަތައިގެ އަގުތަކަށާއި މުދާ އުފުލާ މަގުތަކަށާއި، ފަތުރުވެރިކަމުގެ ޞިނާޢަތަށް، އަދި ކާބޯތަކެތި ފޯރުކޮށްދޭ ނިޒާމުތަކަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
މީގެ ނަތީޖާއަކީ، ދުނިޔޭގެ ޤައުމުތަކުގައި ޚާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަރީޒާ ޤައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި އިޤްތިޞާދީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުމެވެ.
އެހެންކަމުން، މިއަދުގެ ކޮލަމުގައި ބަލައިލާނީ މިފަދަ ދަތި ޙާލަތްތަކުން ރައްޔިތުން ސަލާމަތްކޮށް، ޤައުމުގެ އަމާންކަން ދެމެހެއްޓުމުގައި ސަރުކާރުގެ މައްޗަށް އޮތް މަސްއޫލިއްޔަތާއި ޒިންމާއަކީ ކޮބައިތޯއާ މެދުގައެވެ.
އިޤްތިޞާދީ ހަމަޖެހުމާއި ޚަރަދު ކުޑަކުރުން
އިޤްތިޞާދީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި ސަރުކާރުގެ އެންމެ އިސް މަސްއޫލިއްޔަތަކީ ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމެވެ. މީގެ ތެރޭގައި ތެލާއި ކަރަންޓާއި އަދި އަސާސީ ކާބޯތަކެތީގެ އަގު ހިފެހެއްޓުމާއެކު، އެ ތަކެތި ބާޒާރުން މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރާން ޖެހެއެވެ. ހަމައެއާއެކު، އެހީއަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންފްލޭޝަން ކުޑަކުރުމަށްޓަކައި ސްޓްރެޓީޖިކް މާލީ ފިޔަވަޅުތައް އެޅުން މީގެ ތެރޭގައި ހިމެނެއެވެ.
މި އަމާޒަށް ވާޞިލުވުމަށްޓަކައި، ސަރުކާރުގެ ރިކަރަންޓް ޚަރަދުތަކާއި، ނަތީޖާއެއް ނުނެރެވޭ ބޭކާރު ޚަރަދުތައް ކުޑަކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. އިޤްތިޞާދީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި، ސިޔާސީ މަންފާއަށްވުރެ ޤައުމީ މަސްލަޙަތު އިސްކޮށް، ދައުލަތުގެ ފައިސާ އިސްރާފުވާނެ ފަދަ ނިންމުންތަކުން ދުރުހެލިވާންޖެހެއެވެ. ސިޔާސީ މަޤާމުތަކާއި ހިންގުމުގެ ޚަރަދުތައް މުރާޖަޢާކޮށް، އެ ފައިސާ ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި އިޤްތިޞާދީ ސަލާމަތީ ފިޔަވަޅުތަކަށް ހޭދަކުރުމަކީ ހަގީގީ ޒިންމާދާރު ވެރިކަމެއްގެ ސިފައެކެވެ.
ކާބޯތަކެއްޗާއި ބޭހާއި ހަކަތައިގެ ރައްކާތެރިކަން
ޒަމާނުއްސުރެ ރާއްޖޭގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކަންކަމަށް ދުރާލައި ތައްޔާރުވުމުގެ ބަދަލުގައި، ކަމެއް ދިމާވުމުން އެކަމަށް އިޖާބަދިނުމުގެ ސަގާފަތެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޓަކައި، ދިގު މުއްދަތަށް ބޭނުންކުރެވޭނެ ތެލާއި ގޭހާއި އަދި އަސާސީ ބޭހުގެ ރިޒާވެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ޤައުމީ ފެންވަރުގައި ފަހަށް ރައްކާކުރުމުގެ މުހިންމުކަން، ޔޫސުފް - ޢަލައިހިއްސަލާމް - މިޞްރުގެ ތަދުމަޑުކަމަށް ތައްޔާރުވެވަޑައިގަތް ގޮތުން ފެންނާން އެބައޮތެވެ. އެކަލޭގެފާނު އިރުޝާދު ދެއްވިއެވެ.
((قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِي سُنبُلِهِ إِلَّا قَلِيلًا مِّمَّا تَأْكُلُونَ)) (ޔޫސުފު ސޫރަތުގެ 47). "އެކަލޭގެފާނު ވިދާޅުވިއެވެ. ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ".
ދަތި ޙާލަތެއް އައުމުގެ ކުރީން، ތަނަވަސްކަމުގެ ދުވަސްވަރު އިސްރާފު ކުޑަކޮށް "ސްޓްރެޓީޖިކް ރިޒާވެއް" ބެލެހެއްޓުމުގެ މުހިންމުކަން މި އާޔަތުން ސާފުކޮށް އެނގެއެވެ.
ނަމަވެސް، ހަމައެކަނި ތަކެތި ރައްކާކޮށްގެން ފުއްދާލެވެން ނެތްކަން ވެސް ޤަބޫލުކުރާންޖެހެއެވެ. ބޭރުގެ ނުފޫޒުތަކުން ސަލާމަތްވުމަށްޓަކައި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޭ ފަދަ އިސްކަމެއް، ދަނޑުވެރިކަމާއި ކުކުޅާއި ބަކަރި ފަދަ ދިރޭތަކެތި އާލާކުރުމުގެ މަޝްރޫޢުތަކަށް ދޭންޖެހެއެވެ. ޤައުމީ އިޤްތިޞާދު ސިންދަފާތުކޮށް، ތަފާތު ދާއިރާތަކުން އާމްދަނީ ހޯދޭނެ މަގުތައް ސަރުކާރުން ފަހިކޮށްދޭންޖެހެއެވެ. ކޮންމެވެސް ބޭނުމެއްގައި ދޭތެރެއަކުން ފާޅުކޮށްލާ "ޚިޔާލެއް" ގެ ބަދަލުގައި، ދުރުރާސްތާގެ ޤައުމީ ޕްލޭނެއްގެ ދަށުން މި ކަންކަމަށް ޢަމަލީ ސިފަ ގެންނާންޖެހެއެވެ.
ބާޒާރުގެ ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުން
ކްރައިސިސްގެ ވަގުތުގައި، ބައެއް ވިޔަފާރިތަކުން އެކަށީގެންނުވާ ގޮތްގޮތަށް މުދަލުގެ އަގު އަމިއްލައަށް މައްޗަށް ޖެއްސުމާއި މުދާ ފޮރުވުން ފަދަ ޢަމަލުތައް ހިންގަފާނެއެވެ. ޒިންމާދާރު ސަރުކާރަކުން ހަރުދަނާ ޤަވާއިދުތަކާއި މޮނިޓަރިންގެ ތެރެއިން ބާޒާރުގައި އިންސާފުވެރިކަން ޤާއިމުކޮށް، "ކޮންސިއުމަރ ޕްރޮޓެކްޝަން" ވަރުގަދަކުރާން ޖެހޭނެއެވެ. ސިޔާސީ މަންފާއަށްޓަކައި ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، މުޅި މުޖުތަމަޢުގެ ޙައްޤުތައް ޙިމާޔަތްކުރުން އިސްކުރާންޖެހެއެވެ.
ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ މުޢާމަލާތު ކުރުން
ހުރިހާ ޙާލަތެއްގައި ވެސް އަދި ވަކީން ޚާއްސަކޮށް، ޤައުމަށް ކުރިމަތިވާ ނުތަނަވަސް ދަނޑިވަޅުތަކުގައި ރައްޔިތުންގެ އިތުބާރު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމަށް ޓަކައި، ކުރިމަތިވެފައިވާ ކްރައިސިސްގެ ބާވަތާއި އިޤްތިޞާދަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ސާފުކޮށް ރައްޔިތުންނަށް މަޢުލޫމާތު ދޭންޖެހޭނެއެވެ.
ޤައުމީ މުހިންމު މައްސަލަތަކާ ބެހޭގޮތުން ސަރުކާރުގެ ނިންމުންތަކާއި އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހާމަކުރާންވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެ ކަމަކާ ބެހޭ މުއައްސަސާތަކުގެ އެންމެ އިސްވެރީންނެވެ. އޭގެ ބަދަލުގައި، ސަރުކާރު ހިންގާ ޕާޓީގެ އިސް މެންބަރުންގެ ފަރާތުން ނުވަތަ ސިޔާސީ އެކި ފަންތީގެ ބޭފުޅުންގެ ފަރާތުން އެކި ގޮތްގޮތަށް މަޢުލޫމާތު ފެތުރޭނަމަ، ރައްޔިތުންނަށް އިތުބާރު ހުރި މަޢުލޫމާތު އޮޅި، ނުތަނަވަސްކަން އިތުރުވެ ސަރުކާރާ މެދު އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ.
ޚުލާޞާކޮށް ބުނާނަމަ، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވޭނީ ހަމައެކަނި ރައްޔިތުން އިޤްތިޞާދު ކޮށްގެންނެއް ނޫނެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި އިޤްތިޞާދު ސިންދަފާތުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އަދި ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ މުޢާމަލާތު ކުރުމަކީ މި ދަނޑިވަޅުގައި ސަރުކާރުން ކޮންމެހެން ކުރާންޖެހޭ ކަންކަމެވެ. ރައްޔިތުންގެ އިތުބާރު ހޯދޭނީ ސިޔާސީ މަންފާއަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، ދުރުރާސްތާގެ ހަރުދަނާ ޕްލޭންތަކެއްގެ ދަށުން ދައުލަތް ހިންގައިގެންނެވެ.
ހަމަމިއާއެކު، މިފަދަ ކޮންމެ ދަތި ޙާލަތަކުން ޤައުމު ސަލާމަތްކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އާންމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުން ކޮންމެހެން ބޭނުމެވެ. ސަރުކާރުގެ އިޚްލާޞްތެރި މަގުދެއްކުމާއި މުއައްސަސާތަކުގެ ޒިންމާދާރު ފިޔަވަޅުތަކަށް ރައްޔިތުން އިޖާބަދީގެން މެނުވީ މިފަދަ ކާރިސާތަކުން އަރައިގަންނާން އުނދަގޫވާނެއެވެ.